ރައީސް އއ. އަތޮޅަށް ކުރެއްވި ދަތުރުފުޅު; އިއްޔެ އެ އަތޮޅުގެ ހަތް ރަށަށް ވަޑައިގެންނެވި -- ފޮޓޯ: އިޔާން/ އަދަދު
ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު, އިއްޔެ އަރި އަތޮޅު އުތުރު ބުރީގެ ހަތް ރަށަކަށް ވަޑައިގެންނެވުމަށްފަހު އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ މެނިފެސްޓޯގެ ތިން ވަނަ ސިޔާސަތު އިފްތިތާހު ކުރެއްވި އެވެ.
ރައީސް ސޯލިހް އަރި އަތޮޅަށް ކުރައްވަމުން ގެންދަވަނީ ދެ ދުވަހުގެ ކެމްޕޭން ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި އިއްޔެ އަރި އަތޮޅު އުތުރު ބުރީގައި އޮންނަ އަށް ރަށުގެ ތެރެއިން ހަތް ރަށަށް ވަޑައިގެން, ރައްޔިތުންނާ ބައްދަލުކުރެއްވި އެވެ.
ދެހާސް އަށާރައިގެ ރިޔާސީ އިންތިހާބުގައި އަރި އަތޮޅުން، ހާއްސަކޮށް އއ. އަތޮޅުން ރައީސް ސޯލިހު ބޮޑު ކާމިޔާބެއް ހޯއްދެވި އެވެ. މި އަހަރުގެ ރިޔާސީ އިންތިހާބަށް ނުކުންނަ ވާއިރު، ބަދަލުވެފައިވާ ސިޔާސީ މަޝްރަހުގެ އަސަރު މި އަތޮޅުގެ ބައެއް ރަށްރަށުން ފެނެ އެވެ.
1. އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: 1,798 2. އިބްރާހިމް މުހައްމަދު ސޯލިހު: 3,213
ރިޔާސީ އިންތިހާބުގައި އއ. އަތޮޅުން ރައީސަށް ބޮޑު ތާއިދެއް ލިބުމުގެ އިތުރަށް އެ އަތޮޅުގެ ދެ ދާއިރާގެ މަޖިލިސް ގޮނޑި ވެސް ކާމިޔާބު ކޮށްފައި ވަނީ އެމްޑީޕީންނެވެ.
އަރި އަތޮޅު އުތުރުބުރީގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ރައީސް ވަޑައިގެންނެވީ ތޮއްޑުއަށެވެ. ތޮއްޑޫ ރައްޔިތުންނާ ބައްދަލުކުރައްވައި، އަންނަ ދައުރުގައި އެރަށަށް ކޮށްދެއްވާނެ ކަންކަމުގެ ލިސްޓެއް ދެއްވި އެވެ.
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް ތޮއްޑުއަށް ވަޑައިގެންނެވުން -- ފޮޓޯ: އިޔާން/ އަދަދު
ވައުދުތައް:
ތޮއްޑޫގެ އާބާދީގައި 2,222 މީހުން ހިމެނޭއިރު, ރަށުގައި ދިރިއުޅެނީ 1,532 މީހުންނެވެ. އެ ރަށަށް ފަހު ރައީސް ދެން ވަޑައިގެންނެވީ ރަސްދު އަށެވެ.
ރަސްދުއަށް ރައީސް ވަޑައިގެންނެވިއިރު, އެރަށުގެ ޕީޕީއެމަށް ނިސްބަތްވާ މެންބަރުން ތިއްބެވީ, ކުރީގެ ރައީސް އަބްދުالله ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިހުތިޖާޖު ކުރަން ނިކުމެ އެވެ.
އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ޔާމީން މިނިވަން ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ކޮށްދެއްވޭނެ ކަމެއް އަދި ނެތް ކަމަށާއި ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުއްވާނެ ކަމަށެވެ.
އެހެން ރަށްތަކެކޭ އެއް ފަދައިން ރައީސް ވަނީ ރަސްދުއަށް ވެސް ވައުދުތަކެއްވެ ވަޑައިގެންފަ އެވެ.
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް ރަސްދުއަށް ވަޑައިގެންނެވި ވަގުތު ޕީޕީއެމް މެންބަރުން އިހުތިޖާޖުގައި -- ފޮޓޯ: އިޔާން/ އަދަދު
ރަސްދޫގެ އާބާދީގައި 1,279 މީހުން ހިމެނޭއިރު, ރަށުގައި ދިރިއުޅެނީ 1,080 މީހުންނެވެ. ރަސްދުއަށް ފަހު ރައީސް ދެން ވަޑައިގެންނެވީ އެ އަތޮޅު ބޮދުފޮޅުދު އަށެވެ.
ބޮޑުފޮޅުދުއަށް ވަޑައިގެން ރައީސް ވަނީ ސަރުކާރުން އެ ރަސުގައި ގާއިމްކޮށްފައިވާ ފުޓްބޯޅަ ދަނޑާއި ވޮލީ ކޯޓު ހުޅުވައިދެއްވާފަ އެވެ.
އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން ހިންގި އަދި ހިންގަމުން އަންނަ މަޝްރޫއުތަކާ އެކު ރަށްތަކަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށެވެ.
ވައުދުތައް:
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް ބޮޑުފޮޅުދުއަށް ވަޑައިގެންނެވުން -- ފޮޓޯ: އިޔާން/ އަދަދު
ބޮޑުފޮޅުދޫގެ އާބާދީގައި 842 މީހުން ހިމެނޭއިރު, ރަށުގައި ދިރިއުޅެނީ 633 މީހުންނެވެ. އެ ރަށަށް ފަހު ރައީސް ދެން ވަޑައިގެންނެވީ އެ އަތޮޅު މަތިވެރި އަށެވެ.
މަަތިވެރިއަށް ވަޑައިގެން ރައީސް ވަނީ އެރަށުގައި ސަރުކާރުން ގާއިމުކޮށްފައިވާ ފެނުގެ ނިޒާމުގެ ނިމުން ފާހަގަކުރައްވާފަ އެވެ.އެރަށު ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަދައްކަވަމުން ރައީސް ވަނީ, އެރަށު ރައްޔިތުން އެދި އެދި ތިބި ކަންތައްތައް ފުރިހަމަވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
ރައީސް ވަނީ, އެމްއެމްޕީއާރްސީގެ ފަރާތުން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ކުއްޔަށް ދިން 50 ފަޅު ރަށާއި ފަޅުތަކުގެ ތެރޭގައި ހިމެނޭ އއ. މަތިވެރި ކައިރި އޮތް ފަޅު އެ ރަށުގެ ރައްޔިތުން އެދިފައިވާ ގޮތަށް ކައުންސިލުގެ އިހުތިސާސްގައި ހިމެނުމުގެ އެންމެހާ ކަންކަން ނިމިފައިވާ ކަން ހާމަ ކުރައްވާފަ އެވެ.
ވައުދުތައް:
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މަތިވެރިއަށް ވަޑައިގެން ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: އިޔާން/ އަދަދު
މަތިވެރީގައި އާބާދީގައި 1,047 މީހުން ހިމެނޭއިރު, ރަށުގައި ދިރިއުޅެނީ 775 މީހުންނެވެ. އެ ރަށަށް ފަހު ރައީސް ދެން ވަޑައިގެންނެވީ އެ އަތޮޅު މޮޅަދު އަށެވެ.
ފަސް ވަނަ މަންޒިލް ކަމަށްވާ މާޅޮހަށް ރައީސަށް ވަޑައިގެންނެވުނީ ހަވީރު އެވެ. މާޅޮހު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އެމަނިކުފާނު ވަނީ އަންނަ ދައުރުގައި އެރަށަށް ކޮށްދެއްވާނެ ކަންކަމުގެ ލިސްޓެއް ވިދާޅުވެދެއްވާފަ އެވެ.
