އިޓަލީ ސަރުކާރާއި ސްޓާލިންކާ ދެމެދު ހިނގި މަޝްވަރާތައް ހުއްޓިއްޖެ

24 މާރިޗު 2025 - 05:07 0

އަހުމަދު ދާއޫދު

އ

އިޓަލީގެ ޑިފެންސް މިނިސްޓަރު ގުއިޑޯ ކްރޮސެޓޯ -- ފޮޓޯ: ރޮއިޓާސް


އިޓަލީ ސަރުކާރާއި ސްޓާލިންކާ ދެމެދު ހިނގި މަޝްވަރާތައް ހުއްޓިއްޖެ

24 މާރިޗު 2025 - 05:07 0

އިޓަލީގެ ސަރުކާރާއި އެލޮން މަސްކްގެ ސެޓެލައިޓް އިންޓަނެޓް އޮޕަރޭޓަރު ސްޓާލިންކާ ދެމެދު ކުރިއަށް ގެންދިޔަ މަޝްވަރާތައް މިހާރު ވަނީ ހުއްޓިފައިކަމަށް އެ ގައުމުގެ ދިފާއީ ވަޒީރު ވިދާޅުވެއްޖެ އެވެ. މިއީ ބޮޑެތި ބައިނަލްއަގުވާމީ ސިޔާސީ ގުޅުންތަކުގެ ނަތީޖާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބޮޑުވަޒީރު ޖިއޯޖިއާ މެލޯނީގެ ސަރުކާރުން މަސައްކަތް ކުރަމުން އަންނަނީ ސަރުކާރާއި، ޑިޕްލޮމެޓުންނާއި އަދި ނުރައްކާތެރި ސަރަހައްދުތަކުގައި މަސައްކަތްކުރާ ދިފާއީ އޮފިޝަލުންނާ ދެމެދު އެންކްރިޕްޓް ކުރެވިފައިވާ މުވާސަލާތީ ނިޒާމެއް ގާއިމުކުރުމަށެވެ. މި ނިޒާމު ފޯރުކޮށްދޭނެ ފަރާތްތަކެއް ހޮވުމަށް މަޝްވަރާތައް ކުރަމުން ދާއިރު، ސްޓާލިންކަކީވެސް އެފަދަ އެއް ފަރާތެވެ.

"އަޅުގަނޑަށް ހީވަނީ ހުރިހާ ކަމެއްވެސް މިހާރު ވަނީ ހުއްޓިފައިހެން،" ދިފާއީ ވަޒީރު ގުއިޑޯ ކްރޮސެޓޯ ލާ ރެޕަބްލިކާ ނޫހަށް ވިދާޅުވިއެވެ.

މިކަން މިހެން ދިމާވެފައިވަނީ އެއްބަސްވުމުގެ ޓެކްނިކަލް ކަންކަމުގެ ބަދަލުގައި މަސްކް އާ ގުޅޭ ގޮތުން ދެކެވުނު ވާހަކަތަކުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކޮން ވާހަކަތަކެއްކަން ސާފުކޮށް ވިދާޅެއް ނުވެއެވެ.

މި ދާއިރާގައި ސްޓާލިންކަކީ އެންމެ ބާރުގަދަ އެއް ފަރާތެވެ. އެ ކުންފުނީގެ 7،000 އެއްހާ ސެޓެލައިޓް މިވަގުތު ވެސް ޖައްވުގައި ހަރަކާތްތެރިވަމުންދެއެވެ. އަދި 2021 އިން ފެށިގެން އިޓަލީގައި އެ ކުންފުނީގެ ހިދުމަތްތައް ދަނީ ފޯރުކޮށްދެމުންނެވެ.

އިޓަލީ ސަރުކާރުން ވިސްނަމުން އަންނަނީ ސްޓާލިންކާއެކު ފަސް އަހަރުގެ މުއުއްދަތަށް ޖުމްލަ 1.5 ބިލިއަން ޔޫރޯގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް ކަމަށް ރޮއިޓަރސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

ނަމަވެސް ސަރުކާރާއި ސްޓާލިންކާ ދެމެދު ކުރިއަށްދާ މަޝްވަރާތަކާ ގުޅިގެން އިދިކޮޅު ޕާޓީތަކުގެ ސިޔާސީވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ގާތް އެކުވެރިއެއް ކަމަށްވާ ބޭރު ވިޔަފާރިވެރިއަކާ ގައުމީ ސަލާމަތާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަކީ ރަނގަޅު ކަމެއްތޯ އެފަރާތްތަކުން ސުވާލު އުފައްދާފައިވެއެވެ.