20 އޮގަސްޓު 2023 - 19:25 0
ސްޕެއިން ކުޅުންތެރިން ވިމެންސް ވޯލްޑް ކަޕް ތަށްޓާ އެކު އުފާފާޅުކުރަނީ.---
20 އޮގަސްޓު 2023 - 19:25 0
ސިޑްނީ، އޮސްޓްރޭލިއާ (އޮގަސްޓް 20) - ފީފާ ވިމެންސް ވޯލްޑް ކަޕްގެ ފައިނަލުގައި އިންގްލެންޑް އަތުން 1-0 އިން މޮޅުވެ، ސްޕެއިނުން ފުރަތަމަ ފަަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި އެވެ.
އެންމެ ފަހުން ބޭއްވި ޔޫރޯގެ ޗެމްޕިއަންކަމާއި ފައިނަލިސިމާ މެޗު ކާމިޔާބުކުރި އިންގްލެންޑުން، ނެދަލެންޑްސްގެ ކޯޗު ސަރީނާ ވައިގްމަންގެ ކޯޗުކަމުގައި ފައިނަލަށް ދަތުރުކުރީ ހުރިހާ މެޗަކުން މޮޅުވެގެންނެވެ. އެކަމަކު، ފައިނަލުގައި މިއަދު ސްޕެއިން ކައިރީގައި އިންގްލެންޑަށް ނަތީޖާ ނުނެރެވި، އަންހެން ވޯލްޑް ކަޕްގެ ތަށްޓަށް ކުރާ އިންތިޒާރު ދިގުލައިދިޔައީ އެވެ.
އެންމެ ފަހުން، 2019 ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގައި ބަލިވި ނެދަލެންޑްސްގެ ކޯޗަކަށް ހުރީ މި ވަގުތު އިންގްލެންޑާ އެކު ހުރި ސަރީނާ އެވެ. އެެހެންކަމުން، ސަރީނާ ވެފައި މި ވަނީ ޖެހިޖެހިގެން ދެ އަންހެން ވޯލްޑް ކަޕް ފައިނަލުގައި ބަލިވި ފުރަތަމަ ކޯޗަށެވެ.
ސްޓޭޑިއަމް އޮސްޓްރޭލިއާގައި މިއަދު ކުޅުނު މެޗުގައި ސްޕެއިނަށް މެޗުގައި ފެނިގެންދިޔަ ހަމައެކަނި ގޯލު ޖަހައިދިނީ ސްޕެއިންގެ ކެޕްޓަން، އޯލްގާ ކާމޯނާ އެވެ. އިންގްލެންޑްގެ ލޫސީ ބްރޯންޒް އަތުން ގެއްލުނު ބޯޅައެއްގެ ފައިދާނަގައި، ސްޕެއިނުން ވަނީ ލަނޑު ޖަހައިފަ އެވެ.
އިންގްލެންޑުން ގިނަ އެޓޭކްތަކެއް ކޮށްގެން، ގޯލެއް ޖެހޭތޯ މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބެއް ނުވި އެވެ. ދެ ވަނަ ގޯލެއް ޖަހަން ސްޕެއިނަށް މި މެޗުގައި ރަނުގެ ފުރުސަތެއް ލިބި ބޭނުމެއް ނުކުރެވުނެވެ. އެ ގޮތުން، މެޗުގެ 69 ވަަނަ މިނިޓްގައި ޖެނީ ހާމޯސޯ ފޮނުވާލި ޕެނަލްޓީ އިންގްލެންޑްގެ ކީޕަރު، މެރީ އާޕްސް ވަނީ މަތަކޮށްފަ އެވެ.
ސްޕެއިނުން ވަނީ މި ކާމިޔާބީ ވަރަށް ބޮޑަށް ފާހަގަކޮށްފަ އެވެ. އެއީ މިދިޔަ އަހަރު ސްޕެއިނުގެ އަންހެން ފުޓްބޯޅަ ޓީމާއި އެ ގައުމުގެ އަންހެން ފުޓްބޯޅަ ޓީމު ދެމެދުގައި އުފެދުނު ކޯޅުންގަނޑަށް ފަހު، އަލުން ޓީމު އެކުލަވާލަން ކުރެވޭ މަސައްކަތުގެ ތެރެއިން މި ކާމިޔާބީ ލިބުމުންނެވެ.
Comment