Advertisement

ރާއްޖޭގެ އިންޝިއުރެންސް އިންޑަސްޓްރީ ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ޔޫއެންޑީޕީ އާއި އެމްއެމްއޭއިން ސޮއިކޮށްފި

22 އޮގަސްޓު 2023 - 18:24 0

މުހައްމަދު ޖަމްޝަތު ވަހީދު

މުހައްމަދު ޖަމްޝަތު ވަހީދު


ރާއްޖޭގެ އިންޝިއުރެންސް އިންޑަސްޓްރީ ހަރުދަނާކުރުމުގެ އެއްބަސްވުމެއްގައި ޔޫއެންޑީޕީ އާއި އެމްއެމްއޭއިން ސޮއިކޮށްފި

22 އޮގަސްޓު 2023 - 18:24 0

ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީ ކުރިއެރުވުމުގެ މަގުސަދުގައި ކުރިއަށްގެންދާ މޯލްޑިވްސް އިންޝުއަރެންސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަށް ފައިނޭންސްކުރުމުގެެ އެއްބަސްވުމުގައި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އާއި މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން ސޮއިކޮށްފި އެވެ.

މި ޕްރޮޖެކްޓަކީ ރާއްޖޭގެ އިންޓަގްރޭޓެޑް ނޭޝަނަލް ފައިނޭންސިން ފްރޭމްވޯކް (އައިއެންއެފްއެފް) އާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

ޔޫއެންޑީޕީން ބުނިގޮތުގައި މި އެއްބަސްވުން އެކުލަވާލާފައިވަނީ މިދިޔަ ޖެނުއަރީގައި ހެދި އިންޝުއަރެންސް ސެކްޓާ ޑައިގްނޯސްޓިކް ސްޓަޑީގެ ހޯދުންތަކަށް ބިނާކޮށެވެ. މި ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތަކާ އެއްގޮތްވާ ގޮތަށް އިންޝުއަރެންސް ދާއިރާގެ ގާބިލުކަން އިތުރުކުރުމާއި އެ ދާއިރާގެ ދެމެހެއްޓެނިވިކަން އިތުރުކޮށް ގަވާއިދުތައް ހަރުދަނާ ކުރުން ހިމެނެ އެވެ.

އަދި ނޭޗާ ބޭސްޑް އިންޝުއަރެންސް ޕްރޮޑަކްޓްތައް ހޯދުމާއި އަދި ރާއްޖޭގެ ތިމާވެށްޓަށް ކުރިމަތިވެފައިވާ ތަފާތު ގޮންޖެހުންތަކުން އަރައިގަތުމުގެ އިތުރުން، މާލީ ހަމަޖެހުން އިތުރުކުރުމުގެ މަސައްކަތްވެސް ހިމެނެ އެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން ރާއްޖެއަށް ކަނޑައަޅާފައިވާ ޔޫއެންޑީޕީގެ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް އެންރީކޯ ގަވޭލީ ވިދާޅުވީ

މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިތުރުވަމުންދާއިރު މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އިގުތިސާދީ ހަރަދު އިންތިހާއަށް އިތުރުވަމުންދާ ކަމަށެވެ. އަދި އިންޝުއަރެންސަކީ ނާޒުކު މުޖުތަމައުތަކާއި އިންވެސްޓްމަންޓްތައް ހިމާޔަތް ކުރުމަށް އާ ފައިނޭންސިން ވަސީލަތެއްގެ ގޮތުގައި ބޭނުން ކުރެވިދާނެ ހަރުދަނާ އެޑަޕްޓޭޝަން ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މި ސްޓްރެޓެޖިކް ޕާޓްނާޝިޕްގެ ޒަރިއްޔާއިން ރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީއަށް ބަދަލުތަކެއް ގެނައުމުގެ ވިސްނުމެއް ގެންގުޅޭ ކަމަށެވެ. އެގޮތުން އިންޝިއުރެންސް ރެގިއުލޭޓަރީ އޮނިގަނޑު ހަރުދަނާކޮށް ހިންގުމުގެ ގާބިލުކަން އިތުރުކުރެވޭނެ ކަމަށާއި އެމްއެމްއޭ އާއި ޔޫއެންޑީޕީ ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތަކީ ދެމެހެއްޓެނިވި ތަރައްގީއަށާއި ގައުމަށް އިގްތިސާދީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ވިދާޅުވި އެވެ.