Advertisement

ރައީސް ސޯލިހަށް އެންމެ ގިނަ ވޯޓު ލިބޭނެ އެއް އަތޮޅަކީ ނ. އަތޮޅު: އަލީ ނިޔާޒް

14 އޮގަސްޓު 2023 - 13:51 1

އާމިނަތު ނިއުޝާ

އާމިނަތު ނިއުޝާ

ރައީސް ސޯލިހު ނ. އަތޮޅަށް ވަޑައިގެން އެއަތޮޅު ރައްޔިތުންނާ ބައްދަލުކުރައްވަނީ -- ފޮޓޯ: ޝާބިން/އަދަދު


ރައީސް ސޯލިހަށް އެންމެ ގިނަ ވޯޓު ލިބޭނެ އެއް އަތޮޅަކީ ނ. އަތޮޅު: އަލީ ނިޔާޒް

14 އޮގަސްޓު 2023 - 13:51 1

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެންމެ ގިނަ ބައެއްގެ ތާއީދު ލިބޭނެ އެއް އަތޮޅަކީ ނ. އަތޮޅު ކަމަށް ހުޅުމާލޭ ދާއިރާގެ މެންބަރު އަލީ ނިޔާޒު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރިޔާސީ އިންތިހާބަށް ކަނޑައަޅާފައި ނ. ރ. އަދި ބ. އަތޮޅުގެ ކެމްޕޭން ކޯޑިނޭޓަރުކަން ވެސް ކުރައްވާ އަލީ ނިޔާޒު "އަދަދު" އަށް ވިދާޅުވީ، ނ. އަތޮޅުން ރައީސަށް އޮންނަ ތަރުހީބު ބޮޑުވާ އެއް ސަބަބަކީ އެ އަތޮޅުގައި ހަރަކާތްތެރި އެމްޑީއޭ އެ ޕާޓީއާ އެކު އޮތުން ކަމަށެވެ.

ނ. އަތޮޅަކީ އަންނަ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް އެންމެ ބޮޑު ކާމިޔާބީއެއް ލިބޭނެ ތިން އަތޮޅުން އަތޮޅެއް ކަމުގެ ޔަގީންކަން އަލީ ނިޔާޒް ދެއްވި އެވެ.

"އެމްޑީއޭއާ އެމްޑީޕީ ގުޅިގެން ނ. އަތޮޅުން ވަރަށް ބޮޑު ނަތީޖާއެއް އިރާދަކުރެއްވިއްޔާ ލިބޭނެ ކަމަށް މަންޒަރުތަކުން މި ފެންނަނީ. އާދެ އަޅުގަނޑުމެންގެ ޓާގެޓަކީ އިންތިހާބުގައި އެންމެ ބޮޑު ނަތީޖާއެއް ނެރޭ ތިން އަތޮޅުގެ ތެރޭގައި [ނ. އަތޮޅު] ހިމެނުން" އަލީ ނިޔާޒް ވިދާޅުވި އެވެ.

ރައީސް ސޯލިހު މިހާރު ނ. އަތޮޅަށް ކުރައްވާ ދަތުރުގެ ކުރިން އެ އަތޮޅަށް ވަޑައިގެން ކެމްޕޭން ޓީމުތަކާ ބައްދަލުވިކަން ފާހަގަކުރައްވަމުން އަލީ ނިޔާޒް ވިދާޅުވީ މުޅި ނ. އަތޮޅު ވެސް އޮތީ "ބަދަހިކޮށް" ކަމަށެވެ.

އެންމެ ފަހުން ބޭއްވި 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ނ. އަތޮޅު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހެވެ. އެ އަތޮޅުން އޭރުގެ ރައީސް އަބްދުﷲ ޔާމީނަށް 4،149 ވޯޓު ލިބިވަޑައިގަތް އިރު، ރައީސް ސޯލިހަށް 5،239 ވޯޓު ލިބިވަޑައިގަތެވެ.

ރިޔާސީ ރޭހަށް ވެރިކަން ކުރާ އެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އެމްޑީއޭ އަކީ އިންތިހާބު ކާމިޔާބުކުރުމަށް މުހިންމު ބައިވެރިއެއް ކަމަށް އެ ޕާޓީން ފާހަގަކުރެ އެވެ. ނ. އަތޮޅުގެ އިތުރުން އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ނިސްބަތްވެވަޑައިގަންނަވާ ދ. އަތޮޅުން ވެސް އެމްޑީޕީއަށް ބޮޑު ކާމިޔާބީއެއް ހޯދައިދޭނެ ކަމަށް އެމްޑީއޭއިން ވަނީ ބުނެފަ އެވެ.