17 މާރިޗު 2025 - 04:36 0
އަތޫފް އާތިފް
17 މާރިޗު 2025 - 04:36 0
މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ) ގެ ކަލަންޑަރުގައި ކުރިން ހިމެނި ބައިނަލްއަގްވާމީ ބޮޑީބޯޑިން މުބާރާތް "މޯލްޑިވްސް ޕްރޯ" މި އަހަރުވެސް ރާއްޖޭގައި ބޭއްވޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ އެސޯސިއޭޝަނުން ބުނެފި އެވެ.
މި މުބާރާތް ކުރިން ކަލަންޑަރުގައި ހިމެނި ނަމަވެސް އެމްބީބީއޭގެ އަހަރީ އާންމު ޖަލްސާގައި އެ އެސޯސިއޭޝަނުން އާންމުކުރި ކަލަންޑަރުން މި މުބާރާތް ވަނީ ނަގައިފަ އެވެ. އެމްބީބީއޭ އިން ބުނީ އަހަރީ އާންމު ޖަލްސާގައި އާންމު ކުރި ކަލަންޑަރުން މި މުބާރާތް ނެގީ މުބާރާތް ބޭއްވުމުގެ ފެހި ސިގްނަލް ސަރުކާރުގެ ފަރާތުން މިހާތަނަށް ލިބިފައިނުވާތީ ކަމަށެވެ.
އެމްބީބީއޭ އިން އަންނަނީ މި މުބާރާތް މި އަހަރުވެސް ރާއްޖޭގައި ބޭއްވޭތޯ މަސައްކަތް ކުރަމުންނެވެ. އެ އެސޯސިއޭޝަނުން ބުނީ މުބާރާތް ބޭއްވުމަށް ސަރުކާރާ މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ. އަދި މުބާރާތް ބޭއްވޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.
މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން މުބާރާތް މިދިޔަ ދެ އަހަރުވެސް ކާމިޔާބުކަމާއެކު ރާއްޖޭގައި ބޭއްވި އެވެ. އަދި ވޯލްޑް ޓުއާގެ މުބާރާތްތަކުގެ ތެރެއިން އިންތިޒާމުތަކުގެ ފެންވަރު އެންމެ ރަނގަޅު މުބާރާތަކީ މި މުބާރާތް ކަމަށް އައިބީސީ އިން ވަނީ ބުނެފަ އެވެ.
ދުނިޔޭގެ ފެންވަރުގެ ބޮޑީބޯޑަރުން މި މުބާރާތުގައި ވާދަކުރަމުން އަންނައިރު, މިއީ ރާއްޖޭގެ ބޮޑީބޯޑަރުންނަށް ދުނިޔޭގެ ފެންވަރުގެ ބޮޑީބޯޑަރުންނާ ވާދަކުރުމުގެ ފުރުސަތު ލިބޭ މުބާރާތެކެވެ.
މީގެ އިތުރުން މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި މި މުބާރާތުގެ ޖޫނިއާ ކެޓަގަރީގެ ހަތަރުވަނަ ބުރުގައި ރާއްޖޭގެ އިޔަން އަހުމަދު ވަނީ ވާދަކޮށްފަ އެވެ.
މިއީ ދުނިޔޭގެ ބޮޑީބޯޑިންގެ ޗެމްޕިއަނުން ކަނޑައަޅާ އައިބީސީ ވޯލްޑް ޓުއާގެ ދެ ވަނަ އަށް އެންމެ ބޮޑު މުބާރާތެވެ. ވިޒިޓް މޯލްޑިވްސް ޕްރޯގެ އެންމެ ހާއްސަ އެއް ކަމަކީ ދުނިޔޭގެ ޗެމްޕިއަން ކަނޑައެޅުމަށް ލިބޭ ޕޮއިންޓްތަކަށް ބަލާއިރު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާ އެތުލީޓަކަށް ދުނިޔޭގެ ޗެމްޕިއަންކަން ލިބުމުގެ ފުރުސަތު ބޮޑުވުމެވެ.
0.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment