Advertisement

ރާއްޖޭގެ ޓައެކްވަންޑޯ ޓީމު: ފުރަތަމަ ބައިނަލްއަގުވާމީ ގޭމްސްގެ ތަޖުރިބާ އަށް ތައްޔާރު

19 އޮގަސްޓު 2023 - 19:20 0


ރާއްޖޭގެ ޓައެކްވަންޑޯ ޓީމު: ފުރަތަމަ ބައިނަލްއަގުވާމީ ގޭމްސްގެ ތަޖުރިބާ އަށް ތައްޔާރު

19 އޮގަސްޓު 2023 - 19:20 0

ދިވެހި ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓައެކްވަންޑޯގެ މަސައްކަތް ފެށީ 2009 ވަނަ އަހަރުއެވެ. އެއީ ޓައެކްވަންޑޯ އެސޯސިއޭޝަނެއް ފުރަތަމަ ރަޖިސްޓްރީކުރެވުނު އަހަރު ނަމަވެސް، ޓައެކްވަންޑޯގެ ހަރަކާތްތައް އަމަލީ ގޮތުން ފެށީ 2017 ވަނަ އަހަރުއެވެ. އެއީ ރާއްޖެ އަށް ފުރަތަމަ ފަހަރަށް ޓައެކްވަންޑޯގެ ކުޅިވަރު އާންމުވާން ފެށި ހިސާބެވެ. އެއީ ޓައެކްވަންޑޯގެ އަމަލީ މަސައްކަތް، އަމާޒަކަށް ޓާގެޓް ހިފައިގެން ފެށުނު ހިސާބެވެ.

ދެހާސް ސަތާރަ ވަނަ އަހަރު ރާއްޖެ އަށް ޓައެކްވަންޑޯގެ ކުޅިވަރު، އާންމުވާން މެދުވެރި މައިގަނޑު ސަބަބަކީ ތަޖުރިބާކާރު މާސްޓާއެއް ކަމަށްވާ އަޔޫބް ރާއްޖެ އައުމެވެ. އެހިސާބުން ރާއްޖޭގެ ޓައެކްވަންޑޯ މަޑުމަޑުން ކުރިއަށް ޖެހި، އާންމުންނަށް ކޮންމެވެސް ވަރަކަށް ތަރަހަވަމުންދާ ކުޅިވަރަކަށް އެކުޅިވަރު ވާން ފެށިއެވެ. މަޑުމަޑުން ޒުވާނުން ޓައެކްވަންޑޯގެ ތެރެއަށްވަދެ، އެ މަސައްކަރް ރަސްމީ ވާން ފެށުމުގެ އިތުރުން މޯލްޑިވްސް ޓައެކްވަންޑޯ އަށް އިންޓަނޭޝަނަލް އެފިލިއޭޝަން ހޯދުމަށްވެސް އޭރު މަސައްކަތްތައް ފަށާފައިވެއެވެ. އެ މަސައްކަތް ކާމިޔާބުވީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރު ޓައެކްވަންޑޯ މޯލްޑިވްސްއަށް ވަނީ އިންޓަނޭޝަނަލް އެސޯސިއޭޝަންގެ އެފިލިއޭޝަން ލިބި، ރަސްމީވެފަ އެވެ.

ޓައެކްވަންޑޯ އަކީ އަދިވެސް މުޅި ރާއްޖޭގައި އެންމެ ފުޅާކޮށް ހިންގާ އާންމު ކުޅިވަރެއް ނޫން ނަމަވެސް، މާލެ ސަރަހައްދުގައި މިހާރު ދަނީ ކުޅިވަރު ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުންނެވެ. ދުވަހެއް ދުވަހަކަށް ކުޅިވަރުގެ ތެރެއަށް ވަންނަމުންދާ ފަރާތްތައް އިތުރުވަމުންދާ އިރު، މިހާތަނަށް ރާއްޖޭ ފެންވަރުގެ ހަ މުބާރާތް ބާއްވާފައިވެއެވެ. މިފަހަރުގެ ގޭމްސް އަށް ނުކުންނަ ގައުމީ ޓައެކްވަންޑޯ ޓީމުގައި ހިމެނެނީ ރާއްޖޭގެ މުބާރާތްތަކުން ވަނަތައް ހޯދާފައިވާ އިތުބާރު އެތުލީޓުންކަން އެސޯސިއޭޝަނުން ފާހަގަކޮށްފައިވެ އެވެ.

