17 އޮގަސްޓު 2023 - 06:14 0
ފާތިމަތު ސާޔާ އަހުމަދު
ޓްރޭވިސް ކިންގް. -- ފޮޓޯ: ރޮއިޓާޒް
17 އޮގަސްޓު 2023 - 06:14 0
އެމެރިކާގެ ސިފައިންގެ މީހަކު މިދިޔަ މަހު ދެކުނު ކޮރެއާގެ ބޯޑަރު ހުރަސްކޮށް އުތުރު ކޮރެއާއަށް އެތެރެވީ ނަސްލީ ތަފާތު ކުރުމާއި ލާއިންސާނީ އަމަލުތަކުގެ ސަބަބުން ކަމަށް އުތުރު ކޮރެއާއިން ބުނެފި އެވެ.
ޖުލައި 18 ވަނަ ދުވަހު ބޯޑަރު ހުރަސްކޮށް އުތުރު ކޮރެއާއަށް ދިޔައީ އުމުރުން 23 އަހަރުގެ ޕްރައިވެޓް ޓްރޭވިސް ކިންގެވެ.
ފަތުރުވެރިއެއް ކަމަށް ހެދިގެން ޓުއާ ގްރޫޕަކާއެކު ބޯޑަރު ކައިރިއަށް ގޮސް، ކުއްލިއަކަށް ބޯޑަރު ހުރަސްކޮށް އޭނާ ދުވެފައި އުތުރު ކޮރެއާގެ ސަރަހައްދަށް ވަނުމުން ހައްޔަރު ކުރި އެވެ.
އުތުރު ކޮރެއާގެ ކޭސީއެންއޭ ނޫހުން ބުނީ އުތުރު ކޮރެއާގެ ހިމާޔަތް ހޯދަން އެދިގެން ގާނޫނާ ހިލާފަށް ބޯޑަރު ހުރަސްކުރި ކަމަށް ކިންގް އިއުތިރާފުވެފައިވާ ކަމަށެވެ.
އޭގެ އިތުރުން އެމެރިކާގެ އަސްކަރިއްޔާ އާއި އެމެރިކާ މުޖުތަަމައުގެ ނަސްލީ ތަފާތު ކުރުމުން ސަަލާމަތް ވާން ބޭނުންވާ ކަމަށާއި އުތުރު ކޮރެއާ ނުވަތަ ތިން ވަނަ ގައުމެއްގެ ހިމާޔަތް ހޯދަން ބޭނުންވާ ކަމަށް އޭނާ ބުންޏެވެ.
މިއީ އެ މައްސަލައިގައި އުތުރު ކޮރެއާއިން ރަސްމީކޮށް އެއްޗެއް ބުނި ފުރަތަމަ ފަހަރެވެ. ހައްޔަރު ކުރި ފަހުން ކިންގްގެ ހަބަރެއް ނުވާތީ އެމެރިކާއިން މީގެ ކުރިން ކަންބޮޑުވުން ފާޅުކުރި އެވެ.
ކިންގް ދޫކޮށްލެވޭނެ ގޮތެއް ހޯދަން އެމެރިކާއިން އުތުރު ކޮރެއާއާ މުއާސަލާތު ކުރަނީ އދ. ކޮމާންޑު މެދުވެރިވެގެންނެވެ. އެއީ ދެ ކޮރެއާގެ ބޯޑަަރު ބަލަހައްޓާ ފައުޖެވެ.
Comment