Advertisement

ފެހެންދޫ ސެޓެލައިޓް ސްކޫލު ރަށުން މެނޭޖު ކުރެވޭ ގޮތަށް ބަދަލުކުރަން ރައީސްގެ ވައުދު

21 އޮގަސްޓު 2023 - 13:31 0

ނިމާ ހަސަން

ނިމާ ހަސަން

ބ. ފެހެންދޫ ސްކޫލު; އެ ރަށު ސެޓެލައިޓް ސްކޫލު ރަށުން މެނޭޖުކުރެވޭގޮތް ހަދައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި -- ފޮޓޯ: ޝާބިން/ އަދަދު


ފެހެންދޫ ސެޓެލައިޓް ސްކޫލު ރަށުން މެނޭޖު ކުރެވޭ ގޮތަށް ބަދަލުކުރަން ރައީސްގެ ވައުދު

21 އޮގަސްޓު 2023 - 13:31 0

ބ. ފެހެންދޫގައި ހިންގާ ސެޓެލައިޓް ސްކޫލު އެ ރަށުން މެނޭޖު ކުރެވޭ ގޮތަށް ބަދަލުކޮށްދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވައުދުވެވަޑައިގެންފި އެވެ.

ފެހެންދޫ ދަރިވަރުން ސްކޫލަށް ދިއުމަށް އެ އަތޮޅު ގޮއިދުއަށް ކޮންމެ ދުވަހަކު ކުރަންޖެހޭ ދަތުރު ނިމުމަކަށް ގެނެސް, މި ސަރުކާރުން ވަނީ އެރަށުގައި ސެޓެލައިޓް ސްކޫލެއް ގާއިމުކޮށްފަ އެވެ. ނަމަވެސް, އެ ސްކޫލު މިހާރު މެނޭޖުކޮށް, ހިންގަމުން ގެންދަނީ ގޮއިދޫ އިންނެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ފެހެންދޫއަށް ވަޑައިގެން ރައީސް ވަނީ އެ ސްކޫލު ފެހެންދޫއިން މެނޭޖު ކުރެވޭ ގޮތަށް ބަދަލު ކޮށްދެއްވަން ވައުދުވެވަޑައިގެންފަ އެވެ.

"މިރަށުގައި ހިންގާ ސެޓެލައިޓް ސްކޫލު މެނޭޖުކޮށް މިހާރު ހިންގަނީ ގޮއިދޫން. އެކަން ބަދަލުކޮށް, ސީދާ މިރަށުން އެކަން މެނޭޖު ކުރާ ގޮތަށް ބަދަލުކޮށްދޭނަން," ރައީސް ވިދާޅުވި އެވެ.

ސެޓެލައިޓް ސްކޫލުގައި ކިޔަވައިދޭނީ ވީޑިއޯ މެދުވެރިކޮށެވެ. ނަމަވެސް, ކޮންމެ ކްލާސް ރޫމެއްގައި ވެސް މުދައްރިސުން ހާޒިރުވެ ތިބޭނެ އެވެ. އަދި ރެކޯޑިން ސެޝަންތަކުގެ އިތުރުން ވަގުތުން ފޮނުވާ ސެސަންޝައްތައް ދަރިވަރުންނަށް ނެގޭނެ އެވެ.

ސެޓެލައިޓް ސްކޫލްތަކުގެ މައި ހަބެއްގެ ގޮތުގައި ބޭނުން ކުރާނީ ހުޅުމާލޭގައި ހުންނަ ހުރަވީ ސްކޫލެވެ. އޮންލައިންކޮށް ކިޔަވައިދެނީ ވެސް އެ ސްކޫލުގެ މުދައްރިސުންނެވެ. ސެޓެލައިޓް ސްކޫލްގެ ދަރިވަރުންނަށް ބޭނުންވާ ކޮމްޕިއުޓަރު އަދި އިންޓަނެޓުގެ ހިދުމަތް ހަމަޖައްސަނީ ސަރުކާރުންނެވެ.

މީގެ އިތުރުން ވެސް ރައީސް ވަނީ, ފެހެންދުއަށް އިތުރު ވައުދުތައްވެ ވަޑައިގެންފަ އެވެ. އެއީ;

  • ސިއްހީ މަރުކަޒު 24 ގަޑިއިރަށް ބަދަލުކޮށް, މިހާރު ދޭ ހިދުމަތް އިތުރުކޮށް ލެބޯޓަރީގެ ހިދުމަތް ލިބޭ ގޮތް ހެދުން
  • ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކުރުމަށް ރައްޔިތުން ބޭނުންވާ ވަރަށް ރޯހައުސް އަޅައިދިނުން
  • ކޮމިއުނިޓީ ސެންޓަރެއް އަޅައިދިނުން
  • ސަރުކާރު މުވައްޒަފުންނަށް އެކޮމޮޑޭޝަން ބްލޮކެއް އަޅައިދިނުން
  • ޑިންގީ އާއި ދޯނި ފަހަރު އެޅޭ ގޮތަށް ފްލޯޓިން ޖެޓީއެއް ގާއިމުކުރުން
  • ކުޑަކުދިންގެ ޕާކެއް ގާއިމުކުރުން

މި ވައުދުތަކުގެ އިތުރަށް ރައީސް ވަނީ ގޮއިފުޅަފެހެންދޫ ފަޅުގައި ރިސޯޓެއް ތަރައްގީ ކުރުމަށް އާންމު ފަރާތްތަކަށް ހުޅުވާލުމަށް ވެސް ވައުދުވެވަޑައިގެންފަ އެވެ. ރައީސް ވިދާޅުވި ގޮތުގައި އެ މަޝްރޫއާއެކު, އެ ސަރަހައްދުގެ އިގްތިސޯދަށް ބޮޑު ބަދަލެއް އަންނާނެ އެވެ.