Advertisement

ޔުނައިޓެޑް ވިކްޓަރީ އަތުން ސަސް މޮޅުވެއްޖެ

29 އޮގަސްޓު 2023 - 11:16 0

ދިވެހި ޕްރިމިއާ ލީގުގައި ސަސް އާއި ޔުނައިޓެޑް ވިކްޓަރީ ބައްދަލުކުރި މެޗުގެ ތެރެއިން.--- ފޮޓޯ: އެފްއޭއެމް


ޔުނައިޓެޑް ވިކްޓަރީ އަތުން ސަސް މޮޅުވެއްޖެ

29 އޮގަސްޓު 2023 - 11:16 0

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އަތުން 2-0 ގެ ނަތީޖާއަކުން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) މޮޅުވެއްޖެ އެވެ.

ޔުނައިޓެޑް ވިކްޓަރީ އަތުން މޮޅުވެ ހޯދި ތިން ޕޮއިންޓާ އެކު، ތިން ވަނައިގައި އޮތް ސަސް އަށް 21 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް މާޒިޔާއަށް އެއް މެޗު މަދުން ކުޅެގެން ލިބެނީ 22 ޕޮއިންޓެވެ. ތޭވީސް ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގައި އޮތީ މާޒިޔާ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެފައިވާ ކްލަބް އީގަލްސް އެވެ. އީގަލްސް ވަނީ އިއްޔެ ހަވީރު ކްލަބް ގްރީން ސްޓްރީޓްސް އަތުން 8-0 އިން މޮޅުވެފަ އެވެ.

ލީގުގައި ރޭ ކުޅުނު މެޗުގައި ސަސް އިން ދެ ހާފުގައި ދެ ގޯލު ޖެހި އެވެ. ފުރަތަމަ ގޯލު މެޗުގެ 29 ވަނަ ޖަހައިދިނީ މިޑްފިލްޑަރު އަހުމަދު ހަމީދު (އައްމަޑޭ) އެވެ. ސަސްގެ ގޯލަށް ފަހު ޔުނައިޓެޑް ވިކްޓަރީ އިން ރަނގަޅަށް ޑިފެންސްކޮށް ސަސް ހުއްޓުވަން މަސައްކަތްކުރި ނަމަވެސް ދެ ވަނަ ހާފުގެ ކުރީކޮޅު އިބްރާހިމް އަތީގު ހަސަން (އިއްބެ) ވަނީ އިތުރު ގޯލެއް ޖަހައި ސަސްގެ ލީޑު ފުޅާކޮށްދީފަ އެވެ.

ލީގުގެ ފުރަތަމަ ބުރުގައި މި ދެ ޓީމު ބައްދަލުކުރި މެޗު ސަސް އިން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ.

ލީގުގައި މިރޭވެސް މެޗެއް ކުޅޭނެ އެވެ. މި މެޗުގައި ވާދަކުރާނީ ބުރު ސްޕޯޓްސް ކުލަބާއި ޓީސީ ސްޕޯޓްސް ކުލަބެވެ. މިއީ ލީގުގެ ގަދަ ހަތަރަކަށް މުހިންމު މެޗެކެވެ. މި ވަގުތު ލީގު ތާވަލަށް ބަލާއިރު ޓީސީ އަށް ވަނީ ނުވަ މެޗުން 16 ޕޮއިންޓް ލިބިފަ އެވެ. ބުރަށް ލިބިފައިވަނީ ނުވަ މެޗުން 12 ޕޮއިންޓެވެ.