Advertisement

އިހުތިޔާރު ކުރެއްވޭ ވެރިން މިޒަމާނުގައި ވެސް ދެނެގަނެވިދާނެތަ؟

1 ސެޕްޓެންބަރު 2023 - 07:00 0

ރޫޙުލްއަމީން ޢަބްދުﷲ

ރޫޙުލްއަމީން ޢަބްދުﷲ


އިހުތިޔާރު ކުރެއްވޭ ވެރިން މިޒަމާނުގައި ވެސް ދެނެގަނެވިދާނެތަ؟

1 ސެޕްޓެންބަރު 2023 - 07:00 0

އަހަރެމެންގެ ވެރިކަމާމެދު ނިންމާންޖެހޭ އެންމެ ބޮޑު ނިންމުމަށް، ކުރިމަތީގައި، ހަފުތާއެއް ދުވަހަށްވުރެ ދިގު މުއްދަތެއް މިހާރަކު ނެތެވެ. މި ދިވެހިރާއްޖޭގެ ވެރިކަމަށް އަށް މީހަކު ކުރިމަތިލައިފައިވާއިރު، އޭގެ ތެރެއިން މީހަކު އެއީ އަހަރެމެންގެ ރައީސުލްޖުމްހޫރިއްޔާކަމުގައި ވުމަށް އެންމެ ރަނގަޅު މީހާކަމަށް ބުނެ އަހަރެމެން ކުރެ ކޮންމެ ފަރުދަކަށްމެ އެއްފަހަރު ބަސް ބުނުމުގެ ހައްގު އެބަ އޮވެ އެވެ. އެ ހައްގު ބޭނުންކުރުމުގައި ދީނީ ގޮތުން ބަލާންޖެހޭ މިންގަނޑުތަކެއް ކުރީ ދުވަހުގެ ލިޔުމުގައި ވެސް ދަންނަވާލާފައިވާނެ އެވެ.

ކީރިތި ޤުރުއާނުގައި އަހަރެމެންނަށް ތަފާތު އެކި އިރުޝާދު ދެއްވުމުގައި އެކި އުންމަތްތަކުގެ ހަބަރުތައް ބަޔާންވެފައިވެ އެވެ. އުންމަތްތަކުގެ ހަބަރުތަކާއި އިހު އުޅުނު މީހުންގެ ވާހަކަތައް ޤުރުއާނުގައި އައިސްފައިވަނީ އެއިން އިބުރަތް ލިބިގަނެ ދެނެގަތުމަށްކަމާމެދަކު ޝައްކެތް ނެތެވެ. ވެރިޔަކު ކަނޑައެޅުމުގެ ވާހަކަތަކެއް ބަޔާންވެފައިވާ އެއް ވާހަކައަކީ އަލްބަޤަރާ ސޫރަތުގެ 246 ވަނަ އާޔަތުން އެ ސޫރަތުގެ 248 ވަނަ އާޔަތަށް ބަޔާންކުރެވިފައިވާ ބަސްފުޅުތަކެވެ. އެތިން އާޔަތާމެދު ފިކުރު ހިންގާލައި، އަޅުގަނޑަށް އަންނަ ހިޔާލުތައް ހިއްސާކޮށްލުމަށް މި ހުކުރު ދުވަހުގެ ބޭނުން ހިފާނަމެވެ. ފުރަތަމަ ތިން އާޔަތުގެ މާނަ ވިދާޅުވާށެވެ!

