about 2 hours 0
about 2 hours 0
އަންނަ މަހުގެ 23 ވަނަ ދުވަހު، ނޭޕާލުގައި ފަށާ ހަ ވަނަ ޓައިގާ ކަޕް ވޮލީބޯޅަ މުބާރާތުގައި، ނޭޕާލާއި ރާއްޖޭގެ އިތުރުން، އިންޑިއާ އާއި ތައިލެންޑުގެ ޓީމުތައް ވާދަކުރާނެ ކަމަށް މުބާރާތް އިންތިޒާމްކުރާ ފަރާތުން ބުނެފި އެެވެ.
ޓައިގާ ކަޕް، ނެޝަނަލް/ އިންޓަނޭޝަނަލް އިންވިޓޭޝަނަލް އޯޕަން ކްލަބް ޗެމްޕިއަންޝިޕްގައި އަންހެން އަދި ފިރިހެން ޑިވިޝަނުގައި ޖުމްލަ އެކު، 14 ޓީމެއް ކުޅެ އެވެ. އެއީ، އަންހެން ޑިވިޝަނުގައި ހަތް ޓީމު އަދި ފިރިހެން ޑިވިޝަނުގައި ހަތް ޓީމެވެ. މި މުބާރާތުގައި ނޭޕާލުން ބޭރުން ވާދަކުރަނީ، އަންހެން ޑިވިޝަނުގައި ތައިލެންޑުގެ ދެ ޓީމާއި ފިރިހެން ޑިވިޝަނުގައި، ގައުމީ ވޮލީބޯޅަ ޓީމުގެ އިތުރުން، އިންޑިއާގެ ގުޖުރާތު ވޮލީބޯލް ކްލަބް އެވެ.
ޗެމްޕިއަން ޓީމަށް 5000 ޑޮލަރު، ރަަނަރަޕަށް 2500 ޑޮލަރު އަދި ތިން ވަނަ އަށް ދާ ޓީމަށް 1100 ޑޮލަރުގެ އިނާމް ފައިސާއެއް ކަނޑައަޅާފައިވާ މި މުބާރާތުގައި ރާއްޖޭން ވާދަކުރަނީ ގައުމީ ފިރިހެން ވޮލީބޯޅަ ޓީމެވެ.
ތިރީސް އަހަރުން މަތީގެ ސީނިއާ ގިނަ ކުޅުންތެރިންތަކެއް ޓީމުން ބާކީކޮށް މުސްތަގުބަލަށް ޓީމެއް އެކުލަވާލުމުގެ މަސައްކަތެއް ފަށާފައިވާ ވޮލީބޯލް އެސޯސިއޭޝަނުން ގައުމީ ފިރިހެން ވޮލީ ޓީމު ހަވާލުކޮށްފައިވަނީ، އީރާނުގެ ކޯޗު، ފަރްހާދު ނަޒާރީއާ އެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ދާދި ފަހުން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖޭގެ ވޮލީބޯޅައިގެ ކުރިމަަގު ރަނގަޅުކުރުމަށްޓަކައި ކުރެވޭ މަސައްކަތުގެ ތެރެއިން އެކުލަވާލާފައިވާ އުސޫލުތަކާ ހިލާފުވާ ކުޅުންތެރިންނާއި އޮފިޝަލުންނާ މެދު ކުރިއަށްއޮތްތަނުގައި ވެސް ފިޔަވަޅު އަޅާނެ ކަމަށް ބުނެފަ އެވެ.
ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމުގެ ފަރިތަކުރުންތައް، ނިޒާމީގޮތެއްގައި ކުރިއަށް ނުގެންދެވި، އަދި އެކަށީގެންވާ ގޮތެއްގައި މުބާރާތްތަކަށް ތައްޔާރު ނުވެވޭތީ، މުބާރާތްތަކުން ހޯދާ ނަތީޖާ އެންމެ ރަނގަޅެއް ނޫން ކަމަށް ވީއޭއެމް އިން ވަނީ ބުނެފަ އެވެ.
"ޤައުމީ ވޮލީބޯޅަ ޓީމުގެ އަތުން ކުރިން ބަލިވަމުން އަންނަ ގައުމުގެ ތަކުގެ މައްޗަށް އަޅުގަނޑުމެންގެ ޓީމަށް މިހާރު ކުރި ނުހޯދޭކަން ހިތާމައާއެކު ފާހަގަކުރަންޖެހެ އެވެ. ރާއްޖޭގެ ގައުމީޓީމު އެންމެފަހުން ވާދަކުރި "ކާވާ ކަޕް ފޯ މެން" ގައި ރާއްޖޭގެ ވޮލީބޯޅަ ޓީމަށްލިބުނު ނަތީޖާއިން، ގައުމީ ޓީމުގެ ފަރިތަކުރުންތައް އަލުން ރުކުރުވާލަން މަޖްބޫރުވެއްޖެކަން ފާހަގަ ކުރެވުނެވެ. ހިންގުމަށް މި އެސޯސިއޭޝަނުގައި ގައުމީ ޓީމުގެ މި ދެންނެވި ނަތީޖާ މައިގަނޑު ގޮތެއްގައި ބިނާވެފައިއޮތީ، ގައުމީ ޓީމުގެ ކަންކަންޒަމާނުއްސުރެ އޮތް ވިސްނުމެއްގެ މައްޗަށެވެ.،" ވީއޭއެމްގެ ބަޔާނުގައި ބުނެފައިވެ އެެވެ.
ދެން އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އިން މެޑަލް ހޯދުމަށް ޓާގެޓް ކަނޑައަޅައި، ގައުމީ ކޯޗުކަން ހަވާލުކުރި މުހައްމަދު ޝަރަފް ވަކިކޮށް އީރާނުގެ ކޯޗު ފަރުހާދާ ޓީމު ހަވާލުކުރަން ވީއޭއެމް އިން ނިންމީ އެވެ.
އިރާނުގެ ގައުމީ ޓީމަށް ކުރިން ކުޅުނު ފަރުހާދުގެ ކޯޗުކަމުގައި، ގައުމީ ޓީމުން ވަނީ ދާދި ފަހުން، ސްރީ ލަންކާގެ ޔުނިވާސިޓީ ޓީމެއް އަތުން، 3-2 ސެޓުން މޮޅުވެފަ އެވެ.
Comment