Advertisement

ޝާކިރުބެ އެ ދެއްވާ ނަސޭހަތް އަޑުއަހަން މަޖުބޫރު

1 ސެޕްޓެންބަރު 2023 - 09:55 2

ނަސްމާ އަބްދުލްމުހުސިން

ނަސްމާ އަބްދުލްމުހުސިން


ޝާކިރުބެ އެ ދެއްވާ ނަސޭހަތް އަޑުއަހަން މަޖުބޫރު

1 ސެޕްޓެންބަރު 2023 - 09:55 2

އިޖުތިމާޢީ އެކި ކަންކަމަށް ފާޑުކިޔައި، ޤައުމީ ނިދާ އިއްވާ ޅެންވެރިކަމަކީ ދުނިޔޭގެ ކޮންމެ ބަހެއްގެ އަދަބިއްޔާތުގައިވެސް ފެންނާން ހުންނަ ޅެންވެރިކަމުގެ ވައްޓަފާޅިއެކެވެ. ދިވެހި ބަހުގައިވެސް މި ޝިޢާރުގެ ދަށުން އަމުނާ ޅެންތަކާއި ލަވަތައް ދުވަހުން ދުވަހަށް ދަނީ އިތުރުވަމުންނެވެ. ޚާއްޞަކޮށް، ސިޔާސީ ހަލަބޮލިކަމެއް އަންނަ ކޮންމެ ދަނޑިވަޅެއްގައި މި ފަދަ ޅެންވެރިކަން އިހުނަށްވުރެ ތިޔާގިވެއެވެ. މިއަދު ރާއްޖެ މި ދެކެނީ މި ފަދަ ދުވަސްތަކެކެވެ. އިންތިޚާބެއް ކައިރިވެގެން އަންނަ ދަނޑިވަޅަކީ ކެންޑިޑޭޓުންނަށް ޘަނާ ކިޔާ ޅެމާއި ލަވަ އަދި ކެންޑިޑޭޓުންނަށް ހަޖޫ ޖަހައި ޅެމާއި ލަވަ، ކޮންމެ ޖަގަހައަކުންވެސް އިވޭ ދަނޑިވަޅެކެވެ. އަދި މި އަހަރުގެ ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައިވާއިރު ފެންނަ ތަފާތަކީ މީސްމީޑިޔާގެ މަންސަތަކުގައި، ޢާއްމު ރައްޔިތުންގެ މެދުގައިވެސް މިނިވަންކަމާއެކު މިފަދަ ތަފާތު ޝުޢޫރުތައް ފާޅުކުރަމުންދާ މަންޒަރެވެ. އެހެންނަމަވެސް ބައެއް އުފެއްދުންތައް ޚާއްޞަވެއެވެ. އެއީ، ކެމްޕެއިން ފޯރީގައި އެ ހުންނަ ސިޔާސަކަމާއި ސަމާސާ ގޮތާއި އަދި ކިއެއްތަ ނޭއްގާނީ ގޮތްވެސް ނުފެންނަ، ޙަޤީޤަތުގައިވެސް އެ އުފެއްދުމެއްގެ އެހީގައި މީހާގެ ފިކުރާ ކުޅެލާފަދަ އުފެއްދުންތަކެވެ. މިއަދު ކޮށާ މަށަން މި މަސައްކަތްކުރަނީ މި ފަދަ ތަދު ޖަވާހިރެކެވެ.

ޢަބްދުﷲ ޝާކިރު، ނުވަތަ ހަތިފުށީ ޝާކިރުބެއޭ ދެންނެވީމާ، އެއީ ކޮން ޝާޢިރެއްގެ ނުދަންނާނޭ ޅެންވެރިއެއް ވަރަށް މަދުވާނެއެވެ. ކޮންމެ މަޢުޟޫޢަކަށްވެސް ފަސޭހަކަމާއެކު ޅެން ހައްދަވައެވެ. ދިވެހިބަހުގެ އެކެޑަމީގެ ކުރީގެ ރައީސް އަޝްރަފް ޢަލީ، ވިދާޅުވީ، "ޝާކިރުބެއަށް ކޮންމެ ޝުޢޫރެއް ވެސް ޅެމުން ފާޅު ކޮށްލެއްވުމަކީ ފެންފޮދެއް ދިރުވުން ހައި ފަސޭހަ ކަމެއް" ކަމުގައެވެ.

