Advertisement

ޔާމީނު ގެ ބަންދުގެ ޝަކުވާ ޕީޕީއެމުން އީޔޫ މަންދޫބުންނަށް ހުށަހަޅައިފި

17 އޮގަސްޓު 2023 - 20:09 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ޕީޕީއެމްގެ އިސް ބައެއް ބޭފުޅުން އީޔޫގެ މަންދޫބުންނާ ބައްދަލުކުރައްވަނީ. ފޮޓޯ:ޕީޕީއެމް


ޔާމީނު ގެ ބަންދުގެ ޝަކުވާ ޕީޕީއެމުން އީޔޫ މަންދޫބުންނަށް ހުށަހަޅައިފި

17 އޮގަސްޓު 2023 - 20:09 0

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ޝަރީއަތަަށް ސަރުކާރުން ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް، އިދިކޮޅު ޕީޕީއެމް/ޕީއެންސީން އެކަމުގެ ޝަކުވާ، ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ މަންދޫބުންނަށް ހުށަހަަޅައިފި އެވެ.

ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގެ ކަންތައްތައް ހިނގާނުހިނގާ ގޮތް ބަލަން ރާއްޖެއަށް ވަޑައިގެން އުޅުއްވާ އީޔޫ މިޝަންގެ ބޭފުޅުންނާ އެކު ޕީޕީއެމް/ޕީއެންސީން މިއަދު ބައްދަލުވުމެއް ބޭއްވި އެވެ. އޭނާ ވިދާޅުވި ގޮތުން އެ ބައްދަލުވުމުގައި މައިގަނޑު ތިން ކަމަކާ ޕީޕީއެމް/ޕީއެންސީން ކަންބޮޑުވުން ފާޅުކުރި އެވެ.

ކަންބޮޑުވުން ފާޅުކުރި ފުރަތަމަ ކަމަކީ ރައީސް ޔާމީނުގެ ޝަރީއަތަށް ސަރުކާރުން ނުފޫޒުފޯރުވާ ކަމަށް ތުހުމަތުކުރާ ތުހުމަތެވެ. ދެވަނަ ކަންބޮޑުވުމަކީ ޔާމީނުގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބަލައި ނުގަތުމާއި، އެ މައްސަލަ ސުޕްރީމްކޯޓަށް ހުށަހެޅުމުން އެ ކޯޓުން އީސީއާ އެއްކޮޅަށް ނިންމި ނިންމުމެވެ.

ޕީޕީއެމް/ޕީއެންސީން އީޔޫގެ މަންދޫބުންނާ އެކު ބޭއްވި ބައްދަލުވުމުގައި ތުހުމަތުކުރީ އެ ކަން އެގޮތަށް ކުރީ ސަރުކާރުން ނުފޫޒު ފޯރުވައިގެން ކަަމަށެވެ.

އެ ބައްދަލުވުމުގައި ޕީޕީއެމް/ޕީއެންސީން ކަންބޮޑުވުން ފާޅުކުރި ތިން ވަނަ ކަމަކީ ޔާމީނު މިވަގުތު ޖަލު ބަންދުގައި ހުންނެވުމުން، ކުރިއަށް އޮތް ރިޔާސީ އިންތިހާބަކީ "އިދިކޮޅު ލީޑަރު ޖަލުގައި ބާއްވައިގެން ކުރިއަށް ގެންދާ އިންތިހާބެއް" ކަަމަށް ސިފަކޮށް އެކަމުގެ ކަންބޮޑުވުމެވެ.

ޔާމީނުގައި ޖަލަށްލީ މަނީ ލޯންޑްރިންގެ ކުށާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެގެން ކްރިމިނަލްކޯޓުން އިއްވި 11 އަހަރުގެ ހުކުމެއް ތަންފީޒުކުރުމަށެވެ.

އެމަނިކުފާނު ގެއަށް ބަދަލުކުރަން އީޔޫގެ އެހީތެރިކަން ހޯއްދަވަން ރައްްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އީޔޫގެ އޮބްޒާވާ މިޝަނަށް މީގެ ކުރިން ހުށަހެޅުއްވި އެވެ.

އީޔޫއިން މި އަހަރުގެ އިންތިހާބު އޮބްޒާވްކުރަން ފޮނުވި ވަފުދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވަފުދުގެ ޗީފް އޮބްޒާވަރު ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު، ނާޗޯ ސަންޗޭޒް އަމޯރް ވިދާޅުވީ، ޔާމީނުގެ މައްސަލަ މިހާރު އޮތީ ކޯޓުތަކުގައި ކަމަށާއި، އެއްވެސް ހާލަތެއްގައި ޝަރުއީ ދާއިރާގެ ކަންކަމުގައި ތެރެއަށް ވަދެ އެ ވަފުދުން ބަސްނުބުނާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އޮބްޒާވްކުރަން އައި ބަޔެއް، އެއްވެސް ހާލެއްގައި ރާއްޖޭގެ ދާހިލީ ކަންކަމާމެދު ބަހެއް ނުބުނާނަން، ރައުޔެއް ނުދޭނަން، ހާއްސަކޮށް ރައީސް ޔާމީނުގެ މައްސަލަ އޮތީ ކޯޓުގައި، ޖުޑީޝަރީގެ ކަންކަމާ އަޅުގަނޑުމެން ބަހެއް ނުބުނާނަން" ނާޗޯ ވިދާޅުވި އެވެ.