"އިސްރާއީލުގެދަރިންގެ ތެރެއިން، މުސާގެފާނަށްފަހުން އުޅުނު ޖަމާއަތެއްގެ މީހުންގެ ވާހަކަ، ކަލޭގެފާނަށް އެނގިވަޑައިގެންފައި ނުވޭހެއްޔެވެ؟ އެއީ، އެމީހުންގެ ނަބިއްޔަކަށް އެމީހުން ދެންނެވި ހިނދުގަ އެވެ. ﷲ ގެ މަގުގައި ތިމަންމެން ހަނގުރާމަކުރުމަށް ތިމަންމެންނަށް ރަސްކަލަކު ފޮނުއްވައި ދެއްވާށެވެ! އެ ނަބިއްޔާ ވިދާޅުވިއެވެ. ތިޔަބައިމީހުންގެ މައްޗަށް ހަނގުރާމަ ފަރުޟު ކުރެއްވިޔަސް، ތިޔަބައިމީހުން ހަނގުރާމަ ނުކޮށް ތިބެދާނެ ނޫންހެއްޔެވެ؟ އެއުރެން ދެންނެވިއެވެ. ތިމަންމެންގެ ގޯތި ގެދޮރުންނާއި ދަރިންގެ ގާތުން ތިމަންމެން ނެރެލާފައިވާ ހާލު، ﷲ ގެ މަގުގައި ތިމަންމެން ހަނގުރާމަ ނުކުރާންވީ ކީއްވެގެންހެއްޔެވެ؟ ދެން، އެމީހުންގެ މައްޗަށް ހަނގުރާމަ ފަރުޟުކުރެއްވިހިނދު، އެމީހުންގެ ތެރެއިން މަދުބަޔަކު މެނުވީ، އެކަމަށް ފުރަގަސްދިނެވެ. ﷲ އީ، އަނިޔާވެރިން މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (246) އަދި، އެމީހުންގެ ނަބިއްޔާ އެމީހުންނަށް ވިދާޅުވިއެވެ. ހަމަކަށަވަރުން، ﷲ ތިޔަބައިމީހުންނަށް ރަސްކަލެއްކަމުގައި ޠާލޫތު ފޮނުއްވައިފިއެވެ. އެމީހުން ދެންނެވިއެވެ. އޭނާއަށްވުރެން ރަސްކަމަށް ތިމަންމެން ހައްގުކަން ބޮޑުކަމުގައިވާއިރު، ތިމަންމެންގެ މައްޗަށް އޭނާއަށް ރަސްކަން އޮންނާނީ ކޮންފަދައަކުންތޯއެވެ؟ އަދި، އޭނާއަކަށް މުދަލުގެ ތަނަވަސްކަމެއްވެސް ލިބިފައެއް ނުވެއެވެ. އެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންގެ މައްޗަށް ﷲ، އޭނާ އިހުތިޔާރު ކުރެއްވިއެވެ. އަދި، އޭނާއަށް ޢިލްމާއި، ހަށިގަނޑުގެ ގޮތުން ތަނަވަސްކަން އިތުރު ކުރެއްވިއެވެ. ﷲ އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެކަލާނގެ ވެރިކަން ދެއްވައެވެ. އަދި، ﷲ އީ، ތަނަވަސްވަންތަ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. (247) އަދި، އެއުރެންނަށް އެއުރެންގެ ނަބިއްޔާ ވިދާޅުވިއެވެ. ހަމަކަށަވަރުން، އޭނާގެ ވެރިކަމުގެ ހެތްކަކީ، ތިޔަބައިމީހުންނާ ހަމަޔަށް ތާބޫތު އައުމެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޒުރަތުން ދެއްވާ ހިތްހަމަޖެހުމަކާއި، އަމާންކަމަކާއި، އަދި، މޫސާގެފާނުގެ އާލުވެރިންނާއި ހާރޫންގެފާނުގެ އާލުވެރިން، ދޫކުރެއްވި ތަކެތީގެ ތެރެއިން ބައެއްތަކެތިވެސް، އެ ތާބޫތުގައި ވެއެވެ. (އެތަކެއްޗާއެކު) އެ ތާބޫތު، މަލާއިކަތުން އުފުއްލަވައިގެން ގެންނަވާނެއެވެ. ތިޔަބައިމީހުންނީ، މުއުމިނުން ކަމުގައިވާނަމަ، ހަމަކަށަވަރުން، ތިޔަބައިމީހުންނަށް އެކަމުގައި ހެތްކެއްވާކަން ކަށަވަރެވެ. (ނޯޓު: ތާބޫތަކީ ފޮށްޓެކެވެ. އެ ފޮށީގައިވާ ތަކެއްޗާމެދު ތަފާތު ގޮތްގޮތަށް ތަފްސީރު ޢިލްމުވެރިން ލިޔުއްވާފައިވެއެވެ.) (248)

އަދި އެއްފަހަރު މި ތިން އާޔަތުގެ މާނަ ވިދާޅުވުމަށްފަހު އަޅުގަނޑާއެކު ފިކުރީ ނަޒަރަކުން މިއާޔަތްތަކުގައި ހުރި ވާހަކަތަކަށް ބަލާލަމާ ހިންގަވާށެވެ. ބަނީ އިސްރާއީލުންގެ ބަޔަކު އެބައިމީހުންގެ ގާތުގައި މާތް ﷲ ވަޙީ ބާވާލައްވާ ނަބިއްޔަކު ހުންނަވަނިކޮށް އެ އެދިވަޑައިގަންނަވަނީ ރަސްކަލަކު ފޮނުއްވައިދެއްވުމަށެވެ. އިތުރު ވެރިޔަކު ހުންނާންޖެހޭނެކަމަށް އެބައިމީހުން އެދެކޭ ހިޔާލާ ގުޅިގެން އެބައިމީހުންގެ ނަބިއްޔާ އެކަމަށް އޭގެ ޒާތުން އިންކާރުކުރައްވާފައި ނުވެއެވެ. މިޒަމާނުގައި ވެސް ވެރިކަމަށް ކޮންމެހެން ދީނީ އިލްމުވެރިޔަކު އަންނާން ނުޖެހޭކަމަށް މިކަމުން ދަލީލު ލިބެއެވެ. އެހެނީ ދީނީ އިލްމުވެރިންނަކީ ނަބިއްޔުންގެ ވާރުތަވެރިންނެވެ. މީކީ ކޮންމެހެން ވެރިކަމަށް ޝަރުތު ހަމަވާ ދީނީ އިލްމުވެރިޔަކު ވެރިކަމަށް އައުމާމެދު ދެބަސްވާތީ ދެންނެވި އެއްޗެއް ނޫނެވެ.

ކޮންމެއަކަސް ދެން އެބައިމީހުންގެ ނަބިއްޔާ އެ އިއުލާންކުރައްވަނީ އެބައިމީހުން އެދުނު އެދުން މާތް ﷲ ފުއްދަވައިފިކަމުގެ އުފާވެރި ހަބަރެވެ. އެބައިމީހުން އެދުނު ފަދައިން އެބައިމީހުންގެ މައްޗަށް ރަސްކަލަކު މާތް ﷲ އިހުތިޔާރުކުރެއްވީއެވެ. އާދޭހެވެ! ވެރިކަމަކީ މާތް ﷲ ގެ ބާރުގެ ތެރެއިން އެކަލާނގެ ރުއްސަވާ އަޅަކަށް ދެއްވާ އެއްޗެކެވެ. މިހެން ބުނީމާ ފަހަރުގައި މީހަކު ބުނެފާނެއެވެ. ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމަށާއި، ރައްޔިތުން ގިނައިން ވޯޓުލާ މީހަކަށް ވެރިކަން ލިބޭކަމަށެވެ. އެކަމަކު ހަގީގީ ދުރުމީގެ ނަޒަރަކުން ބަލާއިރު، މިޒަމާނުގެ މީހުން އެމައްޗަށް ފަހުރުވެރިވެގަނެގެން އުޅޭ ޑިމޮކްރަސީގައި ވެސް ވެރިކަމާ ހަމައަށް މީހަކަށް އާދެވިފައި އޮންނަނީ އެމީހަކު އަދި ކިތަންމެ ރޭވުމެއް ރޭވިޔަސް، މާތް ﷲ ގެ ތަގުދީރު އެމައްޗަށް އިރާދަކުރައްވައިގެންނެވެ. ޕާޓީތަކުގެ ޕްރައިމަރީތަކުގައި ކަންހިނގަމުން އައިސްފައި ހުންނަ ގޮތާއި، އިންތިހާބުތަކުގެ ނަތީޖާތައް ނުކުމެފައި ހުންނަ ގޮތުން މިދެންނެވި ހަގީގަތް އަޅުގަނޑުގެ ދެލޮލަށް ފެނެއެވެ. އާދޭހެވެ. ދުނިޔަވީ އެންމެހާ ތަދުބީރުތަކެއްގެ މައްޗަށް ގަދަވަގެންވާ ﷲ ގެ ނިޔާފުޅާ ތަގުދީރުން ހޮއްވަވާ ހޮއްވެވުމާއި ކުރައްވާ އިހުތިޔާރެވެ.

ޠާލޫތު އެބައިމީހުންގެ ވެރިއެއްގެ ގޮތުގައި އިހުތިޔާރުކުރެއްވި ހަބަރާއެކު ރައްޔިތުން އެކަމާ ކުރި ޝަކުވާ އިސްވެ ދިޔަ އާޔަތުގައި އެބަ އޮތެވެ. އެމީހުން ދުށީ ޠާލޫތަށްވުރެ ވެރިކަމަށް ހައްގުކަން ބޮޑީ އެމީހުންގެ ތެރެއިން މީހެއްކަމަށެވެ. އަދި ޠާލޫތަށް ވެރިކަން ހައްގު ނުވާ ސަބަބެއްގެ ގޮތުގައި އޭނާއަކީ މުދާގިނަ މުއްސަންޖެއްވެސް ނޫންކަމަށް އެބައިމީހުން ފާހަގަކުރިއެވެ. ދެން އެމީހުންގެ ނަބިއްޔާ ބަޔާންކުރެއްވީ ޠާލޫތު ވެރިއެއްކަމުގައި އިހުތިޔާރުކުރެއްވުނު ސަބަބުތަކާއި އެކަން އިތުރަށް ބަލާނެ ގޮތެވެ.

ޠާލޫތަށް މުދަލުގެ ތަނަވަސްކަމެއް ލިބިފައި ނުވާތީ، އެކަމަށް ރައްޔިތުން ފާހަގަކުރި ނުކުތާއާ ގުޅިގެން އާޔަތްތަކުގައި ވަކި ބަސްފުޅެއް ވަކި ގޮތަކަށް ނެތެވެ. އެއިން ދޭހަކުރެވޭ މާނައަކީ، ވެރިކަމަށް ގެނައުމުގައި މުދާވެރިއަކަށްވުމާއި ނުވުމަކީ، އެއީ ރިއާޔަތްކުރެވޭ ކަމެއް ނޫންކަމެވެ. ވަކި މީހަކީ މުއްސަންޖަކަށްވިޔަތީ ވެރިކަން ދޭން ނުޖެހޭ ކަމެވެ. ހަމައެފަދައިން މުއްސަންޖަކަށްވިޔަތީ، ކޮންމެހެން އެސަބަބަށްޓަކައި ވެރިކަން ނުދޭކަށް ވެސް ނުޖެހެއެވެ. އެކަމަކީ ރިއާޔަތްކުރެވޭ ކަމަކަށް ނުވަނީއެވެ.

އެބައިމީހުންގެ ނަބިއްޔާ ބަޔާންކުރައްވައެވެ. "ތިޔަބައިމީހުންގެ މައްޗަށް ﷲ، އޭނާ އިހުތިޔާރު ކުރެއްވިއެވެ. އަދި، އޭނާއަށް ޢިލްމާއި، ހަށިގަނޑުގެ ގޮތުން ތަނަވަސްކަން އިތުރު ކުރެއްވިއެވެ." މިތަނުގައި މިއޮތް ޢިލްމަކީ ދީނީ ޢިލްމުގެ ވާހަކަ އެކަނި ނޫންކަމުގައި ގަބޫލުކުރަންޖެހެއެވެ. އޭގެ ބަދަލުގައި އެއީ ވެރިކަންކުރުމާ ގުޅޭ ހުރިހާ ކަމެއްގައި އެނގުމާއި ދަތުން މުހިންމު ކަންކަމުގެ ޢިލްމުކަމުގައި އަޅުގަނޑަށް ދޭހަކުރެވެއެވެ. އެހެނީ އެތަނުގައި އޮތީ ދީނީ ޢިލްމުގެ ވާހަކަ އެކަނި ނަމަ، ނަބިއްޔަކު ހުންނަވަނިކޮށް ޠާލޫތު ރަސްކަލެއްގެ ގޮތުގައި އިހުތިޔާރުކުރެވެންޖެހޭ ސަބަބެއް ނެތެވެ.

ދެން އޮތީ އާޔަތުގައި ބަޔާންވެފައިވާ ހަށިގަނޑުގެ ތަނަވަސްކަމެވެ. މިއާޔަތުން ދަލީލު ނަންގަވައި ވަރަށް ގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ޖިސްމާނީ އައިބެއް ހުރުމަކީ ވެރިކަމަށް ޝަރުތުހަމަ ނުވާ ސަބަބެކެވެ. އެ ބަހުސަށް އަޅުގަނޑު ދާކަށް ނެތީމެވެ. އެކަމަކު މިއާޔަތް އެޔަށްވުރެ ފުޅާ މާނައަކަށް ވިސްނާފިކުރުކުރުމުގެ ބޭނުމަށް ގެންދެވިދާނެއެވެ. ވިސްނަވާށެވެ! އެމީހުން ފުރަތަމަވެސް ދެންނެވީ ﷲ ގެ މަގުގައި ހަނގުރާމަކުރުމުގެ ބޭނުމަށް ރަސްކަލެއް ފޮނުއްވައިދެއްވުމަށެވެ. އެކަމަކީ ޝައްކެތް ނެތް ގޮތުން، އެޒަމާނަށް ބަލާއިރު، ހެވިކަމަށް މޮޅު، ދުޅަހެޔޮ ހައްޓެއްގެ ވެރިޔަކަށް ނޫނީ ހައްލުކޮށްދެވޭނެ ފަދަ މައްސަލައެއް ނޫނެވެ. އެބައިމީހުން ރަސްކަމަކަށް އެދުނު މައިގަނޑު ބޭނުމަކީ ހަނގުރާމަކޮށް އެބައިމީހުންގެ އަދާވާތްތެރިން ބަލިކުރުމެވެ.

އެހެންވީމާ އެބައިމީހުންގެ މައްޗަށް ވެރިއެއްކަމުގައި ޠާލޫތު އިހުތިޔާރުކުރެއްވުމުގައި ޠާލޫތުގެ ސިފައެއްގެ ގޮތުގައި، ހަށިގަނޑަށް ލިބިފައިވާ ތަނަވަސްކަން ބަޔާންކުރެވިފައިވަނީ، ވެރިކަން އޭގެ ޒާތުން ބިނާކުރެވޭ އެންމެ މަތިވެރި މަޤުސަދަށް އަމާޒުވެގެންކަމުގައި ފެނެއެވެ. އެހެންވީމާ މިއާޔަތުން އަޅުގަނޑަށް ދަލީލު ލިބެނީ، ރައްޔިތުންނަށް ބޮޑުވެފައިވާ މައްސަލަތައް ހައްލުކުރުމުގެ ގާބިލުކަމާއި، ރައްޔިތުން ވެރިކަމަކުން ބޭނުންވެގެން އުޅޭ މަގުސަދުތައް ހާސިލުކޮށްދިނުމުގެ ކެރިކުޅަދާނަކަން ހުރުން އެއީ ވެރިޔެއްގައި ހުރުން ލާޒިމުވާ ޝަރުތެއްކަމަށެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ، އަޅުގަނޑު މިދަންނަވާ އެއްޗަކީ، އިލްމު ހުރުމުން އެކަނި ނުފެދޭކަމާއި، އަދި އެމީހަކީ ޖިސްމާނީ ގޮތުން ގާބިލު ހަނގުރާމައަށް މޮޅުވެގެން އަދި ޝަރުތު ހަމަވާން ނެތް ވާހަކައެވެ. އޭގެ ބަދަލުގައި، އެ ވެރިކަމެއް ގާއިމުކުރެވޭ މަގުސަދުތަކަށް ބަލައި، ރައްޔިތުން ބޭނުންވެގެން އުޅޭ ކަންކަން ކޮށްދިނުމުގެ ގާބިލިއްޔަތު އެއީ ޝަރުތެއްކަމުގައި އަޅުގަނޑު ދެކެމެވެ. މަސްތުވާތަކެތީގެ މައްސަލައާއި ބޯހިޔާވެހިކަމުގެ މައްސަލައާއި، ކޮރަޕްޝަންގެ މައްސަލައާއި، ދިވެހިރާއްޖޭގެ ބައިތުލް މާލު ދަރަނިވެރިވާ މައްސަލަތައްފަދަ ދިވެހިންގެ ބޮޑެތި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދެވޭފަދަ ގާބިލުކަން ހުރުމަކީ ޝަރުތެއްކަމުގައި އަޅުގަނޑަށް އެއާޔަތުން ދޭހަވެއެވެ.

