16 އޮގަސްޓު 2023 - 14:02 1
މުހައްމަދު ނަސީމް
އެމްޑީޕީން މިއަދު އއ. ބޮޑުފޮޅުދޫގައި ބޭއްވި ޖަލްސާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
16 އޮގަސްޓު 2023 - 14:02 1
ސަރުކާރުން ހިންގި އަދި ހިންގަމުން އަންނަ މަޝްރޫއުތަކާ އެކު ރަށްތަކަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކެމްޕޭން ކުރަން އެމްޑީޕީން މިހާރު އަރިއަތޮޅަށް ކުރާ ދަތުރުގައި އއ. ބޮޑުފޮޅުދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން "ވައުދުވީ ވައުދު ފުއްދަން" ކަމަށެވެ.
އެ ވައުދުތަކުގެ 90 ޕަސެންޓް ވައުދު މިހާރު ހުރީ ފުއްދައި ނިމި ނުވަތަ ނިމުމުގެ މަގުމަތީގައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. ރަށްރަށަށް ބޭނުންވެފައިވާ އަސާސީ ހިދުމަތްތައް ގާއިމްކުރުމުގެ ބޭނުމަކީ އެމަނިކުފާނު ވިދާޅުވި ގޮތުގައި އިގުތިސާދީ ގޮތުން ތަނަވަސްކަން ހޯދައިދިނުމެވެ.
"މިއާ އެކީގައި މިިއިން ކޮންމެ ރަށަކަށް ބޮޑު އިންގިލާބެއް އަންނާނެ. އެއީ ލޯކަލް ޓޫރިޒަމް ކަމަށް ވިޔަސް، ވިޔަފާރިކުރަން ކަމަށް ވިޔަސް އަދި ގެދޮރު އަޅަން ކަމަށް ވިޔަސް، އަޅުގަނޑުމެން މިތިބީ އެކަމަށް އެހީތެރިވެދޭން ތައްޔާރަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ސޯލިހާއި އެމަނިކުފާނުގެ ޓީމަށް މަރުހަބާ ދެންނެވުމަށް ބޮޑުފޮޅުދޫގެ ރައްޔިތުން ބަނދަރު ސަރަހައްދަށް ޖަމާވެފައި ---- ފޮޓޯ: އަބްދުالله އިޔާންއަދަދު
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އެހެން ކެންޑިޑޭޓުން ރަށްތަކުގެ ރައްޔިތުންނަށް ވާނެ އިތުރު ވައުދެއް ނެތް ކަމަށް ވިދާޅުވެ އެ ބޭފުޅުންނަށް ވެސް އެމަނިކުފާނު މިއަދު ރައްދު ދެއްވި އެވެ.
"އަޅުގަނޑުމެންގެ ވާދަވެރިން މިކަމާ ކަންބޮޑުވާނެ. ދެން އައިސް ވާނީ ކޮން ވައުދެއްތޯ؟ މިއިން ރަށަކަށް އައިސް ކީކޭތޯ ކިޔާނީ؟" ރައީސް ސުވާލުކުރެއްވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވާދަވެރިންގެ ގޮތުގައި ތިއްބެވީ ކުރިން ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި ނިންމުންތައް ނިންމޭ ވަރުގެ އެކި މަގާމުތައް ކުރިން އަދާކުރައްވާފައިވާ ބޭފުޅުން ކަމަށެވެ. ބެލެވޭ ގޮތުގައި އެ ވިދާޅުވީ ރިޔާސީ ކެންޑިޑޭޓަކު ނެރެ، ކެމްޕޭން ކުރެއްވުމުގައި އުޅުއްވާ ދަ ޑިމޮކްރެޓްސްގެ ލީޑަރު، ރައްުޔިތުންގެ މަޖިލީހުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި މާލޭގެ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ވާހަކަ އެކެވެ.
މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހުގެ އިތުރުން ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް ހިމެނިވަޑައިގަންނަވާ ގޮތުން ޖުމްލަ އަށް ބޭފުޅަކު ވާދަކުރައްވަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment