Advertisement

އެމްޑީޕީން ވަކިވި ސިރާޖުގެ ތާއީދު އިދިކޮޅު ކެންޑިޑޭޓު މުއިއްޒަށް

21 އޮގަސްޓު 2023 - 21:16 0

މޫސާ ސިރާޖް، މުއިއްޒާއެކު: މިހާތަނަށް ޕީޕީއެމްއަށް ސޮއި ކުރައްވާފައެއް ނުވޭ -- ފޮޓޯ: ސިރާޖް


އެމްޑީޕީން ވަކިވި ސިރާޖުގެ ތާއީދު އިދިކޮޅު ކެންޑިޑޭޓު މުއިއްޒަށް

21 އޮގަސްޓު 2023 - 21:16 0

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން، ވެރިކަން ކުރާ އެމްޑީޕީން މިއަދު ކެނޑުނު މޫސާ ސިރާޖު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު ސިރާޖު މުއިއްޒާއެކު ނަންގަވާފައިވާ ފޮޓޯއަކާއެކު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސެޕްޓެމްބަރު 9، ގައި ބާއްވާ އިންތިހާބުގައި އޭނާ ތާއީދު ކުރައްވާނީ މުއިއްޒަށް ކަމަށެވެ.

"2018 ވަނަ އަހަރު ރިޔާސީ އިންތިހާބުގައި ލާމު އަތޮޅުން އެމްޑީޕީ ކެނޑިޑޭޓް ކުރި ހޯދިކަމުގައިވިޔަސް މިއިންތިހާބުގައި އަޅުގަނޑުމެން އެކަން ބަދަލުކުރާނަން،" މޫސަ ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި ސިރާޖު އެ ޕާޓީން ވަކިވި ނަމަވެސް އެގޮތަށް ނިންމެވި ސަބަބު މިހާތަށް ވިދާޅުވެފައެއްނުވެ އެވެ. އަދި ކެންޑޭޓު މުއިއްޒަށް ތާއީދު ކުރައްވަން ނިންމެވި ސަބަބެއް ވެެސް އޭނާ ވިދާޅެއްނުވެ އެވެ.

މުއިއްޒަށް ތާއީދު ކުރެއްވި ނަމަވެސް އޭނާ ޕީޕީއެމްއަށް އަދި ސޮއި ކުރައްވާފައެއްނުވެ އެވެ.

މިއީ އެމްޑީޕީ ދެބައިވެ، ދަ ޑިމޮކްރެޓްސް އުފެއްދިފަހުން ވެރިކަން ކުރާ ޕާޓީއިން ވަކިވެ އިދިކޮޅު ޕީޕީއެމްއާ މެމްބަރަކު ގުޅިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. ކުރިން ބެލެވިފައި އޮތީ ސިރާޖް ދެން މަސައްކަތް ކުރާނީ ޑިމޮކްރެޓްސްއާއެކު ކަމަށެވެ.

ސިރާޖު ސިޔާސީ ދާއިރާއަށް ނިކުންނެވީ ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ އިންތިހާބުންނެވެ. އޭގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ގާނޫނީ ވަކީލެއްގެ ގޮތުގަ އެވެ. އެގޮތުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ.

އޭނާ އާންމުންގެ ތެރޭގައި މަޝްހޫރުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޯޓުތަކާއި ޖުޑިޝަރީއަށް ފާޑުވިދާޅުވާން ފެއްޓެވުމުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑުކިޔައިގެން އޭނާގެ މައްސަލައެއް ޖުޑިޝަރީން އެއިރު ބެލި އެވެ.