ޅެންވެރިޔާ ޢަބްދުﷲ ޝާކިރަކީ މިނިވަން ގަލަމުގެ ފުރިހަމަ ބޭނުން ހިއްޕަވަން ފަސްޖެހިވަޑައިނުގަންނަވާ، ޖެހިލުންކުޑަ ޅެންވެރިއެކެވެ. ޤައުމު އެ ޅެންވެރިއަކަށްޓަކައި ފަޚުރުވެރިވާ އިސްރަށްވެއްސެކެވެ. އެހެންނަމަވެސް މިއަދުގެ ސިޔާސީ އަދި އިޖުތިމާޢީ ކަންކަމަށް ފާޑުވިދާޅުވުމުގައިވެސް މި ޒަމާނުގެ ޒުވާނުންނެކޭ އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް ޙާލަތާ އަދާހަމަކަން ދައްކަވަމުން ގެންދަވާ ހުނަރުވެރިއެކެވެ. މިއަދު އަޅުގަނޑު މި ބަލާލަނީ ޤައުމު މިއަދު ދެކެމުންމިދާ ޙާލަތާއި، ދިވެހީން ނިންމަން މި ތައްޔާރުވަމުންދާ ނިންމުމުގެ މައްޗަށް އަލިއަޅުއްވާލައްވައި ޝާކިރުބެ ފާޅުކުރައްވާފައިވާ ޝުޢޫރަކަށެވެ.

ފުރަތަމަ ދެތިން ބައިތަށް ބަލާލަމާތޯއެވެ.

"ރުހެންޏާ މީހަކާ މެދުގައި ރުހެން ވަކި މިންވަރެއް ވިސްނާތި،

ބުދެއް ދިނަކަސް ރުހޭ މީހާ ބުދަށް އަޅުކަން ކަލޭ ނުކުރާތި

ކަނޑަށް އެރުނަސް ނަގަން ފަހަތުން އެރޭނަމައީ އެރޭ އިރުގައި،

ފަތަން ނޭނގޭކަމަށް ވަންޏާ ކަލޭ ގެނބިދާނެކަން ވިސްނާތި

އުޑަށް އެރުމަށް އެހެން ފުމުނަސް އުޑާހަމަޔަށް ނުފުމެވެންޏާ

އުޑަށް ނޭރޭނެކަން ދެނެގެން އުޑަށް އެރުމަށް ކަލޭ ނުފުމޭތި"

ތިން ޙާލަތެއްގައި ތިބި ތިން މީހެއްގެ ވާހަކައެވެ. އެކަކީ މީހަކާ މާ ބޮޑަށް ރުހޭތީ، އޭނާ ބުނިއްޔޭ ކިޔާފައި ކޮންމެ ކަމެއްވެސް ކޮށްފާނޭ މީހާއެވެ. އޭނާއަށް ޝާކިރުބޭ މި ނަސޭހަތްތެރިވަނީ ރުހޭ މީހާ އޭނާއަށް ބުދެއް ދިނަސް، އޭނާ އެއަށް އަޅުކަން ނުކުރުމަށެވެ. ދެވަނަ މީހާ އަކީ މީހެއް ކަނޑަށް އެރުނީތީ ފަހަތުން ކަނޑަށް އެރެން އުޅޭ މީހާއެވެ. އޭނާ ކަނޑަށް ފުންމާލަން ތައްޔާރުވާހިނދު ޅެންވެރިޔާ މި ހަނދާންކޮށްދެނީ، ފަތަން ނޭނގޭ ކަމަށްވަންޏާ އަނެކާގެ ފަހަތުން ކަނޑަށް އެރިއްޖެނަމަ، އޭނާ ދާ ތާކަށް ނުދެވި ތިމާ ގެނބިދާނޭކަމެވެ. ތިންވަނަ މީހާއަށް އެ އަންގަނީ އޭނާ ރުހޭ މީހާ އުޑަށް އަރާށޭ ކިޔާފައި ފުމުނަސް، އޭނާއަށް އުޑަށް އެރިދާނެތޯ އަމިއްލައަށް ސުވާލުކުރުމަށެވެ.

