12 އޮގަސްޓު 2023 - 11:50 0
މަރިޔަމް އަފާ ނިޒާމް
ރައީސް ސޯލިހު މާޅެންދޫގައި ވާހަކަފުޅުދައްކަވަނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
12 އޮގަސްޓު 2023 - 11:50 0
ދެ ވަނަ ދައުރެއް ލިބިއްޖެ ނަމަ އެމަނިކުފާނު ސިޔާސީ މަގުސަދެއްގައި ކުރާނެ އެއްވެސް ކަމެއް ނެތް ކަމުގައި ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ސެޕްޓެމްބަރު 9، ގައި އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ނ. މާޅެންދޫއަށް ވަޑައިގައިން ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ސިޔާސީ މައިދާނުގައި އެމަނިކުފާނަށް ހާސިލްނުވާ ކަމެއް މިހާރު ނެތް ކަމަށެވެ. އަދި ދެ ވަނަ ދައުރެއް ލިބިއްޖެ ނަމަ ސިޔާސީ މަގުސަދެއްގައި ކުރައްވާނެ އެއްވެސް ކަމެއް ނެތް ކަމަށާއި އަރާނެ އިތުރު ހަރުފަތެއް ވެސް ނެތް ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.
"އަޅުގަނޑު ސިޔާސީ ކަންތަކުގައި ދެން އަރާނެ އިތުރު ހަރުފަތެއް ނެތް. ސިޔާސީ މަގުސަދުގައި އަޅުގަނޑު ބޭނުންވާނެ އެއްވެސް ކަމެއް ދެން ނެތް. އިރާދަކުރެއްވީތީ މިއަދު މިހުރީ ރާއްޖޭގެ ރައީސުލްޖުމުހީރިއްޔާ ކަމުގައި. ކުރިއަށް އޮތް ދައުރުގަ އަޅުގަނޑު ސިޔާސީ މަގުސަދެއްގައި ކުރާނެ އެއް ވެސް ކަމެއް ނޯންނާނެ،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން، އެމަނިކުފާނުގެ މަގުސަދަކީ އުފާވެރި އަމާން ރާއްޖެއެއް ބިނާކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދެ ވަނަ ދައުރެއް ނިންމާފައި ވެރިކަމުން ފައިބައިވަޑައިގަންނަވާއިރު ފެންނާނީ އެ މަންޒަރުކަމުގެ ޔަގީންކަން އެމަނިކުފާަނު ދެއްވި އެވެ.
"އަޅުގަނޑުގެ މަގުސަދަކަށް ވާނީ އަޅުގަނޑުމެން ފަށާފައި އެހެރަ ހުރިހާ މަސައްކަތެއް ނިންމާ، ރައްޔިތުންނަށް އުފާވެރި އަމާން ދިރިއުޅުމެއް ހޯދައިދިނުން. އެ ނޫން އެއްވެސް މަގުސަދެއް އަޅުގަނޑުމެންގެ ނޯންނާނެ،" ރައީސް ސޯލިހު ފާހަގަކުރެއްވި އެވެ.
ރައީސް ނ. މާޅެންދޫގައި -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު
ރައީސް އިތުރަށް ވިދާޅުވީ ނ. އަތޮޅަށް މި ސަރުކާރުން އެތައް ބަދަލުތަކެއް ގެނެސް ނުކުރެވި، މަޑުޖެހިފައި ހުރި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ނިންމާފައިވާ ކަމަށެވެ. މިގޮތުން މަޝްރޫއުތައް ނިންމުނީ މި ސަރުކާރުން ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއަށް ދިޔުމުގެ ބަދަލުގައި ތަފާތު ހިޔާލުތަކުގެ މަޝްވަރާއަށް ޖާގަ ދީގެން މަސައްކަތް ކުރުމުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ކުރީގެ ސަރުކާރުތަކުގައި އެ ފުރުސަތު ނުދޭކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
"މީގެ ކުރީގެ ސަރުކާރުތަކުގަ، ހާއްސަކޮށް 2013 އިން 2018 އާއި ދޭތެރޭގައި އޮތް ސަރުކާރުގަ ކަންތައް ކުރަމުން ދިޔައީ މުޅިން އެހެން ގޮތަކަށް. ކިރިޔާވެސް ސަރުކާރާ ހިޔާލު ތަފާތުވާ ސިޔާސީ ބޭފުޅެއް ވެއްޖިއްޔާ ގެންގޮސް ލަނީ ޖަލަށް. ނަތީޖާއަކަށް ވީ ކުރަންހުރި އެތައް ކަމެއް ނުކުރެވި މަޑުޖެހިފަ ހުރުން،" ރައީސް ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް އެންމެފަހުން ވަޑައިގަތީ ގއ. އަދި ގދ. އަތޮޅަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment