މަޑަގަސްކަރާއާ ދެކޮޅަށް އިއްޔެ ވޮލީބޯޅަ ޓީމު ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ރާއިފް ޔޫސުފް / މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކުރި ގައުމީ އަންހެން އަދި ފިރިހެން ހޭންޑްބޯޅަ އަދި ވޮލީބޯޅަ ޓީމުތަކަށް ސެމީ ފައިނަލްގެ ޖާގަ ނުލިބި ގްރޫޕް ސްޓޭޖުން މުބާރާތް ނިމިއްޖެ އެވެ.
މުބާރާތުގައި އިއްޔެ ވޮލީބޯޅަ ފިރިހެން ޓީމު ވަނީ މަޑަގަސްކަރާއާ ދެކޮޅަށް ކުޅެ، 3-1 ސެޓުން ބަލިވެ، މުބާރާތުން ކަޓައިފަ އެވެ. ފިރިހެން ވޮލީބޯޅަ ޓީމު ގްރޫޕް ސްޓޭޖު ފުރަތަަމަ މެޗުން ބަލިވީ ރީޔޫނިއަންއާ ވާދަކޮށް، 3-1 ސެޓުންނެވެ.
ކޯޗު މުހައްމަދު ސާޖިދު (ކާއްޓޭ)ގެ އިރުޝާދުގެ ދަށުން ކުޅޭ ފިރިހެން ވޮލީ ޓީމު އިއްޔެ މޮޅުވުމުން މަޖުބޫރު މެޗަކަށް ނުކުމެ، ފުރަތަމަ ސެޓު، 25-20 އިން ގެންދިޔަ އެވެ. އެކަމަކު، ދިވެހި ޓީމަށް ދެން ކުޅުނު ސެޓުތަކުގައި ފުރަތަމަ ސެޓުގައި އެ ދެެއްކި ލެވަލަށް ވުރެ ރަނގަޅަށް ނުކުޅެވި މަޑަގަސްކަރާ ދިޔައީ ކޮންމެ ސެޓެއްގެ ވެސް ޕްރެޝަރު ވަގުތުތަކުގައި ތަފާތު ދައްކަމުންނެވެ. އެ ގޮތުން، ފަހުން ކުޅުނު ތިން ސެޓު ވެސް ގެންގޮސް މަޑަގަސްކަރާ މެޗުން މޮޅުވީ އެވެ.
މަޑަގަސްކަރާ އިން ފަހު ތިން ސެޓު ގެންދިޔައީ، 19-25، 20-25 އަދި 21-25 އިންނެވެ.
އަންހެން ވޮލީ ޓީމު ވެސް ކެޓީ ގްރޫޕް ސްޓޭޖު ދެ މެޗުން ބަލިވެގެންނެވެ. މޮރިޝަސް އަތުން ސީދާ ތިން ސެޓުން ބަލިވިއިރު، ދެ ވަނަ މެޗުން ސީޝެލްސް އަތުން ވެސް ބަލިވެފައިވަނީ ސެޓެއް ނުލިބި އެވެ.
ހޭންޑްބޯޅަ ފިރިހެން ޓީމު ފުރަތަމަ މެޗުން ކޮމޮރޯސް އަތުން ބަލިވެފައިވަނީ 32-43 އިންނެވެ. ދެ ވަނަ މެޗުން މޮރިޝަސް އަތުން ބަލިވީ 28-21 އިންނެވެ. އަދި ތިން ވަނަ މެޗުގައި އިއްޔެ މަޑަގަސްކަރާ އަތުން ބަލިވީ 23-42 އިންނެވެ.
އަންހެން ޓީމު ފުރަތަމަ މެޗުން ރީޔޫނިއަން އަތުން ބަލިވީ 08-45 އިންނެވެ. އަންހެން ޓީމު ދެ ވަނަ މެޗުގައި މަޔޯޓް އަތުން ބަލިވީ 32-16 އިންނެވެ.
Comment