ޅެންވެރިޔާ މި ބޭނުންކުރައްވަނީ މިސާލުތަކެކެވެ. އަޅުގަނޑުމެން މިޅެން ކިޔާ މީހުންނަށް، މި މިސާލުތައް، ދިވެހިރާއްޖޭގެ އަދުގެ ޙާލަތާ ގުޅުވާލާނޭ ފުރުޞަތު އެބަ ލިބެއެވެ. މި ދުވަސްވަރަކީ ސިޔާސީ ފޯރީގައި "ރުހޭ މީހާ" ރުއްސުމަށް ކޮންމެ މީހަކު ކޮންމެ ކަމެއްވެސް ކޮށްފާނޭކަން އަޅުގަނޑުމެންގެ ލޯތަކަށް ފެނި ސާބިތުވަމުންދާ ދުވަސްތަކެވެ. ޢިލްމީ އެތައް ބަޔަކު ޙިލްމު އެކަހެރިކޮށް، ރުހޭ މީހާ ރުއްސެންވެގެން މޮޔަގޮވޭއިރުވެސް ނޭނގޭ ޙާލުގައި އުޅޭ މަންޒަރު ބަލާލާ ކޮންމެ ދިމާލަކުން އެބަ ފެނެއެވެ. "ރުހޭ މީހާ" ބަސްނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަށް އަރާ ހުރެ، މަޤާމުގެ ދަހިވެތިކަމުގައި ޢުމުރުދުވަހުން އޭނާ ހޯދި ޤަދަރުގައި ކޮޅުފައިން ޖަހާއިރު، އެ "ކަނޑަށް އެރި" ގެނބޭން އެއްބަސްވެ، ކައިރީގައި އަތްޖަހާ މީހުން ތިބޭތަން އެބަ ފެނެއެވެ. އެކި ކުލަކުލައިގެ ޕޯޑިއަމްތަކުގައި އަތް ވިއްދާލައިގެން ތިބެ ތަރިރުހަނދު ބާލަން ވަޢުދުވަމުންދާއިރު، އެއީ ހަމަ ލާހިކު ކުޅަދާނެކަމެއްތޯވެސް ބަލާނުލައި ތަރުޙީބުދޭ މީހުން ސައްތަ ސައްތައިން އެބަ ފެނެއެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ޝާކިރުބޭގެ މި ނަސޭޙަތް ނިސްބަތްވަނީ މި ހުރިހާ މަންޒަރެއް ކުޅޭ އަދި ކުޅިބަލަން މި ތިބޭ ދިވެހި ރައްޔިތުންނަށެވެ.

މިހާހިސާބުން އަޅުގަނޑުގެ ލޮލުގައި އަޅައިގަންނަނީ ޅެމުގެ ނިންމުންތަކެވެ. ޢަމުރުވެރި، ބާރުހުރި ނިންމުންތަކެކެވެ. " ވިސްނާތި"، "ނުބަލާތި"، "ނާރާތި"، "ނޫޅޭތި"، "ނުފުމޭތި"، "ނުކުރާތި" މި ފަދަ ނިންމުންތަކެކެވެ. ވަރުގަދަ ނިންމުންތަކުގެ އެހީގައި ޅެންވެރިޔާ އެ ދެއްވާ މެސެޖުގެ މުހިއްމުކަން އިހުސާސްވެއެވެ. ނިންމުންތައް ނިންމާފައިވަނީ ދެމޭ ފިއްޔަކަށް ނޫންކަމުން ކޮންމެވެސް ވަރެއްގެ "އަވަދިނެތިކަމެއް" އެ މެސެޖަށް ލިބެއެވެ. މި ކަންކަމާ ވިސްނަންވީ މާދަމާ އަކު ނޫންކަން، މިހާރުކަން ހާމަވެގެންދެއެވެ.

