Advertisement

ރިޔާސީ އިންތިހާބު: ބޭރުގެ 143 އޮބްޒާވަރުންނާއި 22 މޮނީޓަރަކަށް ހުއްދަ ދީފި

20 އޮގަސްޓު 2023 - 09:26 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރިޔާސީ އިންތިހާބު އޮބްޒާވްކުރަން ހަރަކާތްތެރިވާ ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ވަފުދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން : އިންތިހާބުގެ ކަންކަން ބެލުމަށް ބައިނަލްއަގުވާމީ 143 އޮބްޒާވަރުންނާއި، 22 މޮނީޓަރުން ރާއްޖޭގައި ހަރަކާތްތެރިވާނެ - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ރިޔާސީ އިންތިހާބު: ބޭރުގެ 143 އޮބްޒާވަރުންނާއި 22 މޮނީޓަރަކަށް ހުއްދަ ދީފި

20 އޮގަސްޓު 2023 - 09:26 0

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކަންކަން ހިނގާ ގޮތް ބަލަން އެކި ގައުމުތަކަށް ނިސްބަތްވާ ބައިނަލްއަގުވާމީ 143 އޮބްޒާވަރުންނާއި 22 މޮނީޓަރުން އެކި ހިސާބުތަކުގައި ހަރަކާތްތެރިވާނެ ކަމަށް ކޮމިޝަނުން ބުނެފި އެވެ.

މިއީ ރާއްޖޭގެ އިންތިހާބެއްގެ ކަންކަން ބެލުމަށް ބައިނަލްއަގުވާމީ އެންމެ ގިނަ މޮނީޓަރުންނާއި އޮބްޒާވަރުން ހަރަކާތްތެރިވާނެ އިންތިހާބެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، މި ހުރިހާ ފަރާތްތަކެއް ވެސް އިންތިހާބުގެ ދުވަސްވަރު ރާއްޖޭގައި ހަރަކާތްތެރިވާނެ ކަމަށެވެ. އޭގެ ތެރެއިން 31 އޮބްޒާވަރުންނަކީ އީސީއިން ދިން ހާއްސަ ދައުވަތަކަށް މި އިންތިހާބު އޮބްޒާވްކުރާ ފަރާތްތަށް ކަމަށް ވެސް ހަބީބު ވިދާޅުވި އެވެ.

އެ ހާއްސަ އޮބްޒާވަރުންގެ ޓީމުން އިންތިހާބުގެ ކަންކަން ބެލުމަށް ރާއްޖޭގެ ހަ ސަރަހަދެއްގައި ހަރަކާތްތެރިވާނެ އެވެ. ހަބީބު ވިދާޅުވި ގޮތުގައި މި ހާއްސަ ޓީމުގެ ޗީފް އޮބްޒާވަރެއްގެ ގޮތުން ހަރަކާތްތެރިވާނީ އަވަށްޓެރި ލަންކާގެ ކުރީގެ ޗީފް އިލެކްޝަންސް ކޮމިޝަނާ ވަޑުގެ ވަރުނަސިރީ މަހިންދަދޭޝަ ޕްރިޔާ އެވެ.

"އިންތިހާބު އޮބްޒާވްކުރުމަށް އެންމެ ގިނަ މޮނީޓަރުން ހަރަކާތްތެރިވާނީ ޔޫރަޕިއަން ޔޫނިއަން (އީޔޫ) އަދި ކޮމެންވެލްތުގެ ފަރާތުން، އީޔޫގެ 40 އޮބްޒާވަރުން އަދި ކޮމަންވެލްތުގެ 21 އޮބްޒާވަރުން."

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރާއްޖޭގައި ހަރަކާތްތެރިވާ މޮނިޓަރުންނާއި އޮބްޒާވަރުން ނިސްބަތްވާ ގައުމުތައް ވެސް ހަބީބު ލިޔުއްވާފައިވެ އެވެ. އޭގެ ތެރެއިން އޮބްޒާވަރުން ނިސްބަތްވާ ގައުމުތަކަކީ އެމެރިކާ، އިނގިރޭސިވިލާތް، ޖަޕާން، ދެކުނު ކޮރެއާ، ސައުތު އެފްރިކާ، ކެމަރޫން، ޖޯޑަން، ޖޯޖިއާ، ހޮންޑިއުރަސް، އެލް ސަލްވަޑޯ، އުޒްބަކިސްތާން، އިންޑިއާ، ޕާކިސްތާނު، ބަންގްލަދޭޝް، ބޫޓާން، ސްރީ ލަންކާ، ތައިލެންޑު، މެލޭޝިއާ އަދި ފިލިޕީންސް އެވެ.

ހަރަކާތްތެރިވާ 22 މޮނީޓަރުން ނިސްބަތްވަނީ ފްރާންސް، ޖަޕާން، އިންޑިއާ، އަދި ލަންކާ އަށެވެ.

ރިޔާސީ އިންތިހާބަށް 19 ދުވަހަށް ވެފައިވާއިރު އީސީއިން ރޭ ވަނީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބޭ މީހުންގެ ލިސްޓު ފައިނަލްކޮށް އާންމޮކޮށްފަ އެވެ. އެ ލިސްޓުގައި 282،395 މީހުން ހިމެނެ އެވެ. އޭގެ ތެރޭގައި އަލަށް ވޯޓު ލެވޭ މީހުންގެ އަދަދަކީ 27,006 އެވެ.

މިފަހަރު ވޯޓުލުމަށް ޖުމުލަ 574 ފޮށި ބަހައްޓާއިރު، މާލޭ ސަރަހައްދުގައި 176 ފޮށި، އަތޮޅުތަކުގައި 319 ފޮށި، ރިސޯޓުތަކުގައި 65 ފޮށި، ރާއްޖޭން ބޭރުގައި އަށް ފޮށި، ޖަލުތަކުގައި ފަސް ފޮށި އަދި ސިނާއީ ރަށްތަކުގައި އެއް ފޮށި ބަހައްޓަ އެވެ.