29 އޮގަސްޓު 2023 - 21:12 0
އިސްމާއީލް އަޒްމީން
މިކްސް ރިލޭ އިވެންޓުން ރާއްޖެ އަށް ލޯ މެޑަލް ހޯދައިދިން އެތުލީޓުން: (ކ.ވ) ސާއިދު، ޒިވާ، ރިޒާ އަދި ހިމްނާ.---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
29 އޮގަސްޓު 2023 - 21:12 0
މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގެ އެތުލެޓިކްސްގެ 4 ގުނަ 400 މީޓަރު ދުވުމުގެ މިކްސް ޓީމް ރިލޭގައި ވާދަކޮށް ރާއްޖޭގެ ރިލޭ ޓީމުން ބްރޯންޒް މެޑަލް ހޯދައިފި އެވެ.
މި މަހުގެ 25 ވަނަ ދުވަހު މަޑަގަސްކަރާގައި ފެށި އައިއޯއައިޖީގައި އެތުލެޓިކްސް ޓީމުން ހޯދި ތިން ވަނަ ލޯ މެޑަލް ހޯދި ރިލޭ ޓީމުގައި ހިމެނެނީ ހަސަން ސާއިދު، ހުސައިން ރިޒާ (ކުޑަ ރިޒާ)، ޒިވާ މޫސާ ޝަފީއު އަދި އައިޝަތު ހިމްނާ ހަސަން އެވެ.
މިއަދު ކުރިއަށްދިޔަ ރިލޭ ރާއްޖޭގެ ޓީމުން ނިންމީ 3 މިނެޓު 33.86 ސިކުންތުންނެވެ. އެއް ވަނަ އަށް ދިޔަ މަޑަގަސްކަރަ ޓީމުން ރޭސް ނިންމީ 3 މިނެޓު 29.68 ސިކުންތުންނެވެ. ދެ ވަނަ އަށް ދިޔަ ރިިޔޫނިއަން އިން ރޭސް ނިންމީ 3 މިނެޓު 30.33 ސިކުންތުންނެވެ. ރާއްޖެ އިން ތިން ވަނަ ހޯދީ މޮރީޝަސް، މަޔޯޓް އަދި ސީޝެލްސް ފަހަތަށް ޖައްސާލުމަށް ފަހުގަ އެވެ.
ރިލޭ އިވެންޓް ނިމުމުން މިކްސް ޓީމުގައި ބައިވެރިވި އެތުލީޓުން ޓްރެކް މަތީގައި އިށީނދެގެން.---- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ރޭހަށް ބަލާއިރު، ރާއްޖޭން ފެށީ ހިމްނާ އެވެ. ދެ ވަނަ އަށް ދުވެ، ކުޑަ ރިޒާ ވަނީ ރަނގަޅު ސްޕީޑެއްގައި ރާއްޖެ އަށް ލީޑެއް ހޯދައިދީފަ އެވެ. ތިން ވަނަ އަށް ދުވި ޒިވާގެ ހިތްވަރުން އެންމެ ފަހު ވަގުތު ނިންމަން ސާއިދު އަށް ފުރުސަތު ލިބި، ތިން ވަނައިގައި ރޭސް ނިންމާލީ އެވެ. ކާމިޔާބަށް ފަހު، މިކްސް ރިލޭ ޓީމު ޓްރެކުމަތީގައި ވަރަށް ބޮޑަށް އުފާފާޅުކުރި އެވެ.
ރާއްޖޭގެ މިކްސް ރިލޭ ޓީމުން މި ހޯދި މެޑަލް އަކީ މަލްޓި ސްޕޯޓްސް ގޭމްސްއެއްގައި ރިލޭ އިން ހޯދި ތިން ވަނަ މެޑައްޔެވެ. މީގެ ކުރިން ރާއްޖޭގެ ފިރިހެން ރިލޭ ޓީމުން ވަނީ 2010 ވަނަ އަހަރު ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އޮތް ސައުތު އޭޝިއަން ގޭމްސް އާއި 2019ގައި މޮރީޝަސްގައި އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 4 ގުނަ 100 މީޓަރު ދުވުމުންވެސް ބްރޯންޒް މެޑަލް ހޯދާފަ އެވެ. އެ ދެ ފަހަރު ވެސް މެޑަލް ހޯދި އެތުލީޓުންގެ ތެރޭގައި މި ފަހަރުގެ ޓީމްގައި ހިމެނުނު ހަސަން ސާއިދު ހިމެނެ އެވެ.
މި ފަހަރުގެ ރިލޭ މެޑަލް ހާއްސަވާ ސަބަބަކީ މިއީ މިކްސް ރިލޭ އިން ހޯދި ފުރަތަމަ މެޑަލް ކަމަށްވާތީ އެވެ.
މި އަހަރުގެ އައިއޯއައިޖީއަށް ގައުމީ އެތުލެޓިކްސް ޓީމުން ތައްޔާރުވީ ވެސް ރިލޭ އިވެންޓުތަކުން މެޑަލް އަށް ޓާގެޓް ކޮށްގެންނެވެ. އެ ގޮތުން އަންހެން އަދި ފިރިހެން ޓީމުން ވަނީ ގިނަ ދުވަސްތަކެއް ވަންދެން އެކުގައި ރާއްޖެއިން ބޭރުގައި ތަމްރީން ހަދާފައިވެ އެވެ. ރިލޭ ޓީމުގައި ހިމެނެނީ އިންޑިއާ އާއި ޖެމެއިކާގައި ޓްރެއިނިން ހެދި އެތުލީޓުންނެވެ.
Comment