Advertisement

ރައީސްގެ ދައުވަތު އަފީފަށް: "ވަޑައިގަންނަވާ, މުސްތަގުބަލު އޮތީ އަޅުގަނޑުމެންނާ އެކު"

27 އޮގަސްޓު 2023 - 11:25 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު (ކ)، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އަދި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު (ވ) : ޑިމޮކްރެޓްސް ދޫކޮށް އަލުން އަނބުރާ އެމްޑީޕީއަށް އައުމަށް ރައީސް ވަނީ އަފީފަށް ދައުވަތު ދެއްވާފަ - ފޮޓޯ: ފައިލް


ރައީސްގެ ދައުވަތު އަފީފަށް: "ވަޑައިގަންނަވާ, މުސްތަގުބަލު އޮތީ އަޅުގަނޑުމެންނާ އެކު"

27 އޮގަސްޓު 2023 - 11:25 0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް ޕާޓީއާ ގުޅިވަޑައިގެން ހުންނެވި މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފު އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ދައުވަތު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ދެއްވައިފި އެވެ.

ވިލުފުށީގައި މިއަދު ބޭއްވި ކެމްޕޭނު ބައްދަލުވުމެއްގައި ރައީސް ވިދާޅުވީ އެ ރަށަށް ވަޑައިގެން ވާހަކަ ދައްކަވާއިރު އެންމެ ބޮޑަށް އުނިވާ ކަމަކީ އެމަނިކުފާނުގެ ގާތް "އަޚް", އަފީފު އެމްޑީޕީ އާއެކު ނެތުން ކަމަށެވެ.

"އަޅުގަނޑު ވަރަށް އިހުތިރާމްކުރާ ސިޔާސީ ބޭފުޅެއް [އަފީފު އަކީ]، އެހެންނަމަވެސް އަޅުގަނޑުމެންގެ ޕާޓީގެ އެތެރޭގައި މި ޖެހުނު ހަލަބޮލިކަމުގެ ތެރޭގައި އަޅުގަނޑުމެން ދޫކޮށް ވަޑައިގަންނަވައިފި، އަޅުގަނޑު ހިތުން އެއީ އަފީފު އިތުރަށް ވިސްނަވަން ޖެހޭ ކަމެއް," ރައީސް މިއަދު ވިދާޅުވި އެވެ.

އެހެން ވިދާޅުވެ ރައީސް ވަނީ އަފީފު އެކަމާ ވިސްނާވަޑައިގެން އަލުން އަނބުރާ އެމްޑީޕީއާ ގުޅިވަޑައިގެން ރިޔާސީ ކެމްޕޭނަށް ނުކުމެވަޑައިގަތުމަށް ދައުވަތު ދެއްވާފަ އެވެ.

އަބަދުވެސް އެމްޑީޕީގަ އެބޭފުޅުންނަށް ޖާގަ އޮންނާނެ، ކުރީ ގޮނޑިބަރިން ޖާގަ އޮންނާނެ އެއީ ހިދުމަތް ކުރެއްވި ބޭފުޅުން.. އަޅުގަނޑު ދަންނަވާނީ ވަޑައިގަންނަވާށޭ، އަޅުގަނޑުމެންނާ އެކީގައޭ މުސްތަގުބަލު އޮތީ

އަފީފަކީ ރައްޔިތުންގެ މަޖިލީހުގައި މިވަގުތު ތިއްބެވި މެމްބަރުންގެ ތެރެއިން އެންމެ ގިނަ ދުވަހުގެ އެ މަޖިލީހުގެ މެމްބަރު ކަމުގެ މަގާމު އަދާކުރެއްވި އެެއް ބޭފުޅާ އެވެ. އަދި, އެމްޑީޕީގައި ވަރަށް ގިނަ ދުވަހު އިސްލާހީ މަސައްކަތުގައި އުޅުއްވި ބޭފުޅެކެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔުން ހުއްޓުވުމުގައި ރިޔާސަތާ ހަވާލުވާ އަފީފްގެ ބޮޑު ދައުރެއް އޮންނަ ކަމަށް އެމްޑީޕީގެ މެމްބަރުން ތުހުމަތު ކުރެ އެވެ. އަދި, އޭނާ ރިޔާސަތުގައި އިންނަވަނީ މަޖިލީހުގެ ގަވާއިދުތަކާ ހިލާފަށް ކަމަށް ވެސް އެމްޑީޕީން މީގެކުރިން ބުނެފައިވެ އެވެ.

ރިޔާސީ ޕްރައިމަރީގައި ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބަށް ފަހު، އެ މަނިކުފާނަށް ތާއިދު ކުރެއްވި މަޖިލިސް މެމްބަރުން މޭ މަހު އެމްޑީޕީން ވަކިވެވަޑައިގެން، ދަ ޑިމޮކްރެޓްސް އުފައްދާކަން އިއުލާނު ކުރެއްވި އެވެ. އޭގެ ތެރޭގައި އަފީފް ވެސް ވަރަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެވެ.

ޕްރައިމަރީ އަށް ފަހު ނަޝީދު އާއި އެ މަނިކުފާނުގެ ސަޕޯޓަރުން ހަރަކާތްތެރިވަމުން ގެންދެވީ، ޕްރައިމަރީގައި ބޭނުންކުރެއްވި ޝިޔާރު، "ފިކުރެއްގެ ދިރުން" ނަމުގަ އެވެ. ޕްރައިމަރީގައި ވެސް އަފީފް ތާއިދު ކުރެއްވީ ނަޝީދަށެވެ.