އެހެން ސިފައެކެވެ. ޅެންވެރިޔާ މުޚާޠަބު ކުރައްވަނީ ޅެން ކިޔާ ކޮންމެ މީހަކަށެވެ. ވަކި ބަޔަކަށް ނޫނެވެ. ރާއްޖޭގެ އަދުގެ ޙާލަތަށް އަހުލުވެރި ހަމަ ކޮންމެ މީހަކަށެވެ. މީހުން ރުއްސަން އުޅޭ ކެންޑިޑޭޓުންނަށެވެ. އެ މީހުންނަށް ތާއީދުކުރާ މީހުންގެ ތެރޭގައި ތިބި "ކަނު ލޯބި" ދޭ މީހުންނަށެވެ. މި ކަންކަމާ މާ ގަޔާ ނުވެ، ދުރުގައި ކުޅިބަލަން ތިބޭ މީހުންނަށެވެ. އެންމެންނަށެވެ. ކޮންމެ މީހަކު މި ޅެން ކިޔަސް، އެއީ ސީދާ އޭނާއަށް މުޚާޠަބުކުރާ ޅެމެއް ބާއޭ ސުވާލުކުރާނޭ ޖާގަ މި ޅެމުން އެބަ ލިބެއެވެ.

ކުރިއަށްއޮތް ތިން ބައިތުގައިވެސް ޝާކިރުބޭ ނަޞޭހަތްދެއްވަނީ "ރުހޭ މީހާ" ރުއްސަން އުޅޭ މީހުންނަށެވެ. ގަހަށް އަރާ މީހެއްގެ މިސާލުންނެވެ. ވިދާޅުވެފައިވެއެވެ. މީހަކު ގަހަކަށް އެރިޔަސް ތިމާ އޭނާގެ ފަހަތުން އަރާނީ ގަހަށް އަރާއިރު ހިފާނޭ ގޮފި ފެންނަން ހުރިއްޔާ ކަމަށެވެ. އަދި ގަހުން ފައިބަންޖެހިއްޖެނަމަ ފޭބޭނޭ ގޮތެއްވެސް އޮތްތޯ ބެލުމަށްފަހުގައިކަމަށެވެ.

ފަސްވަނަ ބައިތުގައި މިއަށްވުރެ ސާދާ ސީދަލެވެ. މިސާލުތަކަކުން ހިޖާބުކޮށްފައެއް ނެތެވެ. އެ ދެއްވާ އިރުޝާދުގެ ޚައްޞާޞްކަމުން ތޯއްޗެކެވެ. ވިދާޅުވެފައިވެއެވެ.

"ތަނެއްގެ ހަލާކު ކުރިމަގުގައި ވެދާނޭ ކަންކަމާ މެދުގައި

ކަމެއްގައި އުޅުނަކަސް އެކަމާ ކަލޭ ބައިވެރިވެގެން ނޫޅޭތި

ވިދާހައި ކޮންމެ އެއްޗެއް އަދި "ރަނޭ ހީކޮށް" ކަލޭ ނޫޅޭތި

އިތާގެ ބަނޑުން ވިހޭހައި އެއްޗަކީ "މުތަކަށް" ކަލޭ ނުބަލާތި"

ވަރަށް ހެޔޮ ނަޞޭޙަތެކެވެ. މީހަކު ރުއްސަން ވިޔަސް ތަނެއް ހަލާކަށް ވެއްޓޭފަދަ ކަމެއްގައި އެއްވެސް މީހަކު އަނެކާއަށް ތާއީދުކޮށް، އެކަމާ ބައިވެރިވެގެން އުޅެން ހެޔޮނުވާނެއެވެ. މި އަގުހުރި ނަޞޭޙަތަށް ފަހު ޅެންވެރިޔާ މި ހަނދާންކޮށްދެއްވަނީ ތިމާއަށް އެއީ "ރަނޭ" ހީވާހާ މީހަކީ ނުވަތަ ފިކުރަކީ އަދި ކޮންމެހެން ރަނަށް ނުވެދާނޭކަމަށެވެ. މިކަން ސިފަކުރައްވަން މިސާލު ނަންގަވާފައިވަނީ މުތުންނެވެ. މުތަގީ އިތާގެ ބަނޑުން ނަގާ އެއްޗެކެވެ. އެހެންނަމަވެސް ވިދާހާ އެއްޗަކީ ރަނަށް ނުވާ ބީދައިން އިތާގެ ބަނޑުންވެސް މުތް ނޫން ތަކެތި ނަގާކަން ޅެންވެރިޔާ ހަނދާންކޮށްދެނީ، އަދި "ދިހުމެއް ހުއްޓަސް" ތިމާ ރުހޭ މީހާއަކީ އެންމެ ރަނގަޅު މީހާއަށް ނުވުން އެކަށީގެންވާކަން ހަނދާންކޮށްދެމުންނެވެ.

