22 އޮގަސްޓު 2023 - 11:02 0
އަހުމަދު އާއިދު
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބ. މާޅޮހުގައި ވާހަކަދައްކަވަނީ : ވިދާޅުވީ ރަށެއްގެ އިހުތިސާސުގައި ހިމެނޭ ހިމާޔަތް ކުރެވޭ ސަރަހައްދުތަކުން ލިބޭ އާމްދަނީ ކައުންސިލަށް ލިބޭގޮތް ހަދައިދޭނަ ކަމަށް - ފޮޓޯ: އެމްޑީޕީ
22 އޮގަސްޓު 2023 - 11:02 0
ރާއްޖޭގައި ހިމާޔަތް ކުރެވޭ ސަރަހައްދުގެ ތެރެއިން ރަށެއްގެ އިހުތިސާސުގައި ހިމެނޭ ސަރަހައްދުތަކުން ލިބޭ އާމްދަނީ އެ ރަށެއްގެ ކައުންސިލަށް ލިބޭނެ ގޮތް ހަމަޖައްސަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ހިމާޔަތްކޮށްފައިވާ ރަށްތަކުން ލިބޭ ފައިސާ ކަައުންސިލަށް ލިބޭނެ މަގު ތަނަވަސްކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވީ ރިޔާސީ ކެމްޕެއިނުގައި ބ. މާޅޮހަށް ވަޑައިގެން، އެ ރަށް ކައިރި އޮންނަ ހަނިފަރު ބަޔޮސްފިޔާ ރިޒާވަށް އިޝާރަތް ކުރައްވަމުންނެވެ.
"ހިމާޔަތް ކުރެވޭ ސަރަހައްދުތަކުން ލިބޭ އާމްދަނީގެ ތެރެއިން ރަށު ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ސަރަހައްދުތަކުން ލިބޭ އާމްދަނީ އެ ކައުންސިލަށް ލިބޭނެ ގޮތަށް ކުރިއަށް އޮތްތަނުގައި އެ ބަދަލުވެސް ގެންނާނެ ވާހަކަ ދަންނަވަން،" އެމަނިކުފާނު ވިދާޅުވި އެވެ.
ހަނިފަރު ސަރަހައްދު ހިމާޔަތްކޮށްފައި އޮންނަތާ 10 އަހަރުވެފައިވާ ކަމަށާއި ސަރުކާރުގެ މަޝްވަރާއާއެކު ހަނިފަރު އިތުރު 10 އަހަރަށް ހިމާޔަތް ކުރަން ނިންމާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ބަޔޮސްފިޔާ ރިޒާވުން ލިބޭ އާމްދަނީގެ ބައެއް މާޅޮހަށް އަދި ބ. އަތޮޅުގެ ރައްޔިތުންނަށް ލިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އެގޮތުން އެ ބަދަލު ގެނައުމަށް ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ހިމާޔަތް ކުރެވޭ ސަރަހައްދުގެ ތެރެއިން ރަށު ކައުންސިލްގެ އިހުތިސާސުގެ ތެރޭގައި ހިމެނޭ ސަރަހައްދުތައް ބެލެހެއްޓުން ކައުންސިލާ ހަވާލުކުރަން މިހާރު ނިންމާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.
މި ސަރުކާރުން މިހާތަނަށް ރާއްޖޭގެ 33 ސަރަހައްދެއް ހިމާޔަތް ކޮށްފައިވާ ކަމަށާއި އެމަނިކުފާނު ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަނީ ރާއްޖެ ހިމާޔަތްކޮށް ކުރިއަށް އޮތް ޖީލުތަކަށްވެސް ރާއްޖޭގެ ރީތިކަމާއި މުއްސަނދިކަން ވާރުތަކުރެވޭނެ ގޮތަށް ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
ދެ ވަނަ ދައުރެއްގައި ހިމާޔަތް ކުރެވިފައިވާ އަދި ކުރެވޭ ސަރަހައްދުތަކުން އެންމެ އެދެވޭނެ ފައިދާއެއް ނެގޭނެ ގޮތްތައް ބަލާ އެކަންކަން ވަކި މެނޭޖްމަންޓެއްގެ ދަށަށް ގެންދަވަން ރައީސް ވަނީ ވައުދުވެވަޑައިގެންފަ އެވެ.
ރައީސް ސޯލިހުގެ އިތުރުން ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަނީ ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި ޕީޕީއެމް/ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒާއި ދަ ޑިމޮކްރެޓްސްގެ އިލްޔާސް ލަބީބާއި އެމްއެންޕީގެ މުހައްމަދު ނާޒިމެވެ.
އޭގެ އިތުރުން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން ފާރިސް މައުމޫނާއި ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލު ވެސް ރިޔާސީ ރޭހުގައި އަމިއްލަ ގޮތުން ވާދަ ކުރައްވަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment