Advertisement

މެޑިޓެރޭނިއަން ކަނޑުގައި އޮޔާ ދަނިކޮށް 500 އަށް ވުރެ ގިނަ މީހުން ސަލާމަތްކޮށްފި

12 އޮގަސްޓު 2023 - 06:11 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މީހުން ސަލާމަތް ކުރަން ހިންގި އޮޕަރޭޝަނެއްގެ ތެރެއިން. -- ފޮޓޯ: ސްކައި ނިއުސް


މެޑިޓެރޭނިއަން ކަނޑުގައި އޮޔާ ދަނިކޮށް 500 އަށް ވުރެ ގިނަ މީހުން ސަލާމަތްކޮށްފި

12 އޮގަސްޓު 2023 - 06:11 0

މާސެއި، ފްރާންސް (އޯގަސްޓު 11) - ފާއިތުވި ދެ ދުވަސް ތެރޭގައި މެޑިޓެރޭނިއަން ކަނޑުގައި އޮޔާ ދަނިކޮށް 500 އަށް ވުރެ ގިނަ މީހުން ސަލާމަތްކޮށްފި އެވެ.

ޔޫރަޕަށް ހިޖުރަ ކުރަން މަސައްކަތް ކުރަނިކޮށް ހާލުގައި ޖެހުނު މީހުން ސަލާމަތް ކުރީ އެސްއޯއެސް މެޑެރޭނީ ޖަމިއްޔާގެ އޯޝަަން ވައިކިންގް ރެސްކިއު ބޯޓުންނެވެ.

އެ ޖަމިއްޔާއިން ބުނެީ ރެސްކިއު އޮޕަރޭޝަންތައް ހިންގީ ޓިޔުނީޝިއާ އާއި އިޓަލީގެ ލަމްޕެދޫސާ ރަށާ ދެމެދުގައިވާ ކަނޑުގެ ސަރަހައްދުގައި ކަމަށެވެ.

"ފާއިތުވި 42 ގަޑިއިރު ތެރޭގައި 11 އޮޕަރޭޝަނެއްގައި 500 އަށް ވުރެ ގިނަ މީހުން ސަލާމަތްކޮށްފި،" އެސްއޯއެސް މެޑިޓެރޭނީއިން ބުންޏެވެ.

އެ އޮޕަރޭޝަންތަކުގައި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް ސޮސައިޓީޒް (އައިއެފްއާރްސީ) އިން ވެސް ބައިވެރިވި އެވެ.

"ޓިޔުނީޝީއާ އާއި ލަމްޕެދޫސާއާ ދެމެދުގައިވާ ސަރަހައްދުގައި ރެސްކިއު އޮޕަރޭޝަންތައް އަދިވެސް ކުރިއަށް އެބަ ދޭ،" ހުކުރު ދުވަހުގެ ރޭ އެ ޖަމިއްޔާއިން ބުންޏެވެ.

ޔޫރަޕަށް ހިޖުރަ ކުރަން ބޭނުންވާ މީހުން އެންމެ ގިނައިން ހާލުގައި ޖެހެނީ މެޑިޓެރޭނިއަަން ކަނޑުގެ މެދު ހިސާބުގަ އެވެ. އދ. އިން ލަފާކުރާ ގޮތުގައި އުތުރު އެފްރިކާއިން ދަތުރު ފަށައި، އިޓަލީ އަދި މޯލްޓާއަށް އެތެރެވާން އުޅުމުގެ ތެރޭގައި މި އަހަރުގެ މިހާތަނަށް 1،848 މީހުން މަރުވެފައިވެ އެވެ.

އެއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ބޮޑު އަދަދެކެވެ. މިދިޔަ އަހަރުގެ ތެރޭގައި މަރުވީ ޖުމްލަ 1،417 މީހުންނެވެ.