ރައީސް, ލ. މާމެންދުއަސް ވަޑައިގެންނެވުމުން އިސްތިގުބަލުގަިއ ނިކުމެ ތިބި ރައްޔިތުން -- ފޮޓޯ: މިރާން/ އަދަދު
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލ. ފޮނަދުއަށް ވަޑައިގެންނެވިއިރު, އެ ރަށު ކުދި ބޮޑު ގިނަ ބަޔަކު އިސްތިގުބާލުގައި ތިއްބެވެ. އެ ދާއިރާގެ މަމެންދުއަށް ވަޑައިގެންނެވުމުން ވެސް ހަމަ އެހެންނެވެ. ނިކުމެ ތިބި ސަޕޯޓަރުންގެ މޫނު މަތީގައި ނުތަނަވަސްކަމެއް ނެތެވެ. އޮތީ ބޮޑު އަގުލަބިއްޔަތެއް ދީގެން އަނެއްކާވެސް ރައީސް އިންތިހާބު ކުރުމުގެ ފޯރި އާއި ޖޯޝެވެ.
މާމެންދޫ, ފޮނަދޫ ހިމެނޭ އެ ދާއިރާގެ މަޖިލިސް މެންބަރު މޫސާ ސިރާޖު އެމްޑީޕީ ދޫކުރައްވައި, ވާދަވެރި ކެންޑިޑޭޓަށް ތާއިދު ކުރެއްވީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. ޕާޓީ ދޫކުރައްވައި ވަޑައިގަންނަވަމުން ސިރާޖު ވިދާޅުވި ގޮތުގައި މި އިންތިހާބުގައި ފޮނަދޫ ދާއިރާގެ މެޖޯރިޓީ އެމްޑީޕީއަށް ގެއްލިދާނެ އެވެ.
އެހެން ނަމަވެސް އެ ދާއިރާގެ ދެ ރަށުގެ ރައްޔިތުން އެކަމުގައި ދެކޭ ގޮތް ތަފާތެވެ. އެ މީހުން ސިފަ ކުރި ގޮތުގައި ސިރާޖަކީ ސިޔާސީ ގޮތުން އެ ދާއިރާއަށް މުހިންމު މީހެއް ނޫނެވެ. އަދި އޭނާ ޕާޓީ ދޫކޮށް ދިޔައީ ތާއިދު ނެތުމުންނެވެ.
"އޭނަ [މެންބަރު ސިރާޖު] ދިޔައީ މި ދާއިރާއިން އޭނައަށް ތާއިދު ނެތިގެން. އޭނަ ދިޔައޭ ކިޔައިފަ މި ދާއިރާއަށް އަދި އެމްޑީޕީއަށް ވެސް ގެއްލޭނެ އެއްޗެއް ނޯންނާނެ" މާމެންދުއިން ދިމާވި މެދު އުމުރުގެ ފިރިހެނަކު ބުންޏެވެ.
ރައީސް ފޮނަދުއަށް ވަޑައިގެން ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: މިރާން/ އަދަދު
ދާއިރާ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި, އެ ދާއިރާގެ މެންބަރުގެ މަސްއޫލިއްޔަތު ވެސް އަދާކުރައްވަނީ ޖެހިގެން އޮތް ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމެވެ. އެހެންކަމުން, މެންބަރު ސިރާޖު އެމްޑީޕީން ވަކިވެވަޑައިގެންނެވިޔަސް, އެއީ ދާއިރާއަށާއި ޕާޓީއަށް ލިބޭނެ ގެއްލުމެއް ނޫން ކަމަށް އެމީހުން ދެކެ އެވެ.
"ސިރާޖުއާ އެއްކޮށް ދިޔައީ އޭނަގެ ފައިވާނާއި, ގަމީސް އެކަނި. މިފަހަރު ވެސް މި ރަށުގެ މެޖޯރިޓީ ލިބޭނީ އެމްޑީޕީއަށް" ފޮނަދޫއިން ދިމާވި މީހަކު ބުންޏެވެ.
ދާއިރާ މެންބަރު އޭނާ އަށް މާ މުހިންމު މީހަކަށް ނުވި އެވެ.
ފޮނަދޫން ވާހަކަދެއްކި އިތުރު މީހަކު ބުނި ގޮތުގައި, ޕީޕީއެމްގެ އޭރުގެ ނައިބު ރައީސް އަބްދުއްރަހީމް އަބްދުالله (އަދުރޭ) އާ ވާދަކުރައްވައި, މެންބަރު ސިރާޖު މަޖިލީހަށް ހޮވިވަޑައިގެންނެވީ އެމްޑީޕީ މެންބަރުން އޭނަ އަތުގައި ހިފައިގެން ގެންދިއުމުންނެވެ. ނަމަވެސް މަދު ދުވަސްކޮޅެއްގެ ތެރޭގައި އެ ލިބުނު ތާއިދު ނެތި ގެއްލި ހިނގައްޖެ ކަމަށް އެ މީހުން ދެކެ އެވެ.
"[ސިރާޖު] އިންތިހާބު ވިތާ މާގިނަ ދުވަހެއް ނުވޭ އޭނައަށް އޮތް ތާއިދު ގެއްލިއްޖެ. އެއީ, އޭނަގެ އުޅުން ހުންނަ ގޮތުން. އެއްތަނުން އަނެއްތަނަށް ބަދަލުވާތީ" ދާއިރާ ރައްޔިތަކު ބުންޏެވެ.
ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު -- ފޮޓޯ: ރައީސް އޮފީސް
ކުރިން ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރެއްްވި މޫސާ ސިރާޖަކީ 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކޮށް މަޖިލީހަށް ހޮވިވަޑައިގެންނެވި މެންބަރެކެވެ. ފޮނަދޫ ދާއިރާގެ މެންބަރުކަން ސިރާޖު ކާމިޔާބު ކުރެއްވީ އަދުރޭ އާ ވާދަކުރައްވައި 13 ވޯޓުގެ ތަފާތުންނެވެ.
ސިރާޖާ ނުލާ ވެސް ފޮނަދޫ ދާއިރާއިން އޮތީ އެމްޑީޕީއަށް މެޖޯރިޓީ ދޭން ތައްޔާރަށެވެ. ސަބަބެއް ގޮތުގައި ދެ ރަށުގެ ރައްޔިތުން ވެސް ގަބޫލު ކުރަނީ, މި ވެރިކަމުގައި އެ ދެ ރަށަށް ކޮށްދީފައިވާ ކަންކަމެވެ. ދެހާސްއަށާރަ ވަނަ އަހަރުގެ އިންތިހާބުގައި ރައީސް ސޯލިހަށް ފޮނަދުއިން 47 ޕަސަންޓު ލިބިވަޑައިގެންނެވިއިރު, މާމެންދުއިން 54 ޕަސަންޓު ލިބިވަޑައިގެންނެވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ސޯލިހު ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުތަކުން, ބޮޑު ތާއީދެއް ފެންނަމުންދާއިރު, އެމަނިކުފާނު ގެންދަވަނީ އެކި ސަބަބުތަކާ ހުރެ އެމްޑީޕީއާ ދުރަށް ވަޑައިގެން ތިއްބެވި މެންބަރުންނަށް އެ ޕާޓީއާ އަލުން ގުޅިވަޑައިގެންނެވުމަށް ދައުވަތު ދެއްވަމުންނެވެ.
Comment