Advertisement

ރައީސް ސޯލިހު ނޫން ގޮތެއް ނެތް، ކުޅުދުއްފުށްޓަށް އޮތީ ރަން ޒަމާނެއް: އާތިފު

22 އޮގަސްޓު 2023 - 07:10 3

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

ކުޅުދުއްފުށީ ސިޓީގެ މޭޔަރު އާތިފު އަލުން އެމްޑީޕީއަށް ގުޅިވަޑައިގަތުމަށް ފަހު މެމްބަޝިޕް ފޯމް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ހަވާލު ކުރައްވަނީ. -- ފޮޓޯ އެމްޑީޕީ


ރައީސް ސޯލިހު ނޫން ގޮތެއް ނެތް، ކުޅުދުއްފުށްޓަށް އޮތީ ރަން ޒަމާނެއް: އާތިފު

22 އޮގަސްޓު 2023 - 07:10 3

މަޝްރޫއުތައް ލަސްވެގެން ދިޔުމުން ހިތްހަމަނުޖެހުން އުފެދުނު ކަމަށާއި ނަމަވެސް ކުރިއަށް އޮތް ފަސް އަހަރަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއިދު ކުރަން ނިންމީ އެ ނޫން އެހެން މޮޅު ގޮތެއް ފެންނަން ނެތުމުންނާއި، ކުރިއަށް އޮތީ އެ ސިޓީގެ ރަން ފަސް އަހަރު ކަމަށް ވާނެކަމުގެ ޔަގީންކަން ލިބުމުން ކަމަށް، ކުޅުއްދުށްފުށީ ސިޓީގެ މޭޔަރު މުހައްމަދު އާތިފު ރޭ ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފާއި އާތިފު އާއި ކައުންސިލްގެ މެމްބަރުން، ދަ ޑިމޮކްރެޓްސް ދޫކޮށް އެމްޑީޕީއާ އަލުން ގުޅިވަޑައިގަތުން ކުރިމަތިވި ފާޑުކިޔުންތަކާއި މަލާމާތަށް ރޭ އޭވާ ވަނީ ރަށްދު ދެއްވައިފަ އެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް ދޭ ޔަގީންކަމަކީ އަޅުގަނޑުމެންގެ މިތިބެ އެއްވެސް މީހެއްގެ އަމިއްލަ ފައިދާއަކަށް އަޅުގަނޑުމެން ހެދި އެއްވެސް ޑީލެއް ނޯންނާނެއޭ. އެ ޔަގީންނަށް މިރޭ ތި އެންމެ ބޭފުޅުންނަށް އަރުވަން. ނަމަވެސް އަޅުގަނޑުމެން ރައީސް އިބޫއާއެކު ޑީލެއް ހެދިން. އެއީ ތިބޭފުޅުންގެ ނަމުގައި ހެދި ޑީލެއް،" ކުޅުދުއްފުށީގައި އެމްޑީޕީގެ މެމްބަރުން ބޭއްވި ބައްދަލުވުމެއްގައި އާތިފު ވިދާޅުވި އެވެ.

އެ ޑީލުގެ ސަބަބުން ކުޅުދުއްފުށްޓަކަށް ލިބޭ ތަރައްގީގެ އަގު އެއް ބިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް އާތިފު ވިދާޅުވި އެވެ.

އެ ސިޓީއަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލަ ހައްލުކުރަން މިހާރު ވެމްކޯއާ ހަވާލު ކުރެވިއްޖެ ކަމަށާއި، ނަރުދަމާގެ މަހުފީ 30ރ. ކަނޑާލާނެކަމުގެ ޔަގީންކަން ރައީސް ސޯލިހު ދެއްވި ކަމަށް އަދި އިންތިހާބުގެ ކުރިން އެ ސިޓީގައި 1000 ހައުސިން ޔުނިޓު ބިނާކުރަން އިއުލާނު ކުރާނެ ކަމަށް އާތިފު ވިދާޅުވި އެވެ. އެއީ ކޮންޓްރެކްޓަ ފައިނޭންސްގެ އުސޫލުން އިމާރާތްކުރާ ޔުނިޓުތަކެކެވެ.

"އަޅުގަނޑުމެންނަށް އެ ޑީލަށް ނޫނެކޭ ނުބުނެވުނު. އެ ޑީލަށް ނޫނެކޭ ބުނުމަކީ ކުޅުދުއްފުށްޓަށް ވެވޭ ބޭވަފާއެއް،" އޭނާ ވިދާޅުވި އެވެ.

