31 އޮގަސްޓު 2023 - 12:59 0
ނަޖާހު މަސްއޫދު
އައްޑޫގައި ބޭބެ މަރާލިކަމުގެ ތުހުމަތުގައި ދައުވާ ކުރި، ހުސައިން މަވާޒް -- ފޮޓޯ: ސޯޝަލް މީޑިއާ
31 އޮގަސްޓު 2023 - 12:59 0
އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ މަރަދޫފޭދޫ، ބްލޫ ސްޓާ، އަހުމަދު ޝުއައިބު މަރާލި މައްސަލައިގައި އޭނާގެ ކޮއްކޮ، ހުސައިން މަވާޒްގެ މައްޗަށް ދައުލަތުން އުފުލި ގަސްތުގައި މީހަކު މެރުމުގެ ދައުވާއަށް މިއަދު މަވާޒު ކްރިމިނަލް ކޯޓުގައި އިއުތިރާފުވުމުން އޭނާގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައިފި އެވެ.
މެއި 31 ވަނަ ދުވަހުގެ ރޭ އައްޑޫ މަރަދޫގައި މަވާޒު، 25 ތޫނު އެއްޗަކުން ދިން ހަމަލާއަކުން ޝުއައިބު، 27 މަރުވުމުން މަވާޒު އުޅުނީ ފިލައިގެންނެވެ. އެކަމަކު، އޭނާ ހޯދަން އިއުލާނު ކުރުމުން ޖެހިގެން އައި ދުވަހު އަމިއްލައަށް ފުލުހުންނާ ހަވާލުވި އެވެ. އެ މައްސަލައިގައި މަވާޒުގެ މައްޗަށް އުފުލީ ގަސްތުގައި މީހަކު މެރުމުގެ ދައުވާ އެވެ
ކްރިމިނަލް ކޯޓުން މިއަދު ބުނީ، އެ މައްސަލައިގައި މިއަދު އެ ކޯޓުގައި ބޭއްވި އަޑުއެހުމުގައި މަވާޒު އޭނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް އިއުތިރާފުވެ، ޝަރީއަތުގައި ހާދިސާ ހިނގައިދިޔަ ގޮތް ކިޔައިދީފައިވާ ކަމަށެވެ. އަދި އޭނާގެ އިއުތިރާފުން ކުށް ސާބިތުވާ ކަމަށް މައްސަލަ ބައްލަވާ ގާޒީ ކަނޑައަޅުއްވާފައިވާ ކަމަށް ބުންޏެވެ.
އެ ކުށާ މެދު ހިތާމަ ކުރާ ކަމަށާއި މިހާރު އެ ކުށަށް ތައުބާވެފައިވާ ކަމަށް ވެސް މަވާޒު ޝަރީއަތުގައި ބުނެފައިވާ ކަމަށް ވެސް ކޯޓުން ބުންޏެވެ.
މި މައްސަލައިގައި މަވާޒު ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދައިފަ އެވެ. ދެން އޮންނަ އަޑުއެހުމެއްގައި އޮންނާނީ އެ އެއްބަސްވުން ދަމަހައްޓަން ބޭނުންވާ ނަމަ އެއާ އެއްގޮތަށް މަވާޒުގެ މައްޗަށް އަދަބު ކަނޑައެޅުމެވެ. އިއުތިރާފު އެއްބަސްވުމުން މަވާޒު ރުޖޫއަވެއްޖެ ނަމަ އަދަބު ކަނޑައަޅާނީ އަދަބާ މެދު ވާހަކަ ދައްކަން ދެ ފަރާތަށް ވެސް ފުރުސަތު ދިނުމަށްފަހު އެވެ.
މިއަދު މައްސަލަ ބައްލަވާ ގާޒީ އިއުލާނު ކުރެއްވީ އަދަބު ކަނޑައެޅުމަށް 10 ދުވަސް ފަހުން އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.
ޝުއައިބުއަށް މަވާޒު ހަމަލާ ދިނީ އެ ދެ މީހުން ދިރިއުޅޭ ގެ ކައިރީގައި މަގުމަތިންނެވެ. ކަތުރެއް ކަމަށް ބެލެވޭ އެއްޗަކުން ދިން ހަމަލާގައި ޝުއައިބު މަރުވީ އެ ޒަހަމަތަކަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށެވެ.
Comment