Advertisement

ރައީސް އެދިވަޑައިގަތީ ހިޔާލު ތަފާތުވިޔަސް ތަރައްގީއަށް ހުރަސް ނޭޅުމަށް

23 އޮގަސްޓު 2023 - 19:26 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕޭން ޖަލްސާއެއްގައި؛ އެމަނިކުފާނު އެދިވަޑައިގަތީ ހިޔާލުތަފާތުވުމަށް ޖާގަ އޮތަސް ތަރައްގީއަށް ހުރަސް ނޭޅުމަށް -- ފޮޓޯ: އިޔާން/އަދަދު


ރައީސް އެދިވަޑައިގަތީ ހިޔާލު ތަފާތުވިޔަސް ތަރައްގީއަށް ހުރަސް ނޭޅުމަށް

23 އޮގަސްޓު 2023 - 19:26 1

ޕާޓީގެ ތެރޭގައި ހިޔާލު ތަފާތުވުންތަކަށް ޖާގަ އޮތް ނަމަވެސް ތަރައްގީގެ މަޝްރުއޫތަކަށް ހުރަސް ނޭޅުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގެންފި އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭނުކުރެއްވުމަށް މިއަދު ރ. މަޑުއްވަރީއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމްޑީޕީއަކީ ޑިމޮކްރަސީއަށް ލޯބިކުރާ ޕާޓީއެއް ކަމަށާއި، އެ ޕާޓީން ހިޔާލު ތަފާތުވުންތަކަށް ޖާގަ ދޭނެ ކަމަށެވެ. އެހެން ނަމަވެސް ތަރައްގީގެ މަސައްކަތްތައް ހުރަސް ނޭޅުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވި އެވެ.

"އަޅުގަނޑުމެންގެ އެތެރޭގައި ބައެއް ފަހަރު އެއަންނަ ހިޔާލު ތަފާތުވުންތަކާ އެކީގައި އެކި އެކި ގުޑުންތައް އަރާ. މަޑުއްވަރީއަށް ވެސް ކޮންމެވެސް ވަރެއްގެ އަސަރެއް ކޮށްފަ އޮތުމަކީ އެކަށީގެންވާ ކަމެއް. އަޅުގަނޑުގެ އިލްތިމާސްއަކީ އެއަށް [ހިޔާލު ތަފާތުވުމަށް] ޖާގަ އެބަ އޮތް ޕާޓީ ތެރޭގައި، އެހެން ނަމަވެސް ތަރައްގީއަށް މިކުރާ މަސައްކަތުގަ ހުރަހަކަށް އެބޭފުޅުން ވެވަޑައި ނުގަންނަވައްޗޭ," ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް އެދިވަޑައިގަތީ ހިޔާލު ތަފާތުވުމާ އެކު ވެސް އެކުގައި ކުރިއަށް ވަޑައިގަތުމަށެވެ. އެއީ މަޑުއްވަރީ، އަދި ރ. އަތޮޅާއި މުޅި ރާއްޖެއަށް ވެސް އެންމެ ރަނގަޅު ގޮތް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ކޮންމެ ރަށަކަށް އަރާވަޑައިގެން އެރަށުގެ ރައްޔިތުން އެދޭހާ ކަމެއް ކޮށްދޭނެ ކަމަށް ވައުދުވެވަޑައިގަންނަވާތީ ވާދަވެރިން ގޮންޖައްސަވާކަން ފާހަކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމީހުންގެ ވާހަކަތަކަކީ އެކަންކަން ކޮށްދޭނެ ގޮތް ނޭނގޭތީ ދައްކާ ވާހަކަތަކެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ ކަންކަން ކުރަންވީ ގޮތް. އަޅުގަނޑުމެން ތެރޭގައި ޕްލޭން އެބަ އޮތް. އެކަން ކުރާނެ މީހުން ވެސް އެބަތިބި. މިދިޔަ ފަސް އަހަރު ތެރޭގައި އަޅުގަނޑުމެން ވީ ވައުދުތައް ފުއްދެމުން މިދަނީ އެހެންވެ" ރައީސް ވިދާޅުވި އެވެ.