ޅެމުގެ މިހާ ހިސާބުން ޝާކިރުބޭ ކިޔައިދެއްވަނީ ތިމާ ރުހޭ މީހާއަކީ އެންމެ ރަނގަޅު މީހާ ކަމުގައި ނުވެއްޖެނަމަ ދެން ނިކުމެދާނެ ނޭދެވޭ ނަތީޖާއެވެ.

"އަބުރުވެރި މީހެކޭ ހީކޮށް އެކީގައި ތަންތަނަށް ދިޔަޔަސް

ކަނބުރު ގެޔަކަށް ވަދެފިނަމަ އަޅިބުރާނެކަމަށް ކަލޭ ވިސްނާތި

އަތަށް ލައިގެން ގޮހޮރު ކާންދީ ހަދައިގެން އޮޅުކުރާ "ކަޅު ވެން"

އަތާއެކު ގޮހޮރުގަނޑުވެސް ކައިނުލާނެކަމަށް ކަލޭ ނުބަލާތި"

ތެދެކެވެ. ކަނބުރުގެއަށް ވަނިއްޔާ ދަގަނޑު ނުތެޅިޔަސް ތިމާ ގަޔަށްވެސް އަޅިބުރާނެއެވެ. އަދި އަތުން ލަވައިގެން ކަރުގޮހޮރު ކާންދިނަސް، އެއީ "ކަޅު ވެނެއް" ކަމަށް ވަންޏާ އެ ކަރުގޮހޮރާ އެކީ ކާންދޭ މީހާގެ އަތްކާލުމަކީވެސް އެކަށީގެންވާކަމެކެވެ. ޝާކިރުބޭ މި ދެއްވާ ހެޔޮ ނަސޭޙަތަކީ މިއަދު އަޅުގަނޑުމެން ދިވެހިން މި ދެކޭ ހަލަބޮލި ސިޔާސީ މާހައުލުގައި އަބަދުވެސް ހަނދާން ބަހައްޓަންޖެހޭ ކަމެކެވެ. ޖަޒުބާތުގެ ގަދަ އޮއި އެކި މީހުން އެކި ދިމަދިމާއަށް ދަމަމުން ދާނެކަން ދަންނަން އެބަޖެހެއެވެ. އެހެންނަމަވެސް ތިމާގެ ޢަމަލުތައް ސާބިތުކުރަންވީ ބުއްދީގެ ނަގިލިންނެވެ. މި ޅެމުގައި ޝާޢިރު އެ ވިދާޅުވަނީ ވަކި މީހަކަށް ތާއީދުކުރާށެކޭ ނޫނެވެ. އެހެންނަމަވެސް ތިމާގެ ޖަޒުބާތުތައް ތިމާގެ ބުއްދީގެ ބާރުގެ ދަށަށް ގެނައުމަށެވެ.

ކުޑަ ހިނދުކޮޅަކަށް ހިމޭން ވެލާށެވެ. ތިމާ ނިންމަން އޮތް ނިންމުމާ މެދު ފުންކޮށް ވިސްނާލާށެވެ. ތިމާގެ ސިކުނޑިއަށް މިއަދު އޮތް ހަމައެކަނި ތަޢައްޞަބަކީ ދީނާއި، ޤައުމިއްޔަތު ކަމުގައި ހަދާށެވެ. ދެން، ޝާކިރުބޭގެ މި ނަސޭޙަތް ހެޔޮ ހިތުން އަޑުއަހާށެވެ. އެއީ މިފަދަ އެތައް ދުވަހަކަށް އިރުއަރައި އިރުއޮއްސޭތަން ދެކެފައި ހުރި ތަޖުރިބާކާރެއްގެ ޝުޢޫރެވެ. ތަޖުރިބާއިން ޢިބުރަތް ލިބިގަންނާށެވެ.