Advertisement

މާފުށީ ގޯތި ލިސްޓު އިއުލާނުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

14 އޮގަސްޓު 2023 - 23:56 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

އާ މާފުށި


މާފުށީ ގޯތި ލިސްޓު އިއުލާނުކޮށް ޝަކުވާ ހުށަހަޅަން ހުޅުވާލައިފި

14 އޮގަސްޓު 2023 - 23:56 0

ކ. މާފުށިން ދޫކުރާ ބަންޑާރަ ގޯއްޗަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ، ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓް އިއުލާނުކޮށް، ޝަކުވާ ހުށަހެޅުމަށް މިރޭ ހުޅުވާލައިފި އެވެ.

މާފުށީ ފަޅުން އަލަށް ހިއްކި "އާ މާފުށިން" ދޫކުރަން ނިންމާފައިވަނީ 2000 އަކަފޫޓުގެ 308 ގޯއްޗެވެ.

އެ ގޯތިތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ގޯތި ލިބޭ މީހުންގެ ނަންތައް މިރޭ ގެޒެޓު ކޮށްފައިވާއިރު، އެ ލިސްޓަށް މި މަހުގެ 24 ވަނަ ދުވަހުގެ 14:00 ގެ ކުރިން ޝަކުވާ ހުށަހެޅޭނެ އެވެ.

މާފުށިން ދޫކުރާ ގޯއްޗަށް އެދި ހުށަހެޅުމަށް ކޮންމެހެން އެ ރަށުގެ ރައްޔިތަކަށްވާކަށް ނުޖެހެ އެވެ. ރާއްޖޭގެ އެއްވެސް ރަށަކުން ބަންޑާރަ ގޯއްޗެއް ނުވަތަ އަމިއްލަގޯއްޗެއް ނުވަތަ ގޯއްޗަކުން 600 އަކަ ފޫޓަށްވުރެ ބޮޑު ބައެއް ލިބިފައި ނުވާ ކޮންމެ ދިވެހި ރައްޔިތަކަށް ވެސް އެރަށުން ގޯއްޗަށް އެދެވޭނެ ކަމަށް އޭރު ކުރި އިއުލާނުގައި ބުނެފައިވެ އެވެ.

ގޯތި ލިބިފައިވާ ވަގުތީ ލިސްޓަށް ބަލާއިރު، އެހެން ރަށެއްގެ ރަށްވެއްސަކަށް މި ފަހަރު ދޫކުރާ މާފުށިން ގޯއްޗެއް ލިބިފައެއް ނެތެވެ.

މާލެ ނަގާފައި ބިމުގެ އަގު ދެން އެންމެ ބޮޑު، މާފުއްޓަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓުއަރިޒަމްގެ ވިޔަފާރި ކުރަމުން އަންނަ ރަށެވެ. ރާއްޖޭގެ އެއް ރަށަކުން އެންމެ ގިނަ ޓެކްސް ދައްކަމުން އަންނަނީ އެ ރަށުންނެވެ.

ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަހައްދަކީ ބޯހިޔާވަހިކަމުގެ ދަތިކަން ހައްލު ކޮށްދިނުމަށްޓަކައި ސަރުކާރުން ގެންގުޅޭ ސިޔާސަތުގެ ދަށުން ހިއްކާފައިވާ 25 ހެކްޓަރެވެ.