މެމްބަރު ޔާސިރު އާއި ކުޅުދުއްފުށީ ކައުންސިލްގެ މޭޔަރު އަދި މެމްބަރުން ރައީސްއާއެކު މިރޭ ބޭއްވި ބައްދަލުވުމުގެ ތެރެއިން.
ކުޅުއްފުށީ ސިޓީ ކައުންސިލްގެ މޭޔަރު މުހައްމަދު އާތިފް އާއި ކައުންސިލްގެ އެހެން މެމްބަރުން ދަ ޑިމޮކްރެޓްސް ދޫކޮށް އަލުން އެމްޑީޕީއާ މިރޭ ގުޅިވަޑައިގެންފި އެވެ.
މިކަން އެމްޑީޕީން ވަނީ މި ނޫހަށް ކަށަވަރުކޮށްދީފަ އެވެ.
ކައުންސިލްގެ މެމްބަރުން އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަތީފު ވެސް ވަނީ ދަ ޑިމޮކްރެޓްސް ދޫކޮށްލައި، އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ.
ކުޅުދުއްފުށީ ކައުންސިލް އެއްކޮށް، އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އުފެއްދެވި ދަ ޑިމޮކްރެޓްސް އަށް ބަދަލުވީ މެއި 30 ވަނަ ދުވަހު އެވެ.
އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސްއާ ގުޅުމުގެ ގޮތުން މޭޔަރު އާތިފު އޭރު އޭނާގެ ފޭސްބުކްގައި ވިދާޅުވެފައި ވަނީ އެ ނިންމެވުން ނަންގަނަވަން ޖެހުނީ ރައްޔިތުން ހަވާލު ކުރި މަސައްކަތް ސަރުކާރުން ނުކުރާތީ އެވެ. އަދި އެކަމާ ހެދި ކުޅުދުއްފުށީ ރައްޔިތުންގެ ޝަކުވާ ވެސް ކޮންމެ ދުވަހަކު އަޑުއިވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ދެ މަހާއި ބައިގެ ފަހުން އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ.
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު އާއި އެމްޑީޕީގެ ބައެއް އިސް ބޭފުޅުން މިރޭ ވަނީ ކުޅުދުއްފުށީ ކައުންސިލްގެ މެމްބަރުން އަދި ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރުއާ ބައްދަލު ކުރައްވައިފަ އެވެ.
Comment