Advertisement

ޑިމޮކްރެޓްސްއާ ގުޅުނު މެމްބަރުން އަނބުރާ ގެންނަން ރިޝްވަތެއް ނުދެން: ރައީސް

29 އޮގަސްޓު 2023 - 21:51 0

އަމަން ހަލީމް

އަމަން ހަލީމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު -- ފޮޓޯ/މިރާޝް ނާޝިމް


ޑިމޮކްރެޓްސްއާ ގުޅުނު މެމްބަރުން އަނބުރާ ގެންނަން ރިޝްވަތެއް ނުދެން: ރައީސް

29 އޮގަސްޓު 2023 - 21:51 0

އެމްޑީޕީ ދެބައިވެ އުފެދުނު ދަ ޑިމޮކްރެޓްސް ޕާޓީގައި ތިބި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު އަނބުރާ އެމްޑީޕީއަށް ގެންނަން ރިޝްވަތު ދިން ކަމަށް ކުރާ ތުހުމަތު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ދޮގުކުރައްވައި އެވެ.

ޑިމޮކްރެޓްސްއާ ގުޅެން އެމްޑީޕީން ވަކިވުމަށް ފަހު މިދިޔަ ހަފުތާގައި އެ ޕާޓީއާ އަލުން ގުޅުނު ދެ މެމްބަރުންނަކީ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި ތޮއްޑޫ ދާއިރާގެ މެމްބަރު ހަސަން ޝިޔާން (ގިޓާ)އެވެ.

އެ ދެ މެމްބަރުން ޕާޓީ ދޫކޮށް ދިޔައީ ރައީސް ސޯލިހު ރިޝްވަތު ދީގެން ކަމަށް ތުހުމަތުކުރެއްވީ ޑިމޮކްރެޓްސްގެ ބާނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ.

އެގޮތުން ރިޝްވަތު ދިން މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި މަޖިލީހުގެ އިދާރާ މެދުވެރިކޮށް ފުލުހަށް ވެސް އެމަނިކުފާނު ހުށަހެޅުއްވި އެވެ. ނަމަވެސް ފުލުހުން ވަނީ މަޖިލީހުން ހުށަހެޅި ސިޓީގައި ޖިނާއީ ތަހުގީގެއް ފަށަން ބޭނުންވާ އަސާސީ މައުލޫމާތު ފޯރުކޮށްދީފައި ނެތް ކަމަށް ބުނެ އެ މައްސަލަ ރަޖިސްޓްރީ ކުރެވެން ނެތް ކަން އަންގާފަ އެވެ.

ތ.އަތޮޅަށާއި ލ.އަތޮޅަށް ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެެއްވަމުން، ރައީސް ސޯލިހު ވިދާޅުވީ މެމްބަރުން އަނބުރާ ގެންނަން އެއްވެސް މެމްބަރަކަށް ފައިސާ ދީފައި ނުވާނެ ކަމަށެވެ.

"އަޅުގަނޑު ހަމަގައިމު އެއްވެސް މެމްބަރަކަށް އެއްވެސް ކަހަލަ ފައިސާގެ މުއާމަލާތެއް އަދި ރިޝްވަތޭ ތިވިދާޅުވާ ފުޅާ މާނައިގައި ހިމެނޭ ކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ." އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވި ގޮތުގައި ދެ މެމްބަރުން ވެސް އެމްޑީޕީއާ އަލުން ގުޅިވަޑައިގަތީ ދާއިރާއަށް ތަރައްގީ ގެނެވެން އޮތީ އެމްޑީޕީއާ އެކުގައިކަން އެ މެމްބަރުންނަށް ގަބޫލުކުރެވޭތީ އާއި އެ ދާއިރާތަކުގެ ރައްޔިތުންގެ ވެސް އެގޮތަށް އެދޭތީ އެވެ. އަދި މިއީ ރައްޔިތުންގެ ވިންދާ އެއްގޮތަށް އެ މެމްބަރުން ނިންމި ނިންމެވުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރިޝްވަތުގެ ތުހުމަތަށް ވާހަކަ ދެއްކެވުމުގެ ކުރިން ރައީސް ސޯލިހު ވަނީ އެމްޑީޕީއާ އަލުން ގުޅެން ޑިމޮކްރެޓުންނަށް އަރުވަމުން ގެންދަވާ ދައުވަތު ތަކުރާރުކުރައްވާފަ އެވެ. އެމަނިކުފާނު މި ވާހަކަތައް ދެއްކެވީ ޑިމޮކްރެޓްސްގެ އިތުރު މެމްބަރުންތަކެއް އެމްޑީޕީއާ ގުޅުން އުޅޭ ކަމަށް ފެތުރިފައިވާ އަޑުތަކާ ގުޅިގެން 'އަދަދު'ން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އެގޮތުން ރައީސް ސޯލިހު ވިދާޅުވީ އެމްޑީޕީ ދޫކޮށް ދިޔަ އެންމެންނަށް އަލުން ޕާޓީއާ ގުޅި، ކުރިން ތިބި މަގާމުގައި ކުރިއަށް ދިއުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

"އަޅުގަނޑު މިހާރު ވެސް އެ ހުރިހާ ބޭފުޅުންނަށް، ދެން އަޅުގަނޑުމެންނާ ތަންކޮޅެއް ދުރަށް ޖެހިވަޑައިގެންނެވި ބޭފުޅުންނަށް ވެސް މި ދައުވަތު އަރުވަނީ އެމްޑީޕީ ތެރޭގައި އަބަދު ވެސް ތިބޭފުޅުންނަށް ޖާގަ އޮންނާނެ. ހަމަ ކުރީގަ އެތިއްބެވި ހިސާބުގައި އެބޭފުޅުންނަށް ތިއްބެވޭނެ އަޅުގަނޑުމެންނާ ގުޅިވަޑައިގަތީމަ." އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އަލުން އެމްޑީޕީއާ ގުޅެން އިތުރު މެމްބަރުންތަކަކާ މަޝްވަރާ ކުރެވެމުންދާ ކަމަށެވެ.