Advertisement

ރައީސްގެ ދަތުރާ ދިމާކޮށް ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ތުޅާދޫއިން ބަޔަކު ހައްޔަރުކޮށްފި

21 އޮގަސްޓު 2023 - 17:41 0

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ތުޅާދޫގައި ހަމަނުޖެހުން ހިންގި ކަމަށް ބުނެ ކޯޓު އަމުރެއްގެ ދަށުން ހަތަރު މީހަކު ހައްުޔަރުކޮށްފައިވާކަމަށް ބުނޭ -- ފޮޓޯ: ފޭސްބުކް


ރައީސްގެ ދަތުރާ ދިމާކޮށް ހަމަނުޖެހުން ހިންގިކަމުގެ ތުހުމަތުގައި ތުޅާދޫއިން ބަޔަކު ހައްޔަރުކޮށްފި

21 އޮގަސްޓު 2023 - 17:41 0

ރައީސުލްޖުމްހޫރިއްޔާގެ އިބްރާހިމް މުހައްމަދު ސޯލިހުގެ ދަތުރުފުޅާ ދިމާކޮށް ހަމަނުޖެހުން ހިންގި ކަމަށް ތުހުމަތުކޮށް ބ. ތުޅާދޫ އިން ބަޔަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ ރައީސް ތުޅާދޫއަށް ކުރައްވާ ކެމްޕޭން ދަތުރަށް ހުރަސްއެޅޭ ފަދަ ހަރަކާތްތަކެއް ހިންގި ބަޔަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. މަސްލަހަތު ގެއްލޭ ފަދަ އަމަލުތަކެއް ހިންގަން އުޅޭ ކަމުގެ ތުހުމަތުގައި ހައްޔަރުކުރީ އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ހަތަރު މީހެކެވެ.

ފުލުހުން ބުނީ އެމީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

ތުޅާދޫގައި ރައީސް ވަޑައިގަތުމުގެ ކުރިން، އަޑުގަދަކޮށް ލަވަ ޖަހަމުންދިޔުމުން ލައުޑް ސްޕީކަރުތަކަކާއި، ލަވަޖެހުމަށް ބޭނުންކުރާ ބައެއް އެހެން ތަކެތި ވެސް ފުލުހުން ވަނީ އަތުލައިގެންފަ އެވެ.

އެ މައްސަލައާ ގުޅިގެން ޕީޕީއެމުން ނެރުނު ނޫސްބަޔާނުގައި ބުނެފައި ވަނީ ތުޅާދޫ ސަޕޯޓަރުންގެ ހަރަކާތްތަކަށް ސަރުކާރުން ހުރަސް އަޅާ މީހުންނަށް އަނިޔާކޮށް، ތަކެއްޗަށް ގެއްލުންދީ އެތައް ބަޔަކު ހައްޔަރުކުރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ.

"އެއީ ޑިމޮކްރަސީގެ ރޫހާއިވެސް ހިލާފަށް ހިންގާ ޖަރީމާއެއްކަމުގައި ދެކެމެވެ. އެހެންކަމުން ހައްޔަރުކޮށްފައިވާ އެންމެން މިހާރުން މިހާރަށް ދޫކޮށްލުމަށާއި، ހަރަކާތަށް ހުރަސް އެޅުމުގައި، ފުލުހުން ހާލަތާއި ނުބައްދަލު ބާރުގެ ބޭނުންކުރުމުގެ ސަބަބުން ގެއްލުން ލިބުނު ތަކެތީގެ ބަދަލު ދިނުމަށް ގޮވާލަން،" އިދިކޮޅު ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ހައްޔަރުކުރި މީހުންނަނީ ޕީއެންސީ/ޕީޕީއެމްގެ ލީޑަރު ރައީސް އަބްދުﷲ ޔާމީނު މިނިވަން ކުރުމަށް ގޮވާލާ ސުލްހަވެރި މުޒާހަރާ ކުރި ބައެއް ކަމަށް އެޕާޓީން ބުނެ އެވެ.