Advertisement

ކެންސަރު ބަލީގެ މީހުންނަށް އައިޖީއެމްއެޗްގައި ހާއްސަ ވޯޑެއް ހުޅުވައިފި

16 އޮގަސްޓު 2023 - 16:06 0

މަރިޔަމް އަފާ ނިޒާމް

މަރިޔަމް އަފާ ނިޒާމް

މި ވޯޑުގައި ހުރި ބައެއް ވަސީލަތްތައް ނައިބު ރައީސް ބައްލަވާލައްވަނީ. މިއީ ބީއެމްއެލްގެ އެހީގައި ގާއިމުކުރި ވޯޑެއް --- ފޮޓޯ: ރައީސް އޮފީސް


ކެންސަރު ބަލީގެ މީހުންނަށް އައިޖީއެމްއެޗްގައި ހާއްސަ ވޯޑެއް ހުޅުވައިފި

16 އޮގަސްޓު 2023 - 16:06 0

ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗުގައި ގާއިމްކުރި ކެންސަރު ބަލީގެ މީހުންނަށް ހާއްސަ "އޮންކޮލޮޖީ ވޯޑް" ރަސްމީކޮށް މިއަދު ހުޅުވައިފި އެވެ.

ބީއެމްއެލްގެ 3.5 މިލިއަން ރުފިޔާގެ އެހީ އާއި އައިޖީއެމްއެޗްގެ ބަޖެޓުން 5.4 މިލިއަން ރުފިޔާ ހޭދަކޮށްގެން ގާއިމްކުރި މި ވާޑް ރަސްމީކޮށް ހުޅުވައިދެއްވީ ނައިބު ރައީސް ފައިސަލް ނަސީމެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ވަނީ އައިޖީއެމްއެޗްގައި އިތުރު ހިދުމަތްތައް ތައާރަފްކޮށް ހިދުމަތްތައް ރަނގަޅުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަން ފާހަގަ ކުރައްވާފަ އެވެ.

އޭގެ އިތުރުން ނައިބު ރައީސް ވިދާޅުވީ ސިއްހީ ހިދުމަތް ތަރައްގީކުރުމުގެ ގޮތުން ރާއްޖޭގެ ފަސް ސަރަހައްދެއްގައި ހުރި ރީޖަނަލް ހޮސްޕިޓަލްތައް ތަރައްގީ ކުރެވިފައިވާ ކަމަށެވެ. އަދި ރާއްޖޭގެ އުތުރުން ދެކުނަށް ނަޒަރު ހިންގާލާއިރު ކޮންމެ ހަފްތާއަކު ނުވަތަ ކޮންމެ މަހަކުވެސް އައު ހިދުމަތްތައް އެ ހޮސްޕިޓަލްތަކުގައި ފެށިގެންދާތަން ފެންނާނެ ކަމުގައި ނައިބު ރައީސް ފައިސަލް ފާހަގަކުރެއްވި އެވެ.

އޮންކޮލޮޖީ ވޯޑާއެކު ކެންސަރު ބަލީގެ ފަރުވާގެ ގިނަ ހިދުމަތްތަކެއް އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާ އެކު ލިބޭނެކަން އައިޖީއެމްއެޗްގެ ސީއީއޯ އިބްރާހީމް ސަލީމް މިއަދު 'އަދަދު' އަށް ވިދާޅުވި އެވެ.

"ކުރިން އަޅުގަނޑުމެން ކެންސަރު ޕޭޝަންޓުންނަށް ފަރުވާ ދެމުން ދިޔައީ އެކި ތަންތަނުގަ. މިހާރު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ކުރިން ވެސް ދެމުން އައި ކީމޯތެރަޕީ ފަދަ ހުރިހާ ހިދުމަތެއް ލިބޭނެ،" ސަލީމް ފާހަގަކުރެއްވި އެވެ.

އައިޖީއެމްއެޗްގެ އައު އޮންކޮލޮޖީ ވާޑުގައި ޖުމުލަ އަށް އެނދު، ބަލިމީހުންނަށް ހާއްސަ ދެ ފާހަނަ، ވެއިޓިން އޭރިއާ، ނާސިން ސްޓޭޝަން، އޮފީސް އަދި ސްޓާފް އޭރިއޭއެއްގެ އިތުރުން ބޭސް ރައްކާކުރާ ކޮޓަރިއެއް ހުރެ އެވެ.

އައިޖީއެމްއެޗުން ބުނީ ވޯޑް ރަސްމީކޮށް ހުޅުވުން ލަސްވީ ތަނަށް ބޭނުންވާ ވަސީލަތްތަކާއި މެޝިނުތައް ގެނައުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން ކަމަށެވެ. މި ވޯޑުގައި ބަލި މީހުންނަށް ހިދުމަތް ދޭން ފަށާނީ އެއް ހަފްތާ ފަހުންނެވެ.