Advertisement

ޑރ. ޝާހު ސަރުކާރުން ވަކިވެ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފި

28 އޮގަސްޓު 2023 - 20:28 2

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޑރ. ޝާހް އަބްދުﷲ މާހިރު؛ ސަރުކާރުގެ މަގާމު ދޫކޮށް، ޑިމޮކްރެޓްސްއާ ގުޅެން ނިންމައިފި - ފޮޓޯ: ރާއްޖެ ޓީވީ


ޑރ. ޝާހު ސަރުކާރުން ވަކިވެ ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފި

28 އޮގަސްޓު 2023 - 20:28 2

ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ޑރ. ޝާހު އަބްދުﷲ މާހިރު އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޑރ. ޝާހު އެ މަގާމުގައި ހުންނެވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. އޭނާ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު، މިއަދު ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންފައިވާ ކަން އެޕާޓީން ވަނީ ހާމަކޮށްފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޝާހު ފޮނުވި ސިޓީގައި ޝާހު ވިދާޅުވީ، އޭނާގެ ސިޔާސީ ފިކުރާއި ޖުމްހޫރީ ޕާޓީން ގެންގުޅޭ ފިކުރާ މިހާރު ތަފާތުވުމުން، އެ ޕާޓީން އޭނާ ވަކިވެފައިވާ ކަމަށެވެ. އެހެންވެ، އެ ޕާޓީން އޭނާއަށް ހޯދައިދިން ސަރުކާރުގެ މަގާމުން އިސްތިއުފާ ދެއްވި ކަން އެންގެވުމަށް، ފޮނުވި ސިޓީއެއް ކަމަށެވެ.

ސަރުކާރުގެ ތެރެއިން، ރާއްޖޭގެ ސިއްހީ ދާއިރާ ވަރުގަދަ ކުރުމަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އެ ދާއިރާ ވަރުގަދަ ކުރުމަށް ކުރެވިދާނެ އިތުރު ކަންކަން ފާހަގަކޮށް، އެ ކަންކަމަށް ހުރި ގޮންޖެހުންތައް އެކި ފަހަރު މަތިން ހިއްސާކުރުމުން ވެސް ހައްލުވެފައިނުވާ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

"މަނިކުފާނުގެ ސަރުކާރުގެ ތެރޭގައި ސިއްހީ ދާއިރާ ދިވެހި ރައްޔިތުންނަށް މަންފާ ކުރަނިވި ގޮތުގައި ތަރައްގީކޮށް ހިންގުމަށް ހުރި ދަތިތަކާއި ގޮންޖެހުންތައް ފާހަގަކޮށް އެ ކަންކަން ހައްލު ކުރުމަށް މަނިކުފާނާ ބައްދަލުކޮށް، ވާހަކަ ދައްކާ، އެއިން އެއްވެސް ކަމަކަށް ކުރިމަގެއް މިހާތަނަށް ވެސް ފެނިފައިނުވާ ކަން ހިތާމައާއެކު ދަންނަވަމެވެ." ރައީސަށް ޝާހު ފޮނުވި އިސްތިއުފާގެ ސިޓީގައި ލިޔުއްވާފައިވެ އެވެ.

ކޮވިޑް-19 ގެ ހާލަތުގައި ރާއްޖެ ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުގެނެވި އެ ހިޔާނާތުގެ މައްސަލާގައި ރައީސް އޮފީހުން ސަސްޕެންޑްކުރި މީހުންގެ ތެރޭގައި ޑރ. ޝާހު ހިމެނެ އެވެ. ނަމަވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމީ އޭނާގެ މައްސަލައެއް ނެތް ކަމަށެވެ.

ޝާހު ޖުމްހޫރީ ޕާޓީންނާއި ސަރުކާރުގެ މަގާމުން ވެސް ވަކިވިއިރު، ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބުގައި ވާދަކުރަނީ ވަކިންނެވެ. ރައީސް ސޯލިހާއެކު އިތުރު ދައުރަކަށް ކޯލިޝަން ހަދަން ޖުމްހޫރީ ޕާޓީއަށް ދައުވަތު ފޮނުވި ނަމަވެސް، އެ ދައުވަތު ގަބޫލެއް ނުކުރެ އެވެ. ޖުމްހޫރީ ޕާޓީން ވަކިން ވާދަކުރި ނަމަވެސް އެ ޕާޓީގެ ސްލޮޓްގައި ސަރުކާރުގެ މަގާމުތަކުގައި އަދިވެސް ބައެއް ބޭފުޅުން އެބަ ތިއްބެވި އެވެ.

ޝާހު މިއަދު ގުޅިވަޑައިގަތް ޑިމޮކްރެޓްސްއަކީ، ވެރިކަންކުރާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނާކާމިޔާބުވި ފަހުން ޕާޓީގެ އެތެރޭގައި ތިބެގެން ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާން ފެށުމުން އެމްޑީޕީން ވަކިކުރާން އުޅުމުން އެމަނިކުފާނާއި ވަފާތެރިން އުފެއްދި ޕާޓީއެކެވެ.

އެ ޕާޓީއަށް އެމްޑީޕީގެ ގިނަ ބަޔަކު ގުޅުނު ނަމަވެސް އެއިން ބައެއް މީހުން އަންނަނީ އަނބުރާ އެމްޑީޕީއާ މިހާރު ގުޅެމުންނެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެންބަރަކު ވެސް ހިމެނެ އެވެ. އެއީ ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުލްލަތީފާއި ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާނެވެ.