16 އޮގަސްޓު 2023 - 19:28 0
އިންގްލެންޑްގެ ރޫސޯ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
16 އޮގަސްޓު 2023 - 19:28 0
ސިޑްނީ، އޮސްޓްރޭލިއާ (އޮގަސްޓް 16) - މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި މިއަދު މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އޮސްޓްރޭލިއާ 3-1 އިން ބަލިކުރުމަށް ފަހު އިންގްލެންޑް ފުރަތަމަ ފަހަރަށް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
މިއީ 1966 ވަނަ އަަހަރުގެ ފަހުން، ސީނިއާ ފުޓްބޯޅައިގައި އިންގްލެންޑްގެ ޓީމެއް ފީފާ ވޯލްޑް ކަޕެއްގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.
އަންނަ އާދިއްތަ ދުވަހު ކުޅޭ މި ފަހަރުގެ ފީފާ ވިމެންސް ވޯލްޑް ކަޕްގެ ފައިނަލުގައި އިންގްލެންޑުން ކުޅޭނީ ސްޕެއިނާ އެވެ. މިއީ މި ދެ ޓީމުން ވެސް އަންހެން ވޯލްޑް ކަޕެއްގެ ފައިނަލުގައި ކުޅޭ ފުރަތަމަ ފަހަރެވެ.
އޮސްޓްރޭލިއާ ސްޓޭޑިއަމްގައި 75،000 ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މިއަދުގެ މެޗު ފަށައިގެން އޮސްޓްރޭލިއާ އިން ކޮންމެ ވެސް ވަރަކަށް ފުރުސަތު ތަނަވަސްކުރި އެވެ. އެކަމަކު، އޭގެއިން ފުރުސަތެއް ގޯލަކަށް ހަދައެއް ނުލެވުނެވެ.
މެޗުގައި އިންގްލެންޑް އިން ލީޑުނެގީ 36 ވަނަ މިނިޓްގައި އޭރިއާތެރެއިން ލިބުނު ފުރުސަތަކުން އެލާ ޓޫން ޖެހި ގޯލުންނެވެ. އެލާ ޓޫން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މި ގޯލާ އެކު، އޭނާ ވެފައިވަނީ ބޮޑު މުބާރާތެއްގެ ކުއާޓާ ފައިނަލާއި ސެމީ ފައިނަލާއި ފައިނަލުގައި އިންގްލެންޑަށް ގޯލު ޖަހައިދިން ފުރަތަމަ ކުޅުންތެރިޔާ އަށެވެ.
އޮސްޓްރޭލިއާ އަށް އެއްވަރުކޮށްދިން ގޯލު ޖެހުމަށް ފަހު ސޭމް ކާ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
އޮސްޓްރޭލިއާ އަށް ދެ ވަނަ ހާފުގައި އުންމީދެއް ހޯދައިދިނީ އެ ޓީމުގެ ތަރި، ސޭމް ކާ އެވެ، މެޗުގެ 63 ވަނަ މިނިޓްގައި ސޭމް ކާ ވަނީ އޮސްޓްރޭލިއާ އަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. މިއީ އޭރިއާ ބޭރުން ޖެހި މޮޅު ގޯލެކެވެ. މުބާރާތުގެ ފުރަތަމަ މެޗުގެ ކުރިން ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުުރުގައި ހުރުމަށް ފަހު، ސޭމް ކާ، މުބާރާތުގެ މެޗެއްގައި ޓީމުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ މި މެޗުގަ އެވެ.
އިންގްލެންޑުން ދެ ވަނަ ފަހަރަށް ލީޑުނެގީ 71 ވަނަ މިނިޓްގައި ލޯރެން ހެމްްޕް ޖެހި ގޯލުންނެވެ. އިންގްލެންޑަށް މޮޅު ކަށަވަރުކޮށްދިން ގޯލު ޖެހީ 86 ވަނަ މިނިޓްގައި އަލެސިއާ ރޫސޯ އެވެ.
މިއީ، އިންގްލެންޑް ކޯޗުކަމާ ނެދަލެންޑްސްގެ ސަރީނާ ވައިގްމަން ހަވާލުވި ފަހުން، އެ ޓީމުން ހޯދަމުން އަންނަ ކުރިއެރުމަށް އިތުރުވި ބޮޅެކެވެ. ސަރީނާގެ ކޯޗުކަމުގައި އިންގްލެންޑުން މިދިޔަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި ދެ ބައްރުގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ ފައިނަލިސިމާ ޓްރޮފީ މެޗުގައި ބްރެޒިލް ބަލިކޮށް އިންގްލެންޑުން ވަނީ އެ ތަށި ވެސް އުފުލާލައިފަ އެވެ.
Comment