Advertisement

މެމްބަރު މޫސާ ސިރާޖް އެމްޑީޕީން ވަކިވެޑައިގެންފި

21 އޮގަސްޓު 2023 - 11:48 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް. ފޮޓޯ:މަޖިލީހުގެ އިދާރާ


މެމްބަރު މޫސާ ސިރާޖް އެމްޑީޕީން ވަކިވެޑައިގެންފި

21 އޮގަސްޓު 2023 - 11:48 0

ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖް ވެރިކަންކުރާ އެމްޑީޕީން މިއަދު ވަކިވެވަޑައިގެންފި އެވެ.

އެމްޑީޕީން ވަކިވެވަޑައިގެންނެވުމަށް އެޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލަށް ފޮނުއްވި ސިޓީގައި ވިދާޅުވީ އެޕާޓީގެ މެމްބަރެއްގެ ގޮތުގައި އިތުރަށް ހުންނަން އެދިވަޑައިނުގަންނަވާތީ ވަކިކޮށްދެއްވަން އެދިވަޑައިގަންނަވާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ސިރާޖް އެމްޑީޕީން ވަކިވެވަޑައިގަންނަވަނީ އިދިކޮޅު ޕީޕީއެމްއާ ގުޅިވަޑައިގެންނެވުމަށެވެ. ނަމަަވެސް އަދި އޭނާ އެ ޕާޓީއަށް ސޮއިކުރައްވާފައެއް ނުވެ އެވެ.

ވެރިކަން ކުރާ ކޯލިޝަނުގެ މައިޕާޓީ، އެމްޑީޕީ ދެބަައިވެ، ނަޝީދުގެ ފެކްޝަން އުފެދުނު އިރު ސިރާޖް އެ ފެކްޝަނާ ގުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ވެސް އަޑު ފެތުރުނެވެ. އެހެންނަމަވެސް އޭރު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ސިރާޖު ތާއީދު ކުރެއްވީ ރައީސް ސޯލިހަށެވެ.

ސިރާޖު ސިޔާސީ ދާއިރާއަށް ނިކުންނެވީ ރައްޔިތުންގެ މަޖިލީގުގެ 2019 ވަނަ އަހަރުގެ އިންތިހާބުންނެވެ. އޭގެ ކުރިން އޭނާ މަސައްކަތް ކުރެއްވީ ގާނޫނީ ވަކީލެއްގެ ގޮތުގަ އެވެ. އެގޮތުން، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ވަކީލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވި އެވެ.

ސިރާޖު އާންމުންގެ ތެރޭގައި މަޝްހޫރުވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކޯޓުތަކާއި ޖުޑިޝަރީއަށް ފާޑުވިދާޅުވާން ފެއްޓެވުމުންނެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ފާޑުކިޔައިގެން އޭނާގެ މައްސަލައެއް ޖުޑިޝަރީން އެއިރު ބެލި އެވެ.