ޠާލޫތަކީ ﷲ އިހުތިޔާރު ކުރެއްވި ފަރާތްކަމަށް އާޔަތުގައި ބަޔާންވެފައިވެއެވެ. އަދި "...ﷲ އެކަލާނގެ އިރާދަކުރައްވާ މީހަކަށް، އެކަލާނގެ ވެރިކަން ދެއްވައެވެ." މިފަދައިންވެސް ބަޔާންވެފައިވެއެވެ. އާދޭހެވެ! އާޔަތުގައި ބަޔާންވެފައިވާ ޖަމާއަތުގެ މީހުންނަށް އެބައިމީހުންގެ މައްޗަށް ޠާލޫތު ރަސްކަލެއް ކަމުގައި އިހުތިޔާރު ކުރެއްވިކަން އެންގެވީ ވަޙީ ބާވާލެއްވޭ ނަބިއްޔެކެވެ. އަދި އެވަރުން ނިމުނީކީ ނޫނެވެ. އޭނާއަކީ ﷲ އިހުތިޔާރު ކުރެއްވި ފަރާތުގެ ހެއްކެއްގެ ގޮތުން "ތާބޫތު" ގެ ކަރާމާތް އޭނާއާއެކު ފޮނުއްވުނެވެ.

ސުވާލަކީ އަހަރެމެން މިޒަމާނުގައި ވަކި މީހަކީ ﷲ އިހުތިޔާރު ކުރެއްވުނު ފަރާތެއްކަން ދެނަގަންނާނީ ކިހިނެއްހެއްޔެވެ؟ އެކަމުގެ ސާފު ޖަވާބަކީ، "ނޭނގެ" މިއެވެ. އެކަމަކު އިސްވެދިޔަ އާޔަތްތަކަށް ވިސްނާފިކުރުކުރުމުން އަލިމަގެއް ފެނެއެވެ. ކީރިތި ޤުރުއާނަކީ ﷲ އަށް ބިރުވެތިވާ މީހުންނަށް ހުރި ތެދުމަގު ކަމާމެދަކަށް އަޅުގަނޑު ޝައްކެތް ނުކުރުމެވެ. އާދޭހެވެ. މިޒަމާނުގައި ވެރިކަމަށް ހޮވޭ އެއްވެސް މީހެއްގެ ކިބައިން ތާބޫތު ގެ ކަރާމާތެއް ނުފެންނާނެއެވެ. އެކަމަކު ތާބޫތު އެއީ ޠާލޫތުގެ ވެރިކަމުގެ ހެކިކަމުގައި ވެގެންދިޔަ ސަބަބު އާޔަތުގައި އެބަ އޮތެވެ. އޭގެ ޒާތުން އެއީ ތާބޫތަށް ވިޔަތީއެއް ނޫނެވެ. "... ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ހަޒުރަތުން ދެއްވާ ހިތްހަމަޖެހުމަކާއި، އަމާންކަމަކާއި، އަދި، މޫސާގެފާނުގެ އާލުވެރިންނާއި ހާރޫންގެފާނުގެ އާލުވެރިން، ދޫކުރެއްވި ތަކެތީގެ ތެރެއިން ބައެއްތަކެތިވެސް، އެ ތާބޫތުގައި ވެއެވެ." މިއެވެ.

އިހުތިޔާރުކުރެއްވުނު ވެރިއެއް ނަމަ އޭގެ ހެއްކަކީ، އެ ވެރިއެއްގެ ޒަރީއާއިން ހިތްހަމަޖެހުމާއި އަމާންކަން ރައްޔިތުންނަށް އިހުސާސްވަމުންދިއުމެވެ. އަދި އެފަދަ ވެރިޔަކީ، ތަނުގައި އޮތް އިސްލާމީ ސަގާފަތާއި ތާރީހާއި ދުވަސްވީ ހެޔޮ އާދަތަކަށް ރައްކާތެރިވާނެ ވެރިއެއްކަމުގައި ވާނެކަން، ވެސް އާޔަތުން ދޭހަކުރެވެއެވެ. "..އަދި، މޫސާގެފާނުގެ އާލުވެރިންނާއި ހާރޫންގެފާނުގެ އާލުވެރިން، ދޫކުރެއްވި ތަކެތީގެ ތެރެއިން ބައެއްތަކެތިވެސް، އެ ތާބޫތުގައި ވެއެވެ." މިފަދައިން ބަޔާންކުރާތީއެވެ.