13 އޮގަސްޓު 2023 - 14:54 0
މުހައްމަދު އުޝާމް
13 އޮގަސްޓު 2023 - 14:54 0
ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ އިބްރާހިމް އަބްދުﷲ (ގައްބަރޭ) ދޫކޮށްލަން ކުރި އަމަރު ބާތިލުކޮށް އޭނާ ބަންދުކުރަން ހައި ކޯޓުން އަމުރުކޮށްފި އެވެ.
މި މައްސަލައިގެ ތުހުމަތުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވެސް އުޅޭ ގައްބަރޭ ހައްޔަރުކޮށް 30 ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓި އެވެ. އެއަށް ފަހުގެ ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ދޫކޮށްލީ ޖުލައި 6، ގަ އެވެ.
ބަންދުން ދޫކޮށްލި އަމުރު ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ.
ހައި ކޯޓުގައި މައްސަލަ ބެލި ތިން ފަނޑިޔާރުންގެ އިއްތިފާގުން ކުރި ހުކުމުގައި ވަނީ ގައްބަރޭގެ އިތުރުން އެ މައްސަލާގައި ދެން ތުހުމަތުކުރާ މުލާމް މުހައްމަދާއި އަހުމަދު އައުޝަމް ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުތަކަކީ ތޫނު އެއްޗެހި ބޭނުން ކުރުމާއި ނުރައްކާތެރި ހަތިޔާރު ގެންގުޅުމުގެ ގާނޫނާ ހިލާފަށް ނެރުނު އަމުރުތަކެއް ކަމަށެވެ.
މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް ނުވަތަ ފުލުހުންގެ ފަރާތުން ކަމާ ބެހޭ ކޯޓަކަށް، ތިން މީހުންގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އެދި ހުށަހެޅުމަށާއި އެ ގޮތަށް ހުށަހެޅުމުން ހައި ކޯޓުގައި މައްސަލަ ނިންމި ގަޒިއްޔާގައި ބަޔާންކޮށްފައިވާ އުސޫލުން ނިންމުމަށް ހައި ކޯޓުން ކުރި ހުކުމުގައިވެ އެވެ.
ޒަރީރަށް ހަމަލާ ދިނީ މެއި 1، ގައި މާލޭގެ ކެފޭއެއްގައި އޭނާ އިންނަވަނިކޮށެވެ. ގައްބަރޭއަކީ ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މައްޗަންގޯޅި ދެކުނު ދާއިރާގެ ރައީސެވެ.
ހަމަލާ ދިނީ ގައްބަރޭ ކަމަށް ވިދާޅުވެ ޒަރީރު އެންމެ ފުރަތަމަ ފުލުހަށް ބަޔާން ދެއްވި އެވެ. ނަމަވެސް ޒަރީރު ފަހުން ވަނީ ބަޔާން ބަދަލު ކުރައްވައިފަ އެވެ.
Comment