Advertisement

އަންދަރޭ: ދިވެހި ފުޓްބޯޅައިގެ ނަމޫނާ ކެޕްޓަން

14 އޮގަސްޓު 2023 - 12:55 1

މުހައްމަދު ހަމްދޫން

މުހައްމަދު ހަމްދޫން

އަންދަރޭ (ކ-2) ވެޓްރަންސް މެޗެއް ޝަރަފްވެރިކުރުމުގެ ތެރެއިން ނިއުގެ ކުރީގެ ފޯވާޑް ޝާހު އިސްމާއިލްއާ ސަލާމްކުރަނީ. --ފޮޓޯ: އަދަދު


އަންދަރޭ: ދިވެހި ފުޓްބޯޅައިގެ ނަމޫނާ ކެޕްޓަން

14 އޮގަސްޓު 2023 - 12:55 1

ވޯލްޑް ކަޕް ކޮލިފައިންގައި 1997 ވަނަ އަހަރު ދިވެހިރާއްޖެ ކޮޅަށް އީރާނުން 17 ގޯލް ޖެހުމުން ދިވެހި ފުޓްބޯޅައިގައި ވަރަށް ބޮޑު ލަށްގަނޑެއް ޖެހުނެވެ. ސީނިއާ ބައެއް ކުޅުންތެރިން، ޖެހިގެން އައި ސާފް ޗެމްޕިއަންޝިޕުގައި ކުޅެން ދެކޮޅު ހެދުމުން، އެ މުބާރާތަށް ރާއްޖޭން ފޮނުވަން ޖެހުނީ ބަލިކަށި ޓީމެކެވެ. އެހެންވެ އެ މުބާރާތުން ވެސް ފެއިލްވެ ދިވެހި ފުޓްބޯޅަ މަރުވުމުގެ ފުރުސަތު އޮތެވެ. އެކަން އެހެން ނުވެ، ފުޓްބޯޅަ އަށް ދިރުމެއް ލިބުނީ، އެ އެ މުބާރާތުން ރާއްޖެ ރިހި މެޑެއްޔެއް ހޯދުމުންނެވެ.

އެ ކާމިޔާބީގެ ޝުކުރު އެންމެ ބޮޑަށް ހައްގުވާ އެއް ކުޅުންތެރިޔަކީ، ބައެއް ސީނިއާ ކުޅުންތެރިންގެ ބޮޑާހޭކުމުގައި ބައިވެރިނުވެ، ކެޕްޓަނެއްގެ ގޮތުގައި ދިޔަ އަންދަރުސަވާ އިބްރާހީމް ރަޝީދު ނުވަތަ އަންދަރޭ އެވެ. ގައުމީ ފެންވަރުގައި ފުޓްބޯޅައިގެ އިތުރުން ކްރިކެޓާއި، ވޮލީބޯޅަ އަދި ހޮކީ ވެސް ކުޅެ، މުޅި ކެރިއަރު ނިއު ރޭޑިއަންޓުގައި ހޭދަކޮށް އެތައް ކާމިޔާބެއް ހޯދި އަންދަރޭގެ ކެރިއަރުގެ އުސްއައްޔަކީ ޔަގީނުން ވެސް، ގައުމީ ޓީމަށް ހޯދައިދިން އެ ކާމިޔާބެވެ.

