Advertisement

މި ފަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯ އަށް ވެސް ފަސްތަރި!

13 އޮގަސްޓު 2023 - 09:52 0

ވިޒިޓް މޯލްޑިވްސް ޕްރޯގެ ހަތަރު ކެޓަގަރީގެ ޗެމްޕިއަނުން އުފާފާޅުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މި ފަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯ އަށް ވެސް ފަސްތަރި!

13 އޮގަސްޓު 2023 - 09:52 0

އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ވޯލްޑް ޓުއާގައި ހިމެނޭ މުބާރާތްތަކުގެ ތެރެއިން ވިޒިޓް މޯލްޑިވްސް ޕްރޯ ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވީ މި މުބާރާތުގެ ސަބަބުން އޭޝިއާގެ ބޮޑީބޯޑިންއަށް ބޮޑެތި ބަދަލުތަކެއް ގެނެސް ފުރުސަތުތަކެއް ތަނަވަސްކޮށްދިނުމުގެ ބޭނުމުގަ އެވެ. މިދިޔަ އަހަރު މުބާރާތް ނިންމާލީ މިއަހަރުގެ މުބާރާތަށް ގިނަ ބަޔަކު އިންތިޒާރުކުރާނެކަމަކުގެ ޔަގީންކަމާއެކުގަ އެވެ.

ދުނިޔޭގެ ބޮޑީބޯޑިންގެ ޗެމްޕިއަނުން ކަނޑައަޅާ އައިބީސީ ވޯލްޑް ޓުއާގެ ދެވަނައަށް އެންމެ އަގުބޮޑު މުބާރާތް މިއަހަރު ރާއްޖޭގައި ބޭއްވީ މިދިޔަ އަހަރަށްވުރެ ދެ ގުނަ ވަރުގަދަކޮށް، ބޮޑުކޮށެވެ. ވާދަކުރި އެތުލީޓުންގެ އަދަދު ދެ ގުނަ ގިނަ އެވެ. ވާދަވެރިން ގިނަވެސް ކޮންމެ އިވެންޓެއްގެ ކޮންމެ ހީޓެއްވެސް ފެނުނީ ފޯރިގަދަކޮށެވެ.

މުބާރާތް ނިންމާލީ އާ އުއްމީދުތަކަކާއި އެތަކެއް އުފާވެރި ހަނދާންތަކެއް ދީފަ އެވެ. ދުނިޔޭގެ ބޮޑީބޯޑިންގެ ޗާޓުން ކުޑަ ކުޑަ ދިވެހިރާއްޖޭގެ ނަން ފާހަގަކުރެވޭ މިންވަރަށް ފަވާލާފަ އެވެ.

މިއަހަރުގެ މުބާރާތުގެ އެންމެ ބޮޑު ކާމިޔާބީގެ ގޮތުގައި އައިބީސީ އިން ސިފަކުރަނީ ބައިވެރިންގެ އަދަދު އިތުރުވެ ވާދަވެރިކަން ބޮޑުވުމެވެ. މިއަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯގައި 16 ގައުމަކުން 80 އަށް ވުރެ ގިނަ ބައިވެރިން ވާދަކުރި އެވެ. މުޅިން އަލަށް މެލޭޝިއާ އާއި އޮސްޓްރޭލިއާގެ ބޮޑީބޯޑަރުން މިއަހަރު މޯލްޑިވްސް އޯޕަން އިން ފެނުނެވެ.

މިދިޔަ އަހަރުގެ މުބާރާތް ނިންމާލާފައި ގިނަ ބޮޑީބޯޑަރުންތަކެއްގެ ވައުދަކަށްވީ މިއަހަރު އެގައުމުން ގިނަ އެތުލީޓުން ގެނައުމެވެ. އެކަން މިފަހަރު ވާރަށް ބޮޑަށް ފާހަގަވި އެވެ. މިއަހަރު މޯލްޑިވްސް ޕްރޯގައި ވާދަކުރި އެތުލީޓުންނަށް ބަލާލާއިރު، ބްރެޒިލް، ސްޕެއިން އަދި ފްރާންސްގެ ބޮޑީބޯޑަރުން ގިނަ އެވެ.

"މި އަހަރު މުބާރާތް އިއުލާންކުރީމަ ޖަޕާންގެ ވަރަށް ގިނަ ބޮޑީބޯޑަރުން ބޭނުންވި އަންނަން ރާއްޖެއަށް. ހަރަދަށް ބަލާއިރުވެސް ޔޫރަޕާއި ދެކުނު އެމެރިކާގައި އޮންނަ ޓުއާގެ މުބާރާތްތަކުގައި ވާދަކުރަން އުނދަގޫވާނެ ޖަޕާން ކުދިންނަށް. އެހެންވެ މިފަހަރު ރާއްޖެއަށް ގިނަ ކުދިން އައީ. އަންނަ އަހަރު އަދި މިއަށްވުރެ ގިނަވާނެ" ދުނިޔޭގެ ރޭންކިންގެ އެއްވަނައިގައި މިވަގުތު އޮތް ޖަޕާންގެ އަންހެން ބޮޑީބޯޑަރު ސަރީ އޮހާރާ ބުންޏެވެ.

ސަރީ ފާހަގަކުރި ގޮތަށް އޭޝިއާގެ ބޮޑީބޯޑަރުންނާއި ޔޫރަޕްގެ ބޮޑީބޯޑަރުންނަށް ރާއްޖެއަކީ ހުރިހާ ގޮތަކުން "ފައްކާ" މަންޒިލެކެވެ. މުބާރާތް ނިންމާލާފައި އާއިލާއާއިއެކު ޗުއްޓީ ހޭދަކުރަން ބެލިޔަސް މިވަރުގެ މަންޒިލެއް ނެތެވެ. އަނެއްކޮޅުން ރާއްޖޭގައި ރާޅާ އަޅަން ބޭނުންވާ ޓުއަރިސްޓުންނަށްވެސް މިވަރުގެ ހިތްފަސޭހަ މަންޒިލެއް ނެތެވެ.

"ހަވާއީގައި މި ދުވަސްކޮޅު ރާޅެއް ނުނަގާނެ. އެކަމަކު މިކޮޅުގެ މައުލޫމާތުތައް އަހަރުމެންނަށް ލިބިފައިވާ ގޮތަށް ބަލާއިރު މުޅި އަހަރު އެއްކޮށް މުޅި ދުވަހު ރީތި ރާޅުތައް ރާއްޖޭގައި ނަގާނެ. އެހެންވީމަ މިވަރުގެ މުބާރާތެއް ބާއްވަން ރާއްޖެއަށްވުރެ އެކަށީގެންވާ މަންޒިލެއް ނެތޭ އަހަރެން ބުނާނީ." ފްރާންސްގެ ކުޅަދާނާ ބޮޑީބޯޑަރު ފަބިއަން ތަޒާ ބުންޏެވެ.

ރާއްޖޭގެ ރާޅުތަކުގެ ފެންވަރު ރަނގަޅުކަމަކީ ގިނަ ބަޔަކު މި މުބާރަށް އިންތިޒާރުކުރާ އެއް ސަބަބެވެ. މިގޮތުން ރަނގަޅު ސްކޯތަކެއް ކޮށްލަން ބަލާއިރު ރާޅުތައް ހިތްގައިމެވެ. ވިޒިޓް މޯލްޑިވްސްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މިއަހަރު ބޮޑީބޯޑަރަކު ވަނީ އެއް ރާޅުން 10.00ގެ ސްކޯއެއްވެސް ހޯދާފަ އެވެ.

މުބާރާތުގައި ވާދަކުރި ކޮންމެ ބައިވެރިއެއްވެސް ފާހަކުރީ އިންތިޒާމްތަކުގެ ރަނގަޅު ވާހަކަތަކެވެ. އެތުލީޓުންނަށް ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) އިން ކޮށްފައިވާ މަސައްކަތެވެ. އަނެއްކޮޅުން މުބާރާތުގެ ކަވަރޭޖަކީ އައިބީސީ ވޯލްޑް ޓުއާގައި ގެނެސްދޭ ކަވަރޭޖުތަކާ ބަލާއިރު ހުރިހާ ގޮތަކުންވެސް ފުރިހަމަ އަދި ކޮލިޓީ ރަނގަޅު ކަވަރޭޖެކެވެ.

ކޮންމެ މުބާރާތަކަށްވެސް އައިބީސީގެ ޓެކްނިކަލް ޓީމްގެ މެންބަރުން ދަތުރުކުރެ އެވެ. އިންޖިނިއަރުންނާއި ފޮޓޯ ގްރާފަރުންނާއި، ވީޑިއޯ ގްރާފަރުން އަދި އެޑިޓަރުން ބައިވެރިވި އެވެ. މި ޓީމްގެ މެންބަރުންވެސް ފާހަގަކުރާ ގޮތުގައި ރާއްޖޭގެ މުބާރާތަކީ އެންމެ ކޮލިޓީކޮށް މަތީ ފަންތީގައި އެ މީހުންގެ ހުނަރުތައްވެސް ދައްކާލާން ލިބޭ އެންމެ ރަނގަޅު ފުރުސަތެވެ.

"ރާއްޖެ އެންމެ ފާހަގަކުރެވެނީ. ރާއްޖޭގެ ވީޑިއޯ ގްރާފަރުންނާއި ފޮޓޯ ނަގާ މީހުންވެސް އަހަރުމެންނަށް ވަރަށް އެހީވެދޭ. އަހަރުންމެން ބޭނުންވާ ގޮތަށް ކޮންޓެންޓް ތައްޔާރުކުރަން ވަރަށް ފަސޭހަ މި މުބާރާތުގައ" އައިބީސީ ވޯލްޑް ޓުއާގެ ގިނަ މުބާރާތްތަކެއްގައި ވީޑިއޯ ކޮންޓެންޓް ތައްޔާރުކުރުމުގައި އިސްކޮށް އުޅޭ ޕަބްލޯ ބުންޏެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯގެ އެންމެ ހާއްސަ އެއް ކަމަކީ ދުނިޔޭގެ ޗެމްޕިއަން ކަނޑައެޅުމަށް ލިބޭ ޕޮއިންޓްތަކަށް ބަލާއިރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ އެތުލީތަކަށް ދުނިޔޭގެ ޗެމްޕިއަންކަން ލިބުމުގެ ފުރުސަތު ބޮޑުވުމެވެ. އެކަމުގެ އެއް ހެއްކަކީ މިއަހަރުގެ މުބާރާތުގެ ޑްރޮޕް ނީ ބައިގެ ޗެމްޕިއަންކަން ހޯދި ޑޭވިޑް ހަބާޑަށް ވޯލްޑް ޓުއާގައި މިއަހަރު އަދި ބާކީ އިވެންޓްތަކެއް ހުރިއިރު ޗެމްޕިއަންކަން ކަށަވަރުވުމެވެ. ދުނިޔޭގެ ޗެމްޕިއަންއަށް ދޭ ހާއްސަ ޓްރޮފީ ޑޭވިޑް އާ ހަވާލުކުރީވެސް މި މުބާރާތުގެ ތެރެއިންނެވެ.

މުބާރާތް ނިންމާފައި މިއަހަރުވެސް ގިނަ އެތުލީޓުން ރާއްޖެއަށް ދިނީ އެއް މެސެޖެކެވެ. އަންނަ އަހަރު އިތުރު ކުޅުންތެރިން ގޮވައިގެން އަންނާނެކަމުގެ ވާހަކަ އެވެ. އެކަން އެގޮތަށް ނުކުރަންވީ ސަބަބެއް ނެތެވެ. ހުރިހާ ގޮތަކުން ބަލާއިރުވެސް މިއަހަރުވެސް މިއަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯ އަކީ "ފަސްތަރީ"ގެ މުބާރާތެކެވެ.