Advertisement

ދިރިއުޅެން ދޭ ފްލެޓް ކުއްޔަށް ދެވޭ އުސޫލެއްގެ ވިސްނުން އެބަ އޮތް: ފައްޔާޒް

25 އޮގަސްޓު 2023 - 22:22 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް. ފޮޓޯ: ރައީސް އޮފީސް


ދިރިއުޅެން ދޭ ފްލެޓް ކުއްޔަށް ދެވޭ އުސޫލެއްގެ ވިސްނުން އެބަ އޮތް: ފައްޔާޒް

25 އޮގަސްޓު 2023 - 22:22 1

ސަރުކާރުން ދޫކުރާ ފްލެޓުތައް ލިބޭ މީހުން ނޫން އެހެން ބަޔަކު ދިރިއުޅުމަށް ކުއްޔަށް ދޫކުރެވޭނެގޮތަށް ސިޔާސަތުތައް ބަދަލުކުރުމުގެ ވިސްނުން ގެންގުޅުއްވާކަމަށް އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީހެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް މިރޭ ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ފައްޔާޒް ވިދާޅުވީ ސަރުކާރުން ސަބްސިޑައިޒްކޮށްގެން ދޫކުރާ ފްލެޓުތައް އާންމު މީހާއަށް އާމްދަނީ ލިބޭނެ ގޮތަށް ކުއްޔަށް ދޫކުރެވޭނެ އުސޫލުތަކެއް ކަނޑައެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށެވެ.

"އާދެ އަޅުގަނޑުމެންގެ ވިސްނުމުގަ އެބައޮތް ސަރުކާރުން ސަބްސިޑައިޒްކޮށްގެން ސަރުކާރުން ކުޑަ އަގުގަ ދޫކުރާ ފްލެޓުތައް އެ ދިން ފަރާތް ނޫން އެހެން ބަޔަކު ދިރިއުޅޭ ކަމަށް ވަންޏާ، ކޮންމެސް މިންގަނޑެއްގެ ތެރޭގައި އެ ކުއްޔަށް ދެވޭނެ ގޮތަށް ސިޔާސަތުތައް ބަދަލުކުރުން" ފައްުޔާޒް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކުޑަ އަގުގައި ފްލެޓުތައް ދޫކުރަނީ ބަޔަކު މުއްސަނދިކުރުމަށް ނޫން ކަމަށާއި، އެއީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ކަމަށެވެ. އެކަމަކު އެތަންތަން ކުއްޔަށް ދިނުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތުވެސް އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ބޯހިޔާވަހިކަމެއް ނެތިގެން ފްލެޓުތައް ކުއްޔަށް ނަގާ މީހުންނަށް އެތަންތަން ދޭންވާނީ ހަރުދަނާ ކޮންޓްރޯލް ނިޒާމެއްގެ ތެރެއިންކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކުރިއަށް އޮތް ސަރުކާރުގައި އެކަންތައްތަކާ މެދު ރައްޔިތުންނާ މަޝްވަރާކުރުމަށް ފަހު ރަނގަޅު ހުރިހާ ފަރާތަކަށް ފައިދާ ހުރި ގޮތަށް އެކަންކަން އަޅުގަނޑުމެން ނިންމާނަން" ފައްޔާޒް ވިދާޅުވި އެވެ.

މީގެ ކުރީ ސަރުކާރުންތަކުން ދޫކުރާ ފްލެޓުތައް ލިބޭ މީހުން ނޫން އެހެން ބަޔަކު ދިރިއުޅުމަށް އެތަންތަން ކުއްޔަށް ދޫކުރުމަކީ މާނާކަމެކެވެ. އެގޮތަށް އުސޫލު އޮތް ނަމަވެސް އެހެން ގެދޮރު ހުންނަ ބައެއް މީހުންގެ ފްލެޓުތައް ކުއްޔަށްދެ އެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ގާއިމްކޮށްފައި ހުރި ހިޔާ ފްލެޓުގެ އެޕާޓްމެންޓުތައް ކުއްޔަށް ދިނުން އަދިވެސް އޮތީ މަނާ ކަމެއްގެ ގޮތުގަ އެވެ. އެތަންތަން ފާޅުގައި ކުއްޔަށް ދިނުމަށް އިއުލާނުކޮށްގެން ކުއްޔަށް ދިން އިރު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރި އެވެ. އެހެން ނަމަވެސް އެކަމާ މެދު ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.