ހެންވޭރު ޕާކު ސަރަހައްދުގައި 1970 ގެ އަހަރުތަކުގެ ކުރީކޮޅު ގޭދޮށު ކުދިންނާ އެކު ކުޅެނިކޮށް މުހައްމަދު ޒާހިރު ނަސީރަށް ފެނިގެން އޭރުގެ ޖޫނިއާ ޕޫލަށް ގެންދިޔަ އަންދަރޭގެ ގައުމީ ފެންވަރުގައި ކުޅެން ނުކުތީ 1978 ވަނަ އަހަރު ނިއު ރޭޑިއަންޓުންނެވެ. އެކަމަކު އޭރު އެއީ، ހެންވޭރުގެ ކްލަބް ކަމަށްވާ ރޭޑިއަންޓުގެ ބީ ޓީމެވެ. ޖެހިގެން އައި އަހަރު އޭނާ އަށް ރޭޑިއަންޓުން ފުރުސަތު ލިބުނެވެ. އޭރު ދައްކަމުން ދިޔަ ހުނަރާ އެކު، 1979 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރަން، ފުރަތަމަ ފަހަރަށް އެކުލަވާލާ ގައުމީ ފުޓްބޯޅަ ޓީމުން އޭނާ އަށް ފުރުސަތު ލިބޭނެ ކަމަށް ބެލެވުނެވެ. އެކަމަކު އުމުރުން ހަގު ވުމުން އެ ފުރުސަތެއް ނުލިބުނެވެ. އެހެންވިޔަސް އޭރު ވޮލީބޯޅަ ވެސް ކުޅޭ އަންދަރޭ އަށް އެ ގޭމްސް އަށް ދިޔަ ގައުމީ ވޮލީ ޓީމުން ފުރުސަތު ދިނެވެ.

ރިޔޫނިއަން އައިލެންޑްސްގައި އޮތް އެ ގޭމްސް އަށް ފަހު އަންދަރޭގެ ކުޅިވަރު ހަޔާތަށް ކުޑަ މަޑުޖެހުމެއް އަ އެވެ. އޭނާ ބޯޓުދަތުރުކުރަން ދިޔައީ އެވެ. އެއީ ކުޅިވަރުން ދިރިއުޅުން ބިނާކުރެވެން އޮތް ދުވަސްވަރަކަށް ނުވާތީވެ، ކުޅިވަރަށް ވުރެ އެ ވަގުތު އޭނާ އިސްކަން ދިނީ އާމްދަނީ ހޯދުމަށާއި، ކަންކަން ދަސްކުރުމަށެވެ. ނަމަވެސް ތިން އަހަރު ފަހުން އެނބުރި އައިސް، 1983 ވަނަ އަހަރު ނިއު ރޭޑިއަންޓުގެ ޖާޒީގައި އަލުން ކުޅެން ފެށި އެވެ. އަންދަރޭގެ ނަސީބު ވެސް ވަރަށް ރަނގަޅެވެ. އޭރު ފުޓްބޯޅަ އެސޯސިއޭޝަނެއް ރާއްޖޭގައި އަލަށް އުފެދި، އެތަނުން ދިޔައީ ފުރަތަމަ ފަހަރަށް ބާއްވާ ސާފް ގޭމްސް އަށް ފޮނުވާނެ ޓީމެއް އެކުލަވާލަމުންނެވެ.

އަންދަރޭ (މެދު ބަރީގައި ކަނާތުން 2 ވަނަ އަށް) 1984 ގެ ސާފް ގޭމްސްގައި ވާދަކުރި ސްކޮޑާ އެކު.


ނޭޕާލުގެ ވެރިރަށް ކަތުމަންޑޫގައި 1984 ގައި އޮތް ސާފް ގޭމްސްގައި ވާދަކުރި ޓީމުގައި ހިމެނި އަންދަރޭ ވެގެންދިޔައީ، ފުޓްބޯޅައިން ރާއްޖެ އަށް ފުރަތަމަ ފަހަރަށް މެޑެއްޔެއް ހޯދުމުގެ ހިއްސާދާރަކަށެވެ. އިބްރާހީމް ނޫރައްދީނުގެ ކެޕްޓަންކަމުގައި ކުޅެ އެ ފަހަރު ބޫޓާން 1-0 އިން ބަލިކޮށް ރާއްޖޭން ހޯދީ ލޯ މެޑެއްޔެވެ.