ޓައެކްވަންޑޯ ޓީމުން މިއަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ)އަށް މާ ކުރިންވެސް އިންތިޒާރުކޮށްފައިވާ އިރު، އެޓީމުން އަމާޒުހިފީ ރާއްޖޭގެ އަމިއްލަ ފަސްގަނޑުގައި އައިއޯއައިޖީގައި ވާދަކުރުމަށެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން ރާއްޖެއިން އައިއޯއައިޖީގެ ފުރުސަތު ދޫކޮށްލުމާއެކު މުބާރާތް މިހާރު ވަނީ މަޑަގަސްކަރާގައި ބާއްވަން ނިންމާ ފެށުމަށް ތައްޔާރު ވެފައެވެ.

މިފަހަރުގެ އައިއޯއައިޖީ، މި މަހު 25 އިން އަންނަ މަހު ތިން ވަނަ ދުވަހަށް ކުރިއަށްދާ އިރު، ޓައެކްވަންޑޯ ޓީމުން މުބާރާތަށް ހާއްސަވެގެން ތަމްރީނުތައް ހަދަމުންދާތާ މިހާރު ވަނީ އަހަރެއްހާ ދުވަސް ވެފަ އެވެ. މޮރޮކޯގެ ކޯޗެއް ކަމަށްވާ އަދްނާން ކަނޭންގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ޓީމުން ތަމްރީނުތައް ފުރިހަމަ ކުރަމުންދާ އިރު، މިފަހަރުގެ އައިއޯއައިޖީގެ މެޑަލްއަށް ކޯޗުގެ އުންމީދު ބޮޑެވެ.

ޓައެކްވަންޑޯ އަކީ "އާޓް އޮފް ފައިޓިން"ގެ ކުޅިވަރަކަށްވީ އިރު، އެފަދަ ކުޅިވަރުތަކަށް ރާއްޖޭގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކުޅިވަރަކީ ތަޅާފޮޅުމެއް ކަމަށް ދެކޭ ދެކުމެވެ. މިދިޔަ އަހަރުތަކުގެ ތެރޭގައި ޓައެކްވަންޑޯ ކުރިއަރުވަން ރާއްޖޭގައި ކޮށްފައިވާ މަސައްކަތްކަތުން، މިއަދު އެ ތަސްވީރު ދަނީ ބަދަލުވަމުންނެވެ.

ޓައެކްވަންޑޯ ފަދަ ކުޅިވަރުތަކަކީ އަހުލާގާއި ސުލޫކުގެ އިތުރުން، ކުޅިވަރުގެ އަހުލާގު ވަރަށް ބޮޑަށް ހިއްސާވާ ކުޅިވަރުތައް ކަމަށް ގިނަ ބަޔަކަށް ގަބޫލުކުރެވެއެވެ. މިފަހަރުގެ އައިއޯއައިޖީ ވެގެންދާނީ ޓައެކްވަންޑޯ ޓީމުން ވާދަކުރާ ފުރަތަމަ ބައިނަލްއަގުވާމީ ގޭމްސްއަށެވެ. ޓީމުގައި ހިމެނެނީ ޖުމުލަ ފަސް އެތުލީޓުންނެވެ. އެއީ އަންހެން އެއް އެތިލީޓަކާއި ފިރިހެން ހަތަރު އެތުލީޓެކެވެ. މިވަގުތު ގޭމްސްއަށް ޓާގެޓްކޮށް، އައިއޯއައިޖީ އަށް ފަހު އޭޝިއަން ޗެމްޕިއަންސްޝިޕަކީ ވެސް ޓައެކްވަންޑޯ ޓީމުގެ ޓާގެޓެކެވެ.

އެޑިޓަރު ނޯޓު


މިއީ މި މަހު 25 އިން އަންނަ މަހުގެ ހަތަރަކަށް މަޑަގަސްކަރާގައި ކުރިއަށްދާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް މޯލްޑިވްސް މީޑިއާ އިން ތައްޔާރުކޮށްފައިވާ އާޓިކަލް އެކެވެ.