ވައުދުތައް:
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް މަތިވެރިއަށް ވަޑައިގެން ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: އިޔާން/ އަދަދު
މާޅޮހު އާބާދީގައި 765 މީހުން ހިމެނޭއިރު, ރަށުގައި ދިރިއުޅެނީ 415 މީހުންނެވެ. އެ ރަށަށް ފަހު ރައީސް ދެން ވަޑައިގެންނެވީ އެ އަތޮޅު ފެރިދޫ އަށެވެ.
ފެރިދުއަށް ރައީސަށް ވަޑައިގެންނެވުނުއިރު, އިރުއޮއްސި 6:00 އެވެ. އެރަށުގައި އެމަނިކުފާނު ވަނީ ސަރުކާރުން ގާއިމްކޮށްދީފައިވާ ހެލްތް ސެންޓަރުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިދެއްވާފަ އެވެ.
ވައުދުތައް:
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް ފެރިދުއަށް ވަޑައިގެންނެވުމް މަރުހަބާ ކިޔަން ނިކުމެ ތިބި މީހުން -- ފޮޓޯ: އިޔާން/ އަދަދު
ފެރިދޫ އާބާދީގައި 860 މީހުން ހިމެނޭއިރު, ރަށުގައި ދިރިއުޅެނީ 486 މީހުންނެވެ. އެ ރަށަށް ފަހު ރައީސް ދެން ވަޑައިގެންނެވީ އިއްޔެގެ ފަހު މަންޒިލް ކަމަށްވާ އުކުޅަހަށެވެ.
އުކުޅަހަށް ވަޑައިގެން ރައީސް ވަނީ އެމްޑީޕީއާއި ގުޅިފައިވާ ޕާޓީތަކުގެ ރިޔާސީ މެނިފެސްޓޯގެ ތިން ވަނަ ސިޔާސަތު އިފްތިތާހުކޮށް ދެއްވާފަ އެވެ. އެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަކީ އިގުތިސޯދީ ބޮޑު ބަދަލެއްގެ ބިންގާ ކަމަށާއި އެ މަސައްކަތްތައް ނިންމަން އަދި ދުވަސްކޮޅެއް ބޭނުންވާ ކަމަށެވެ.
ތިން ވަނަ ސިޔާސަތެއްގެ ގޮތުގައި ނެރުނީ ޒުވާނުން ކުށުގެ ވެށިން ދުރުކުރުމަށާއި ކުށުގެ ވެއްޓަށް ފާރަވެރިވެ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ކުށް މަދުކުރުމަށް އެމްޑީޕީން އެކުލަވާލި "އަމާން މުޖުތަމައު" ސިޔާސަތެވެ. މި ސިޔާސަތުގައި ހިމެނެނީ ކުށުގެ ވެށިން ދުރުކުރުމާއި, ކުށުގެ ވެއްޓަށް ފާރަވެރިވުން އަދި ކުށަށް ޒިންމާ ނެގުމާއެކު ފަރުވާ; މި ތިން ބައެވެ.
ވައުދުތައް:
އއ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ރައީސް އުކުޅަހަށް ވަޑައިގެން ސިޔާސަތު އިފްތިތާހުކޮށްދެއްވުން -- ފޮޓޯ: އިޔާން/ އަދަދު
އުކުޅަހު އާބާދީގައި 1,144 މީހުން ހިމެނޭއިރު, ރަށުގައި ދިރިއުޅެނީ 520 މީހުންނެވެ.
އަށް ރަށުގެ މައްޗަށް އެކުލެވިފައިވާ އއ. އަތޮޅުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ 5,908 މީހުން އެބަ ތިއްބެެވެ. ކުދި ރަށްތަކުގެ މައްޗަށް އެކުލެވޭ މި އަތޮޅުގެ ގިނަ ރަށްތަކަށް ކުރިން އަޅާ ނުލެވި އޮތް އިރު, ރައީސް ވަޑައިގެން ކޮށްދެއްވި ކުދި ކުދި ކަންތައް ވެސް ރަށު ރައްޔިތުން އުފަލާއެކު ބަލައިގަނެ އެވެ.
Comment