Advertisement

ނަޝީދު އެދުނަސް އީޔޫއިން ޔާމީނު ގެއަށް ބަދަލުކުރަން މަސައްކަތެއް ނުކުރާނެ

17 އޮގަސްޓު 2023 - 12:35 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އީޔޫ ވަފުދުގެ ޗީފް އޮބްޒާވަރު ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު، ނާޗޯ ސަންޗޭޒް އަމޯރް : ވިދާޅުވީ ނަޝީދު އެދުނަސް އީޔޫއިން ޔާމީނު ގެއަށް ބަދަލުކުރާކަށް ނޫޅޭނެ ކަމަށް - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


ނަޝީދު އެދުނަސް އީޔޫއިން ޔާމީނު ގެއަށް ބަދަލުކުރަން މަސައްކަތެއް ނުކުރާނެ

17 އޮގަސްޓު 2023 - 12:35 0

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީނު ގެއަށް ބަދަލުކޮށްދޭން އެދިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޔޫރަޕިއަން ޔޫނިއަން (އީޔޫ) ވަފުދަށް އެކަން ހުށަހެޅި ނަމަވެސް، އެ ވަފުދުން އެފަދަ މަސައްކަތެއް ނުކުރާނެ ކަމަށް ބުނެފި އެވެ.

އީޔޫއިން މި އަހަރުގެ އިންތިހާބު އޮބްޒާވްކުރަން ފޮނުވި ވަފުދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވަފުދުގެ ޗީފް އޮބްޒާވަރު ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު، ނާޗޯ ސަންޗޭޒް އަމޯރް ވިދާޅުވީ، ޔާމީނުގެ މައްސަލަ މިހާރު އޮތީ ކޯޓުތަކުގައި ކަމަށާއި، އެއްވެސް ހާލަތެއްގައި ޝަރުއީ ދާއިރާގެ ކަންކަމުގައި ތެރެއަށް ވަދެ އެ ވަފުދުން ބަސްނުބުނާނެ ކަމަށެވެ.

"އަޅުގަނޑުމެންނަކީ އޮބްޒާވްކުރަން އައި ބަޔެއް، އެއްވެސް ހާލެއްގައި ރާއްޖޭގެ ދާހިލީ ކަންކަމާމެދު ބަހެއް ނުބުނާނަން، ރައުޔެއް ނުދޭނަން، ހާއްސަކޮށް ރައީސް ޔާމީނުގެ މައްސަލަ އޮތީ ކޯޓުގައި، ޖުޑީޝަރީގެ ކަންކަމާ އަޅުގަނޑުމެން ބަހެއް ނުބުނާނަން" ނާޗޯ ވިދާޅުވި އެވެ.

މަޖިލީހުގެ ރައީސް އަދި ޑިމޮކްރެޓްސް ޕާޓީގެ އިސްކޮށް ހަރަކާތްތެރިވާ ނަޝީދު ނާޗޯ އާ ބައްދަލުކުރެއްވީ މި މަހު 15 ގަ އެވެ. އެ ބައްދަލުވުމަށްފަހު މަޖިލީހުގެ އިދާރާއިން ބުނީ ސެޕްޓެމްބަރު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބު އިންސާފުވެރި އިންތިހާބަކަށް ވާނީ ޔާމީނު ގެއަށް ބަދަލުކޮށްގެން ކަމަށް ނަޝީދު ވިދާޅުވި ކަމަށެވެ. އަދި އެކަމުގައި އީޔޫގެ އެހީތެރިކަމަށް އެމަނިކުފާނު އެދިވަޑައިގެންނެވި ކަމަށްވެސް ބުނެފައިވެ އެވެ.

ނަޝީދު އިސްވެ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ކެމްޕޭން ޖަލްސާތަކުގައި ވެސް އެމަނިކުފާނު ގެންދަވަނީ ޔާމީން މިނިވަންކުރުމަށް ގޮވާލަމުންނެވެ. އަދި ޑިމޮކްރޭޓްސްގެ ވެރިކަމެއްގައި ފުރަތަމަ އެއް ހަފްތާ ތެރޭގައި ޔާމީން މިނިވަންކުރާނެ ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން ޕީޕީއެމް މެންބަރުންނަށް ޔަގީންކޮށް އަރުވަން، ތި ބޭފުޅުން އަޅުގަނޑުމެންނާއެކު މަސައްކަތް ކުރުމަށް އެއްބަސްވެ ސޮއި އަޅާތާ، އިރާދަކުރެއްވިއްޔާ ހަފުތާއެއްގެ ތެރޭގައި، މާލެ މަގުމަތީގައި އަޅުގަނޑު އަބަދު ހުރެގެން ވެސް، ރައީސް ޔާމީން ގެއަށް ގެނެސްދޭނަން، އަދި ރައީސް ޔާމީން ދޫވެސްކޮށްލާނަން،" މިފަހުން ގދ. ގައްދޫގައި ބޭއްވި ކެމްޕޭން ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޔާމީން ޖަލުން މިނިވަން ކުރަން ބޭނުންވާ ހަގީގީ މަސައްކަތް ޕީޕީއެމްގެ ލީޑާޝިޕުގައި ތިއްބެވި ބޭފުޅުން ނުކުރާ ކަމަށެވެ.

ޔާމީން ޖަލަށް ލާފައި ވަނީ އެ މަނިކުފާނުގެ ވެރިކަމުގައި ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ރިޝްވަތު ހިފާފައިވާ ކަމާއި އެ ފައިސާ ލޯންޑަކުރިކަމުގެ ކުށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައެޅުމަށް ފަހު އެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި 11 އަހަރަށް ޖަލަށް ލުމާއެކު ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކުރި އެވެ. އެ ހުކުމް އިސްތިއުނާފުކޮށްފައިވާއިރު، އަޑުއެހުންތައް ވަނީ ހައިކޯޓުގައި ފަށައިފަ އެވެ.