ރައީސް ސޯލިހު ނޫން ގޮތެއް ފެންނަން ނެތް

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ކިރިޔާ ވެސް ރައީސް ސޯލިހާ ވާދަ ކުރައްވާނީ ޕީއެންސީގެ ކެންޑިޑޭޓު މުހައްމަދު މުއިއްޒު ކަމަށާއި އެހެންވެ ރައީސް ސޯލިހު ނޫން ގޮތެއް ފެންނަން ނެތް ކަމަށް އާތިފު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ފެންނަ ގޮތުގައި ރައީސް އިބޫއާ ކިރިޔާ ވެސް ވާދަ ކުރައްވާނީ ޕީޕީއެމްގެ ކެންޑިޑޭޓު. ދެން އަޅުގަނޑުމެން ދާނީ ޕީޕީއެމްއަށްތޯ އެމްޑީޕީއަށްތޯ ރައްޔިތުން މި ނިންމަންޖެހެނީ. އިތުރު ކެންޑިޑޭޓަކާމެދު ވިސްނާނެ ކަމެއް ވެސް ނެތް. ވިސްނުމެއް ނެތް. ނާންނާނެ،" ރައީސް ސޯލިހަށް ތާއިދު ކުރައްވާކަން ހާމަ ކުރެއްވުމަށް ފަހު އާތިފު ވިދާޅުވި އެވެ.

ރައީސް ސޯލިހު ނޫން ގޮތެއް ފެންނަން ނެތްކަމުގެ ހެކި އާތިފު ދެއްކެވީ ޕީޕީއެމްގެ ވެރިކަމުގެ ހައުސިން މިނިސްޓަރު އަދި މިހާރު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު އޭރު ކުރައްވާފައިވާ ކަންކަމުންނެވެ.

އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ކުޅުއްފުށީގައި ބިނާކުރި ހައުސިން ޔުނިޓުތައް ހަތް އަހަރު ވަންދެން ވީރާނާ ވާން ދޫކޮށްލީ މުއިއްޒުގެ މިނިސްޓަރު ކަމުގައިކަން އާތިފު ފާހަގަ ކުރެއްވެވި އެވެ. އަދި އެ ރަށުގައި އިންތިހާބުކުރި އޮތް ކައުންސިލެއް އޮތްވައި، ގޯތި ދޭން އިއުލާނު ކުރީ ފެނަކަ އޮފީހުން ކަމަށް ވެސް ފާހަގަ ކުރެއްވެވި އެވެ.

"މިއަދު އަޅުގަނޑުމެން ގާތަށް އައިސް ވޯޓު ހޯދަން އެ ވަކާލާތު ކުރައްވާ ކެންޑިޑޭޓު އޭރު ހުންނެވީ ހައުސިން މިނިސްޓަރަކަށް. ކުޅުދުއްފުށީގައި ބުއްދި ސަލާމަތުން ހުރި ހަމަ އެކަކު ވެސް [މުއިއްޒު] އަށް ވޯޓު ނުލާނެ،" އާތިފު ވިދާޅުވި އެވެ.

ވެރިކަން ލިބިވަޑައިގެންފި ނަމަ ތަންފީޒު ކުރައްވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސިޔާސަތު ކަމަށް މުއިއްޒު ވިދާޅުވަމުން ގެންދެވި ނަމަވެސް، ޔާމީންގެ ސިޔާސަތާ ހިލާފަށް، އޭނާ ގެންދަވަނީ ލާމަރުކަޒީ ސިޔާސަތަށް މިހާރު ތާއިދު ކުރައްވާކަން ހާމަ ކުރައްވަމުންނެވެ.

ނަމަވެސް މުއިއްޒުގެ މިނިސްޓަރުކަމުގައި މާލޭ ސިޓީ ކައުންސިލްގެ ބާރުތައް އަތުލެއްވި އެވެ. އަދި ކުޅުދުއްފުށި ހިމެނޭ ގޮތަށް ބައެއް އެހެން ރަށްރަށުގެ ވެސް ކައުންސިލްގެ ބާރުތައް ކަނޑުއްވާލެއްވި އެވެ. މުއިއްޒަށް ވޯޓު ދޭން ނުޖެހޭ ސަބަބުތަކުގެ ގޮތުގައި އާތިފު ފާހަގަ ކުރެއްވީ މި ސަބަބުތަކެވެ.

"މިއަދު އެ ވިދާޅުވަނީ ލާމަރުކަޒީ ނިޒާމޭ. ހުޅުމާލެ ވެސް ސިޓީ ކައުންސިލަށް ދޭނަމޭ. އެކަމަކު ކިހިނެއްތޯ އަޅުގަނޑުމެން ގަބޫލު ކުރާނީ. އެ ދުވަހު ސިޓީ ކައުންސިލްގެ ބާރުތައް އެއްކޮށް މުށުތެރެއަށް ނަގައިގެން ހުންނެވި ބޭފުޅާ އެ ވިދާޅުވަނީ. އެހެންވީމާ މިއަދު ހަމަ އިބޫ ނޫން ގޮތެއް ނެތް. އެއްވެސް ބަޔަކަށް އިބޫ ނޫން ގޮތެއް ނެތް،" އާތިފު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ކުޅުދުއްފުށިން ރައީސް ސޯލިހަށް 70 ޕަސެންޓު ވޯޓު ހޯދުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމަށް ވެސް އާތިފު ވިދާޅުވި އެވެ.