އޭގެ ފަހުން 1985 ގައި ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި، 1987 ގައި އިންޑިއާގެ ކަލްކަތާގައި، 1989 ގައި ޕާކިސްތާނުގެ އިސްލާމްއާބާދުގައި އަދި 1991 ވަނަ އަހަރު ސްރީ ލަންކާގެ ވެރިރަށް ކޮޅުނބުގައި އޮތް ސާފް ގޭމްސްގައި ވާދަކުރި ފުޓްބޯޅަ ޓީމުގައި ވެސް އަންދަރޭ ހިމެނުނެވެ. މީގެ ތެރެއިން 1991 ވަރަށް ހާއްސަ އެވެ. އެއީ ރާއްޖެ ފުރަތަމަ ފަހަރަށް ފައިނަލަކަށް ދަތުރުކޮށް، ފުރަތަމަ ރިހި މެޑަލް ހޯދި މުބާރާތެކެވެ. އެކަމަކު ފުރަތަމަ މެޗުން ނޭޕާލް އަތުން 1-0 އިން މޮޅުވިއިރު ލިބުނު އަނިޔާއަކާ ހުރެ އިތުރު މެޗެއްގައި އޭނާ އަށް ނުކުޅެވުނެވެ.

އޭރު އަންދަރޭ އަކީ ނިއުގެ ވެސް މުހިއްމު މެމްބަރެކެވެ. މެދުތެރެއަށް ކުޅެމުން އައި ކުޅުންތެރިޔާ ނިއުގެ ކޯޗު ލަންކާގެ ޕީ.ޑީ ސިރިސޭނާގެ އެދުމުގެ މަތިން ފަހަތަށް ބަދަލުވެ، އޭރު އެއީ އިތުބާރު ޑިފެންޑަރެކެވެ. އެކަމަކު ނިއުއާ އެކު ފުރަތަމަ ފަހަރަށް ފައިނަލެއްގައި ވާދަކޮށް ތަށި ހޯދަން ކުރި މަސައްކަތް، 1985 ގައި ވީ ހިތި ތަޖުރިބާއަކަށެވެ. ގައުމީ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ނިއު ބަލިކޮށް ވާދަވެރި ވިކްޓްރީން އެ ތަށި މިލްކުކުރީ އެވެ.

"އެއީ މިހާތަނަށް ކުޅިވަރުގައި އެންމެ ދެރަވި ދުވަސް،" އަންދަރޭ ބުންޏެވެ. "ގެޔަށް ގޮސް ރޮވުނު."

އަންދަރޭ (15) ނިއުގެ ޓީމާ އެކު ގްރޫޕް ފޮޓޯއެއްގައި.


އެކަމަކު އޭގެ ފަހުން ނިއުއާ އެކު ކާމިޔާބީގެ ސިލްސިލާއެއް ގެނުވި އެވެ. އެފްއޭ ކަޕް 1989 އާއި 1991 ގައި ކާމިޔާބުކުރި އެވެ. ގައުމީ މުބާރާތް 1987 ގައި އަދި 1990 އާއި 1991 ގައި ހޯދައި މިލްކުކުރުމުގެ ފުރުސަތު ހޯދި އެވެ. ނަމަވެސް ދެން އައީ ހިތްދަތި ދެ އަހަރެވެ. ގައުމީ ތަށި މިލްކުކުރަން 1992 ގައި ނުކުމެ، ފައިނަލުން ވިކްޓްރީ އަތުން 1-0 އިން ބަލިވީ އެވެ. ވިކްޓްރީގެ އޮނަތޫރި އިސްމާއީލް ޝަރީފް ނެގި ހުރަހަކުން، އިސްމާއީލް އަނިލް ފުށްކިބައިން ޖަހައި ވައްދާލި ގޯލުން ނިއު އަށް ލިބުނު ނާކާމިޔާބީ މިހާރު ވެސް އަންދަރޭގެ ހަނދާނުގައި އެބަހުއްޓެވެ.

"އެ ގޯލު މިހާރު ވެސް ލޯ ކުރިމަތިން ސިފަވޭ،" އަންދަރޭ ބުންޏެވެ.

އެއީ ފުޓްބޯޅައިގެ ތެރެއަށް ފައިސާ ވަދެ ބޮޑު އަގުގައި ކުޅުންތެރިން ގަންނަން ފެށި އަހަރެވެ. ނިއު އިން އެންމެ ފުރަތަމަ ވެސް އުފުރިގެން ދިޔައީ، ފެށުނީއްސުރެ އަންދަރޭއާ އެކު އެ ޓީމަށް ކުޅެމުން އައި ގާތް އެކުވެރިޔާ މޫސާމަނިކު (ކުޑަމޫސަ) އެވެ. އެއީ ނިއު އަށް ލިބުނު ބޮޑު ހިތާމައެކެވެ. އެ ހިތްދަތިކަން ބޮޑުވީ، ޖެހިގެން އައި އަހަރު މޫސަގެ ވެލެންސިއާ އިން ގައުމީ ފައިނަލުގައި ނިއު ކޮޅަށް ހަތް ގޯލު ވައްދާލުމުންނެވެ. އެ މެޗުގައި ކޮންމެވެސް ސަބަބަކާ ހުރެ ކޯޗު ކެން މޯޓަން ފުރަތަމަ އެގާރައިން އަންދަރޭ އަށް ފުރުސަތެއް ނުދިނެވެ.

"ނުކުޅެ ދަނޑު ބޭރުގައި ހުރެ އެންމެ ދެރަވީ އެ ދުވަހު. އެހާ ގިނަ ގޯލު ވައްދާލުމުން ވަރަށް މާޔޫސްވި. ހާއްސަކޮށް ކުޅެން ފުރުސަތު ނުލިބި ހުއްޓާ އެފަދަ ނަތީޖާއެއް ނުކުތުމުން، ބޮޑު އަސަރެއް ކުރި،" އަންދަރޭ ބުންޏެވެ.

އޭގެ ފަހުން އަނެއްކާ ވެސް އަންދަރޭ އަށް އައީ ކާމިޔާބު ދުވަސްތަކެވެ. އެގޮތުން އޭނާގެ ކެޕްޓަންކަމުގައި ނިއު އިން ގައުމީ މުބާރާތް 1995 ގައި، އެފްއޭ ކަޕް 1994 އާއި 1996 ގައި އަދި ޕޮމިސް ކަޕް 1995 ގައި އުފުލާލި އެވެ. އެ ކާމިޔާބީތަކާ އެކު އަންދަރޭ ހުރީ ރާއްޖޭގެ އެންމެ އިތުބާރު ޑިފެންޑަރުގެ ގޮތުގަ އެވެ.

އަންދަރޭ (ވ) އީރާން މެޗުގެ ކުރިން ކުޅުންތެރިންނާ އެކު ދަނޑުމަތީގައި އެތުރިލައިގެން.


އެހެންވެ ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ އަލަށް ވާދަކުރަން 1997 ގައި ގައުމީ ކޯޗު ބޮލީވިއާގެ ރޮމިއުލޯ ކޮޓޭޒް ނެގި ޓީމުގެ ކެޕްޓަން ބޭންޑް ހަވާލުކުރީ އަންދަރޭއާ އެވެ. އެހާތަނަށް ދެކުނު އޭޝިއާ އިން ބޭރު ޓީމަކާ ރަސްމީ މެޗެއްގައި ވާދަކޮށްފައި ނުވާ ރާއްޖޭގެ ޓީމު ކޮލިފިކޭޝަނުގެ ފުރަތަމަ މެޗުގައި ނުކުންނަން ޖެހުނީ ސީރިއާގެ ވެރިރަށް ދިމިޝްގުގައި ގަދަފަދަ އީރާނާ ދެކޮޅަށެވެ. އެ މެޗު ނިމުނީ އީރާނުން ރާއްޖެ ކޮޅަށް ޖެހި 17 ލަނޑާ އެކު ދުނިޔޭގެ ރެކޯޑެއް ހަދައިގެންނެވެ. އަންދަރޭ ބުނި ގޮތުގައި އެ ނަތީޖާގެ ސަބަބަކީ އޭރުގެ ދުނިޔޭގެ ފުޓްބޯޅައިގެ ފެންވަރު ދިވެހި ކުޅުންތެރިންނަށް ވަޒަންކޮށްލަން ނޭނގުމެވެ.

"އީރާނަކީ އޭރު ވެސް ވޯލްޑް ކަޕުގައި ކުޅޭ ޓީމެއް. އޭރު ނޭގޭ ވޯލްޑް ކަޕޭ ބުންޏަސް މިއީ ކޮން ފެންވަރެއް ކަމެއް. އެ ތަފާތު ވިސްނައިގަންނާކަށް ވެސް ނޭގޭ،" އަންދަރޭ ބުންޏެވެ.

"ކޯޗަކަށް ވެސް ނޭގުނު އެ ތަފާތު ކުޑަކުރަން ހަދާނެ ގޮތެއް ކިޔާދޭކަށް. ކިޔައިދިނަސް މެޗު ތެރެއިން ބަދަލު ގެނެވޭ ފެންވަރެއް ނެތް އޭރަކު،"

އެ މެޗުގެ ނަތީޖާއަކީ ލަދަކަށް ވިޔަސް އަންދަރޭ ދެކޭ ގޮތުގައި އެއީ ފުޓްބޯޅައިގައި ރާއްޖެ އަށް ލިބުނު ބޮޑު ފިލާވަޅެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި، 17 ލަނޑުގެ އެ ތަޖުރިބާ ނުލިބުނު ނަމަ ފުޓްބޯޅައިގެ ކުރިމަގަށް ތައްޔާރުވާނެ ގޮތެއް ދިވެހިންނަށް ނޭގުނީސް ކަމަށެވެ.

"އެހިސާބުން (ދެކުނު އޭޝިއާ އިން ބޭރުގެ) ބައިނަލްއަގްވާމީ ފުޓްބޯޅަ އަކީ ކޯޗެއްކަން ދިވެހިންނަށް އެނގުނީ ވެސް،" އަންދަރޭ ބުންޏެވެ.

އަންދަރޭ (ވ-2) ކުރީގެ ގައުމީ ކެޕްޓަނުން ކަމަށްވާ އިބްރާހީމް ނޫރައްދީން (ކ) އާއި މުހައްމަދު ކަލީމް (ކ-2) އަދި އައްސަދު އަބްދުލްގަނީއާ އެކު.


އެކަމަކު އެ މެޗުން ބަލިވުމުން ވަރަށް ގިނަ ސީނިއާ ކުޅުންތެރިން ތަފާތު އުޒުރުތައް ދެއްކުމަށް ފަހު، ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވަމުން ދިޔަ ޓީމާ ދުރަށް ދިޔަ އެވެ. ބައެއް ކުޅުންތެރިން ބުނަނީ ގައުމީ ޓީމުން ފައިސާ ނުލިބޭތީވެ، ވަޒީފާ އާއި ވިޔަފާރި ދޫކޮށްފައި ދެވެން ނެތް ކަމަށެވެ. ނަމަވެސް އަންދަރޭގެ ފަރާތުން އެފަދަ ޝަކުވާއެއް ނެތެވެ.

"އަބަދުވެސް ގައުމީ ހިދުމަތެއްގެ ގޮތުގައި ގައުމީ ޓީމަށް ކުޅެނީ،" އަންދަރޭ ބުންޏެވެ.

އަންދަރޭ ފަދަ ސީނިއާ ދެ ތިން ކުޅުންތެރިޔަކާ އެކު އެފްއޭއެމުން، ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރަން ނޭޕާލަށް ފޮނުވީ ފެންނަ ފެނުމަށް ވަރަށް ބަލިކަށި ޓީމެކެވެ. އެހެންވެ އެ ޓީމާ މެދު ދިވެހިންގެ އެއްވެސް އުއްމީދެއް ނެތެވެ. މުބާރާތް ކަވަރުކުރަން ދިޔައީ ވެސް އެންމެ ނޫސްވެރިއެކެވެ. ނަމަވެސް، އަންދަރޭގެ ލީޑަރުކަމުގައި ޓީމުގައި އޮތީ ތަފާތު ރޫހެކެވެ. ޕްރެކްޓިހަށް ފަހު ހޮޓަލަށް ދާ މަގުމަތީގައި ބަހުގެ ތެރޭގައި ކުޅުންތެރިން ދިޔައީ ހިތްވަރާއި އަޒުމުގެ އަންބާތައް ކިޔަމުންނެވެ.

އެ ފަހަރު ފުރަތަމަ މެޗުގައި ބަންގްލަދޭޝްއާ 1-1 އިން ރާއްޖެ އެއްވަރުވީ އެވެ. ދެން އޮތީ ގަދަފަދަ އިންޑިއާ މެޗު ކަމުން ރާއްޖެ އަށް ސެމީގެ އުއްމީދު ކުޑަވި އެވެ. އިންޑިއާ މެޗުގައި އެ ޓީމުން ރާއްޖެ ކޮޅަށް 2 ލަނޑު ވައްދާލުމާ އެކު، ރާއްޖެ ކެޓީ ކަމަށް ބެލެވުނެވެ. ނަމަވެސް މަންޒަރު ބަދަލުވީ، 65 ވަނަ މިނެޓުގައި އިސްމާއީލް މަހެފޫޒް (އިންމަ) ހިލޭ ޖެހުމަކުން ޖައްސާލި ބޯޅަ އަންދަރޭ އުންޑައެއްގެ ބާރު ބިނުމުގައި ގޯލަށް ވައްދާލުމުންނެވެ. ފުޓްބޯޅަ ތާރީހުގައި އިންޑިއާ ކޮޅަށް ރާއްޖޭން ޖެހި ފުރަތަމަ ގޯލާ އެކު، ލިބުނު ހިތްވަރުގައި، 83 ވަނަ މިނެޓުގައި ތޮއްޑޫ މުހައްމަދު ނިޒާމް ގޯލެއް ޖަހައި ރާއްޖެ އެއްވަރުކޮށްދީ ސެމީން ފުރުސަތު ހޯދައިދިނެވެ.

ސެމީގައި ރާއްޖެ ވާދަކުރަން ޖެހުނީ އޭގެ ކުރީ މުބާރާތުގެ ޗެމްޕިއަން އަދި އޭރު އެންމެ ފޯމުގައި އޮތް ލަންކާއާ އެވެ. ފެށުނީއްސުރެ އެ މެޗުން ފެނިގެން ދިޔައީ ފިޒިކަލް ކުޅުމެކެވެ. އޭގެ ތެރެއިން ކުރިމަތިލުމެއްގައި އަންދަރޭގެ ބޯ ފަޅައިގެން ވެސް ދިޔަ އެވެ. ނަމަވެސް ރާއްޖޭން ދޫނުދީ ކުޅެ ޝާހު އިސްމާއީލް (ސާޔާ) ގެ ލަނޑުން ކުރި ހޯދި އެވެ. އޭގެ ދެ މިނެޓު ފަހުން ކޭ.އެމް ކަބީރު ލަންކާ އަށް އެއްވަރުކޮށްދިނެވެ. ނުދެވޭނެ ކަމަށް ހީކުރެވުނު ހިސާބަށް ރާއްޖެ ދިޔައީ 89 ވަނަ މިނެޓުގައި ތޮއްޑޫ ވައްދާލި ގޯލުން ލަންކާ 2-1 އިން ބަލިކޮށްގެންނެވެ. އެ ނަތީޖާ ލަންކާ ކުޅުންތެރިންނަށް ގަބޫލުނުކުރެވި، މާރާމާރީ ހިންގައި ދިވެހި ކުޅުންތެރިންނާއި އޮފިޝަލުންނަށް ހާނިއްކަކުރި އެވެ.

އަންދަރޭ (ކޮޅަށް ވާތުން ހަތަރު ވަނައިގައި) 1997 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރި ސްކޮޑާ އެކު ގްރޫޕް ފޮޓޯއެއްގައި.


އެކަމަކު އެ ތަދު ދިވެހި ކުޅުންތެރިންނަށް އިހުސާސެއް ނުކުރެވުނެވެ. ވާދަވެރި އަދި އެހާމެ ވަރުގަދަ ލަންކާ ބަލިކޮށް، އެއްވެސް އުއްމީދެއް ނެތް ފަހަރެއްގައި ފައިނަލަށް ދިއުމުގެ އުފާ މާ ބޮޑެވެ. ފައިނަލުން އިންޑިއާ އަތުން 5-1 އިން ރާއްޖެ ބަލިވި ނަމަވެސް، އެއްވެސް ދިވެއްސަކު ޝަކުވާއެއް ނުކުރެ އެވެ. ހާލަތަށް ބަލާއިރު ރިހި މެޑެއްޔަކީ ރާއްޖެ އަށް ބޮޑު ކާމިޔާބެކެވެ. އީރާން އަތުން ރެކޯޑް ނަތީޖާއަކުން ބަލިވެ ވެއްޓިފައި އޮތް ހާލަތުން އަރައިގަންނަން، އެ މެޑެލްވީ ބޮޑު ހިތްވަރަކަށެވެ.

ދިވެހި ފުޓްބޯޅަ ނިކަމެތިކަމުން، ގަދަފަދަ ކަމަށް ބަދަލުވި އެ ކާމިޔާބު ހޯދުމުގެ އާރުކާޓީއަކަށްވި އަންދަރޭ އަށް އެއީ ލިބުނު ބޮޑު އުފަލެކެވެ. ގައުމަށް ކަމެއްކޮށްދެވުނު ކަމުގެ އިހުސާސް އޭނާ އަށް ކުރެވުނެވެ. އެ އުފާވެރިކަން ބޮޑުވީ، އެނބުރި އައިސް އޭނާގެ ކެޕްޓަންކަމުގައި ނިއު އިން ގައުމީ ތަށި އުފުލާލުމުންނެވެ. އެ ތަށްޓާ އެކު، ނިއު އިން އެ ފަހަރު ސީޒަނުގެ ހުރިހާ މުބާރާތެއް ކާމިޔާބުކުރީ އެވެ. އެއީ އެހާތަނަށް އެއްވެސް ޓީމަކަށް ހާސިލްކުރެވުނު ކަމެއް ނޫނެވެ.

"އަޅުގަނޑުގެ ކެޕްޓަންކަމުގައި އެފަދަ ބޮޑު ކާމިޔާބެއް ލިބުމަކީ ވަރަށް ފަހުރުވެރިވާ ކަމެއް،" އަންދަރޭ ބުންޏެވެ.

އެފަދަ ކާމިޔާބީތައް ލިބުމުގެ އެންމެ ބޮޑު ސިއްރަކީ ހަމައެކަނި އަންދަރޭގެ ހުނަރެއް ނޫނެވެ. އޭނާގެ އަހުލާގެވެ. އަދި ދޭ މިކަމަށް ދޭ ސަމާލުކަމެވެ. އޭނާ އެ ހުރިހާ އަހަރެއްގައި ފުޓްބޯޅަ އާއި ކްރިކެޓް އެންމެ މަތީ ފެންވަރުގައި ކުޅުނީ، ރަސްމީ ގަޑީގައި ވަޒީފާ ވެސް އަދާކުރަމުންނެވެ.

"އަންދަރޭ މެން ކުޑަމޫސަ މެން ގާތު ޕްރެކްޓިސް އޮންނަ ދުވަހެއް ބުނާކަށް ނުޖެހޭނެ. އެ މީހުން އަމިއްލަ އަށް ހޯދައިގެން ދާނެ،" އޭރުގެ ކުޅުންތެރިޔާ މުހައްމަދު ކަލީމް ބުނެފައިވެ އެވެ.

އަންދަރޭ (ކ-އ) ނިއުގެ އޮފިޝަލުން ކަމަށްވާ މުހައްމަދު ކަލީމު (ކ) އާއި ކުޑަހުސެން (ކ-3) އާއި ކުޑަމޫސަ (ކ-4) އާއި ކާމިނީޕޫލް ހަސަން މަނިކު (ވ) އަދި ފޯވާޑް ޝާހު (ވ-2) އާ އެކު.


އެފަދަ ކުޅުންތެރިން ފަހަކަށް އައިސް ނުއުފެދުމަކީ މިއަދު މި އޮތް ހާލަތަށް ދިވެހި ފުޓްބޯޅަ ވެއްޓުނު ސަބަބު ހެއްޔެވެ؟ އަންދަރޭ އޭރު ވެސް މިހާރު ވެސް ގަބޫލުކުރަނީ ފުޓްބޯޅަ އެހެން ފެންވަރަކަށް ގެންދެވޭނީ ދިވެހި ފުޓްބޯޅައިގެ ސްޓައިލް ޒަމާނީކޮށްގެންނެވެ. އޭނާ 1997 ގައި "ހަވީރު" ނޫހަށް ދިން އިންޓަވިއެއްގައި ބުނީ ރާއްޖޭގެ އެންމެ ފޯރިގަދަ އެންމެ ގިނަ ބަޔަކު ތަރުހީބު ދޭ ކުޅިވަރާ ބަލާއިރު ފުޓްބޯޅައިގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް ހިންގޭ ވަރު މަދު ކަމަށެވެ.

"ވީހާ ވެސް ގިނަ ޒުވާން ކުދިންނަށް ދަސްކޮށްދޭންވީ،" އޭނާ ބުނެފައިވެ އެވެ. "އެ ނޫނީ ކުރިއަށްދާން ދަތިވާނެ."

އަންދަރޭ މިއަދު ވެސް ބުނަނީ އެހެންނެވެ. ފިޓްނަސް އާއި މަސަލްޕަވާ ވަރުގަދަކުރުމުގެ އިތުރަށް، މި ޒަމާނުގެ ސްޓައިލަށް ކުޅުންތެރިން ހާނުވަން ޖެހެ އެވެ. ހަކަތަ މެނޭޖްކުރުމަށްޓަކައި، ޕާސްކޮށްގެން ވިސްނުންތެރިކަމާ އެކު ކުޅުން ފަދަ ސްޓައިލް އަށަގަނުވޭނީ ޔޫތު ލެވެލްގެ ކުޅުންތެރިންތަކެއް ޔޫރަޕަށް ފޮނުވައިގެންނެވެ.

"އޭރުން އެ ކުޅުންތެރިން އެނބުރި އައިސް ފުޓްބޯޅަ ބަދަލުކޮށްލާނެ،" އަންދަރޭ، 62، ބުންޏެވެ.

ފުޓްބޯޅަ ކުޅުން 1998 ގައި ހުއްޓާލައި، އެ އަހަރު ލަންކާގައި އޮތް ބްރިސްޓަލް ފްރީޑަމް ކަޕުގައި ވާދަކުރި ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗުކަން ކުރި އަންދަރޭ ފަހުން ދެ ތިން އަހަރެއްގައި ނިއުގެ ބެންޗުން ފެނުނެވެ. ނަމަވެސް ފަހަކަށް އައިސް ވެޓްރަންސް މުބާރާތް ކުޅެލުން ފިޔަވައި ފުޓްބޯޅައިގެ މާބޮޑު ހަރަކާތަކުން ނުފެނެ އެވެ. އެކަމަކު އަންދަރޭގެ ނަން ދިވެހި ފުޓްބޯޅަ އަބަދުވެސް ހަނދާންކުރާނެ އެވެ. ހުނަރުވެރި ޑިފެންޑަރެއްގެ ގޮތުގައި އެކަންޏެއް ނޫނެވެ. ނިއުގެ ލެޖެންޑެއްގެ ގޮތުގައި އެކަންޏެއް ވެސް ނޫނެވެ. ދިވެހި ފުޓްބޯޅަ އަށް ކުރިމަތިވި ނާޒުކު ހާލަތެއްގައި، ޒުވާން ކުޅުންތެރިން ގޮވައިގެން ގޮސް ނަމޫނާ ދެއްކި ކެޕްޓަނެއްގެ ގޮތުގައި ވެސް މެ އެވެ.