Advertisement

މުއިއްޒު ވައުދުވީ ބިން ހިއްކާފައި އޮތް މާފުށްޓާއި ގުރައިދޫ އިތުރަށް ހިއްކަން

19 އޮގަސްޓު 2023 - 23:07 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ގުރައިދޫ ޖަލްސާގައި މިރޭ ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިރާން ނާޝިމް/އަދަދު


މުއިއްޒު ވައުދުވީ ބިން ހިއްކާފައި އޮތް މާފުށްޓާއި ގުރައިދޫ އިތުރަށް ހިއްކަން

19 އޮގަސްޓު 2023 - 23:07 0

މާލެ އަތޮޅު މާފުށްޓާއި ގުރައިދޫގެ ބިން ހިއްކަން މިސަރުކާރުން ހިންގި މަޝްރޫއު ނިންމައި ގުޅީގެ ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނިކޮށް އެ ތިން ރަށަށް ވެސް ބިން އިތުރަށް ހިއްކަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވައުދުވެވަޑައިގެންފި އެވެ.

ލޯކަލް ޓޫރިޒަމް އެންމެ ފުޅާ ދާއިރާއެއްގައި ހިންގާ، މާފުށީގެ ފަޅު ތެރެއިން ވަކި ރަށެއްގެ ގޮތުގައި 25 ހެކްޓަރު ހިއްކައި ރިވެޓްމެންޓް ޖަހައި ނިންމީ 2021 ވަނަ އަހަރު އެވެ. އާމާފުއްޓާއި މާފުށީ ގުޅުވާލަނީ ކުޑަ ފާލަމަކުންނެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން އެ މަސައްކަތް ކުރީ 118.07 މިލިޔަން ރުފިޔާ ހަރަދުކޮށްގެންނެވެ.

ގުރައިދޫ ފަޅުތެރެއިން އެރަށާ ގުޅުވައިގެން 15 ހެކްޓަރުގެ ބިން ހިއްކައި ރިވެޓްމެންޓް ޖަހައި، އޭގެ އިތުރަށް ރަށާއި ވަކިން 1.7 ހެކްޓަރުގެ ޕިކްނިކް އައިލެންޑެއް ވެސް މި ސަރުކާރުން ފަށައި 2021 ވަނަ އަހަރު ހިއްކައި ނިންމި އެވެ.

ބޮޑުމިނުގައި 9.19 ހެކްޓަރު ހުރި ގުޅިއަށް 10 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އެމްޓީސީއާ ހަވާލުކުރީ މިދިޔަ މާޗްމަހު އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕެއިން ކުރަން ޕީޕީއެމް/ޕީއެެންސީން ކ.ގުރައިދޫގައި މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ މިސަރުކާރުން މަސައްކަތްތައް ކުރަނީ ރަށްރަށުގެ ރައްޔިތުން ބޭނުންވާ ގޮތަކަށް ނޫން ކަމަށެވެ. ބިން ހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތް ކުރަނީ ވެސް އެ ގޮތަށް ކަމަށް ވިދާޅުވެ ގުޅި، ގުރައިދޫ މާފުށީގެ ބިން ހިއްކުމުގެ މަޝްރޫއުތަކަށް އޭނާ ފާޑު ވިދާޅުވި އެވެ.

"މިރަށަށް [ގުރައިދުއަށް] ވެސް ވެފައި އޮތީ މިހެން. މާފުށީގެ ބިން ހިއްކުމުގައި ވެސް، ދެރަށުގެ ބިން ހިއްކުމުގައި ވެސް، ގުޅީގެ ބިން ހިއްކަން އުޅެނީ ވެސް ހަމަ އެގޮތަށް. އެހެންވީމާ ހިއްކާ ނިމިފައި ހުރި ބިން ހިއްކުމުގެ މަޝްރޫއުތައް ވީމާ، ކުރަން ޖެހޭ މަސައްކަތް ގިނަވާނެ. ނަމަވެސް އެއީކީ ނުކުރެވޭނެ ކަމެއް ނޫން،" ގުރައިދޫ، މާފުށީ ހިއްކާފައި އޮތް ބިމަށް ބަދަލު ގެނައުމުގެ އިޝާރާތެއްގެ ގޮތުން މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގުރައިދޫގެ ކުރިއެރުމަށް ކަމެއް ކުރާ ނަމަ ބިން އިތުރުކުރަން ޖެހޭ ކަމަަށާއި އެރަށުގެ ބިން ހިއްކުމުގެ މަޝްރޫއު ހިނގަމުން ދިޔަ އިރު ވެސް، އެ މަސައްކަތް ކުރާ ގޮތާއި މެދު "އަޖައިބުވި" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުވެސް ހަމަ އަޖައިބުވެފައި، ހަމަ އެ ވިދާޅުވި ހެން [ކުރިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވިހެން]، ގިރާ ސަރަހައްދު ހިމާޔަތްކުރަން ފަސްކޮޅެއް އަޅައިލާ ކަހަލަ ގޮތަކަށް އެކަން ކޮށްފައި އެ އޮތީ،" މުއިއްޒު ވިދާޅުވި އެވެ.

އެހެން ވިދާޅުވެ، ގުރައިދުއާއި މާފުށްޓާއި ގުޅިއަށް ވެސް ބިން އިތުރުކޮށްދޭން އޭނާ ވައުދުވެވަޑައިގެންނެވި އެވެ.

"އެހެން ވީމާ މި ތިން ރަށުގެ ބިން ހިއްކުން. ގުޅީގެ ބިން ހިއްކުން އެންމެ އަވަހަށް ކުރެވޭނީ. ގުރައިދޫގެ އަދި މާފުށީގެ ބިމަށް ޖާގަ އިތުރުކުރުން މިއޮތީ ކުރަން އޮތް ކަމަކަށް،" މުއިއްޒު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުލައި މަހު ގުރައިދޫ އަށް ވަޑައިގެން ވާހަކަ ދައްކަވަމުން ވިދާޅުވީ އެ ރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ބޮޑު ބިމެއް ހިއްކާ ހަވާލުކޮށްދީފައިވާއިރު، ގޯތި ނުދެވެންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ އެކަން [ގޯތި ދިނުން] ކައުންސިލަށް ނުކުރެވޭ ކަމަށްވަންޏާ, ގާނޫނަށް ގެންނަން ޖެހޭ ބަދަލެއް ގެނެސްގެން ނަމަވެސް, މިރަށުގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނަން," ރައީސް ވިދާޅުވި އެވެ.

ގުރައިދޫން ގޯތި ދޫނުކޮށް ލަސްކުރަމުން ދިޔަސް، މާފުއްޓަށް އިތުރުކުރި ބިމުން ދޫކުރާ 300 މީހުންގެ ނަން ވަނީ އިއުލާނުކޮށްފަ އެވެ.