28 އޮގަސްޓު 2023 - 08:21 0
ޓައެކްވަންޑޯ އިން ރާއްޖެ އަށް މެޑަލް ހޯދައިދިން އެތުލީޓުން، (ކ.ވ) ފާތުމަތު، ފަޒީލް އަދި ޖަންނަތު.---- ފޮޓޯ: މުހައްމަދު ޝާބިން/ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ
28 އޮގަސްޓު 2023 - 08:21 0
މި ފަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)ގައި ވާދަކޮށް، ބައިނަލްއަގުވާމީ ގޭމްސްއެއްގެ ފުރަތަމަ ފެނިލުމުގައި، ރާއްޖޭގެ ގައުމީ ޓައެކްވަންޑޯ ޓީމުން ހަތަރު މެޑަލް ހޯދައިފި އެވެ.
މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އައިއޯއައިޖީގައި އިއްުޔެ ބޭއްވި އިވެންޓްތަކުން ގައުމީ ޓައެކްވަންޑޯ ޓީމުން ވަނީ ދެ ރިހި މެޑަލާއި ދެ ލޯ މެޑަލް ގެނެސްފަ އެވެ.
ގައުމީ ޓައެކްވޮންޑޯ ޓީމުގައި ހިމެނޭ އަންހެން އެތުލީޓު، ފާތިމަތު އިބްރާހިމް (ފާތުން) ވަނީ ރިހި މެޑަލަކާއި ލޯ މެޑަލް އެއް ހޯދައިފަ އެވެ. އެ ގޮތުން، ފާތިމަތު ރިހި މެޑަލް ހޯދާފައިވަނީ އަންހެނުންގެ -53 ކިލޯގުރާމް ކެޓަގަރީންނެވެ. އަދި ލޯ މެޑަލް ހޯދީ އަންހެނުންގެ -62 ކިލޯގުރާމް ކެޓަގަރީންނެވެ.
މެޑަލް ހޯދުމަށް ފަހު، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި ފާތުމަތު ބުނީ މިއީ ޓައެކްވަންޑޯ ރާއްޖޭގައި ފުޅާކުރުމަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމަށާއި ވަރަށް ރަނގަޅަށް ތައްޔާރުވެގެން އައިސް މި ލިބުނު ކާމިޔާބާ މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށެވެ.
"މިއީ ހަމަ ވަރަށް މަަަސައްކަތޭ، އަޅުގަނޑަށް ދެންނެވޭނީ،" ފާތުމަތު ބުންޏެވެ.
އިއްޔެގެ ފައިނަލް މެޗަށް ފަހު ފާތުން ރާއްޖޭގެ ދިދަ ވިހުރުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ރާއްޖެ ޓީމުގައި ހިމެނޭ އަނެއް އަންހެން އެތުލީޓު، ޖަންނަތު ޖަވާދު، ވަނީ -46 ކެޓަގަރީން ލޯ މެޑަލް ހާސިލްކޮށްފަ އެވެ. ރާއްޖޭން ދެން ހޯދި ރިހި މެޑަލް ހާސިލްކުރީ ފިރިހެނުންގެ -87 ކިލޯގުރާމުން ދަށުގެ ކެޓެގަރީން އަހުމަދު ފަޒީލް އެވެ.
ފައިނަލުގައި ވާދަކޮށް ރާއްޖޭގެ ފާތުމަތު އާއި ފަޒީލް ބަލިވީ މަޑަގަސްކަރާގެ އެތުލީޓުން އަތުން 2-0 އިންނެވެ.
ޖަންނަތު ބުނީ ޓީމުގެ ކޯޗު މޮރޮކޯގެ އަދްނާންއާ އެކު، މި ގޭމްސް އަށް ތައްޔާރުވާން ކުރެވުނު މަސައްކަތަށް ބަލާއިރު، ކުރިން ވެސް މެޑަލަކާ ހަމައަށް ދެވޭނެ ކަމުގެ ޔަގީންކަމެއް ޓީމަށް އޮތް ކަމަށެވެ.
"އެ އިތުބާރުގައި އަޅުގަނޑުމެން ތިބީ، އެ ވިސްނުމުގައި ހުރެ ކޯޗުގެ ވެސް ވަރަށް ބޮޑު އެހީއަކާ އެކީ މި ކާމިޔާބު ލިބުނީ،" ޖަންނަތު ބުންޏެވެ.
ފަޒީލް ބުނީ މިއީ އަހަރެއްހާ ދުވަހު ބުރަ މަސައްކަތް ކޮށްގެން ހޯދި ކާމިޔާބެއް ކަމަށެވެ. އަދި ޓައެކްވަންޑޯ އަށް މި ފަހަރުގެ އައިއޯއައިޖީގައި މި ލިބުނު ކާމިޔާބުގެ ސަބަބުން އެ ކުޅިވަރު ރާއްޖޭގައި ފުޅާކުރަން ފުރުސަތު ލިބޭނެ ކަމުގެ އުންމީދު ބޮޑުވެފައިވާއިރު، މި ވަގުތު ވެސް ޒުވާން ރަނގަޅު އެތުލީޓުންތަކެއް ޓައެކްވަންޑޯގައި ތިބުމުން މިއީ އެ ފަރާތްތަކަށް ވެސް ހިތްވަރަކަށްވާނެ ކަމެއްގެ ގޮތުގައި ފަޒީލް ފާހަގަކުރި އެވެ.
ކޯޗު އަދްނާން ބުނީ މިއީ ތާރީހުގައި ލިޔެވިގެންދާނެ ރަނގަޅު ފެށުމެއް ކަމަށާއި ކުރިއަށް އޮތްތާގައި ރާއްޖޭގައި ޓައެކްވަންޑޯ އިތުރަށް ވަރުގަދަ ވެގެންދާނެ ކަމުގެ އުންމީދު ބޮޑު ކަމަށެވެ. .
ގައުމީ ޓައެކްވޮންޑޯ ޓީމުގައި ހިމެނޭ އެހެން އެތުލީޓުންގެ ނަތީޖާތަކަށް ބަލާއިރު، ފިރިހެނުންގެ -54 ކެޓަގަރީގައި ވާދަކުރި މުހައްމަދު ސައިފް ޝާން އަބްދުﷲ އަށް ކުރިއަށް ދެވޭ ގޮތެއްނުވި އެވެ. ފިރިހެނުންގެ -63 ކިލޯގުރާމުން ކެޓެގަރީގައި ވާދަކުރި މުހައްމަދު ރޫދު އަހުމަދު ބަލިވީ ލޯ މެޑަލް މެޗުންނެވެ.
މި ފަހަރުގެ އައިއޯއައިޖީގައި ރާއްޖޭން މިހާތަނަށް ވަނީ ހަ މެޑަލް ހޯދައިފަ އެވެ. އެއީ ޓީޓީ އަންހެން ޓީމު ހޯދި ރަން މެޑަލާއި ޓީޓީ ފިރިހެން ޓީމު ހޯދި ރިހި މެޑަލްގެ އިތުރުން ޓައެކްވަންޑޯ އިން ހޯދި ދެ ރިހި އަދި ދެ ލޯ މެޑަލް އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment