ސުޕްރީމް ކޯޓު: ޔާމީން ވިދާޅުވެފައި އޮތީ އުއްތަމަ ފަނޑިޔާރު، މަޖިލީހުގެ ނައިބު ރައީސްއާއެކު ސިއްރު ބައްދަލުވުމެއް ބޭއްވި ކަމަށް -- ފޮޓޯ: އަދަދު ފައިލް
ދިވެހިރާއްޖޭގެ އުއްމަތަ ފަނޑިޔާރު މުއުތަސިމް އަދުނަށް އަމާޒުކޮށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި ތުހުމަތުތައް ސުޕްރީމް ކޯޓުން މިއަދު ދޮގުކޮށްފި އެވެ.
ޔާމީންގެ ޕީޕަލްސް ނެޝަނަލް ފްރަންޓުން ރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އުއްތަމަ ފަނޑިޔާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމާއެކު ސިއްރު ބައްދަލުވުމެއް ބާއްވާފައި ކަމަށެވެ.
އެކަމަކު ސުޕްރީމް ކޯޓުގެ ތަރުޖަމާނަކު މި ނޫހާ ވާހަކަ ދައްކަމުން މިއަދު ބުނީ އުއްތަމަ ފަނޑިޔާރު، ނާޒިމްއާ ބައްދަލު ކުރައްވާފައިނުވާ ކަމަށެވެ.
ޔާމީން ވިދާޅުވީ ރޭ ވިދާޅުވީ އުއްތަމަ ފަނޑިޔާރު، ނާޒިމްއާ ބައްދަލު ކުރެއްވީ ރިސޯޓެއްގައި ކަމަށެވެ. އެ ބައްދަލުވުމުގެ ސަބަބުން އުއްތަމަ ފަނޑިޔާރުގެ އިތުބާރު ގެއްލިފައިވާ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
"އުއްތަމަ ފަނޑިޔާރު އެ ހުރީ ކޮމްޕްރޮމައިޒްވެފައި އިނގޭތޯ؟ އަޅުގަނޑު ދެކޭ ގޮތުގައި އުއްތަމަ ފަނޑިޔާރު މިހާރު އެބަ ޖެހޭ މަގާމުން ދުރަށް ދާން. އެއީ ޖަސްޓިސްއަކީ ހަމައެކަނި ސާވް ކުރާ ޖަސްޓިސްއެއް ނޫން، ޖަސްޓިސް މަސްޓް ބީ ސީން ޓު ބީ ސާވްޑް،" ޔާމީން ވިދާޅުވި އެވެ.
އެ ޖަލްސާގައި އިތުރަށް ވާހަކަ ދައްކަވަމުން ޔާމީން ވިދާޅުވީ، އުއްތަމަ ފަނޑިޔާރުގެ މަގާމުގައި މުއުތަސިމް ހުންނަވައިގެން އަދުލުއިންސާފު ގާއިމު ނުކުރެވޭނެ ކަމަށެވެ.
"އަޅުގަނޑުމެންނަކަށް ނުފެނޭ މި އުއްތަމަ ފަނޑިޔާރު ހުރެގެން ޖަސްޓިސް ސާވް ވާނެ ގޮތެއް. މަޖިލީހުގެ ނައިބު ރައީސްއާ އެކީ ޗޭނު އަޅާފައި، ލިންކު އެޅިފައި އެ ހުރީ. އޭނާ ހުންނަވައިގެނެއް މިކަމެއް ނުކުރެވޭނެ،" އެމަނިކުފާނު ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރަށް ތުހުމަތުތަކެއް ޔާމީން އަމާޒު ކުރައްވާފައި މި ވަނީ ސިޔާސީ ޕާޓީތަކަށް ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހަޅާފައި އޮއްވައި، އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ގޮތަށް އެ ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށްފައި ވަނިކޮށެވެ.
ގޮނޑި ގެއްލުވައިލެވޭ އިސްލާހު ބަލަން ފަށާފައި އޮއްވައި ސަސްޕެންޑު ކުރީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރެވެ. އޭގެ ތެރެއިން ހުސްނުއްސުއޫދު ވަނީ މިހާރު އިސްތިއުފާ ދެއްވައިފަ އެވެ.
ސުއޫދު ވިދާޅުވީ އިސްތިއުފާ ދެއްވީ ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި ނުފޫޒު ފޯރުވުމަށް ރައީސް މުހައްމަދު މުއިއްޒާއި ބަންޑާރަ ނައިބު އަހުމަދު އުޝާމް އިސްކޮށް ހުންނަވައި މަސައްކަތް ކުރައްވަމުންދާތީ އެކަމަށް އިހުތިޖާޖު ކުރެއްވުމުގެ ގޮތުން ކަމަށެވެ.
ސަރުކާރާއި ސަރުކާރުގެ އިސް ވެރިން ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންދާ ކަމަށް ފަނޑިޔާރު އަޒްމިރާލްދާ ޒާހިރުގެ ގާނޫނީ ވަކީލުންގެ ފަރާތުން ނެރުނު ބަޔާނެއްގައި ވެސް ވަނީ ބުނެފަ އެވެ. އަދި ފަނޑިޔާރުންގެ މައްސަލަތަކެއް ބަލައި ސަސްޕެންޑު ކުރީ ނެތް ހާލަތެއް އުފައްދައިގެން ކަަމަށް ވެސް އަޒްމިރާލްދާގެ ފަރާތުން ވިދާޅުވި އެވެ.
0.00%
0.00%
100.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment