Advertisement

ރިޔާސީ ކެމްޕޭން: ހުވަދޫ ދަތުރަށް ފަހު ރައީސް ދެން ވަޑައިގަންނަވާނީ ނ. އަތޮޅަށް

11 އޮގަސްޓު 2023 - 19:06 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. ދާންދޫ ގައި : އެމަނިކުފާނު އިއްޔެ ވަނީ ހުވަދޫއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފަ، ރައީސް ދެން ވަޑައިގަންނަވާނީ ނ. އަތޮޅަށް - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


ރިޔާސީ ކެމްޕޭން: ހުވަދޫ ދަތުރަށް ފަހު ރައީސް ދެން ވަޑައިގަންނަވާނީ ނ. އަތޮޅަށް

11 އޮގަސްޓު 2023 - 19:06 0

މިހާރު ކުރިއަށްދާ ރިޔާސީ ކެމްޕެއިނުގައި އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަޑައިގަތީ ގއ. އަތޮޅުގެ ހަ ރަށަކަށެވެ. ރައީސް އިއްޔެގެ ދަތުރު ފެއްޓެވީ ގއ. ގެމަނަފުށީގައި ރޭކުރެއްވުމަށްފަހު އެވެ.

ސެޕްޓެމްބަރު 9، ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ ޖުމްލަ 26،244 މީހުން ތިބި ހުވަދު އަތޮޅަށް ރައީސް ކުރެއްވި މި ދަތުރުގައި ޖުމްލަ 17 ރަށަކަށް ވަޑައިގެންނެވި އެވެ. މި ދެ އަތޮޅުން މި ދަތުރުގައި ރައީސް ވަޑައިނުގަންނަވާނީ ގދ. ތިނަދޫއަށެވެ. ފަހުގެ ތާރީހެއްގައި ހާއްސަ ކެމްޕެއިން ދަތުރެއް އެ ރަށަށް ރޭވިފައިވާ ކަމަށް އެމްޑީޕީގެ ކެމްޕެއިން ޓީމުން ބުނެ އެވެ.

ރައީސްގެ އަރިހުގައި ރަނިން މޭޓު ހިތަދޫ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު މުހައްމަދު އަސްލަމްގެ އިތުރުން އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވި އެވެ.

2018 ގެ ރިޔާސީ އިންތިހާބުގެ ގއ. އަތޮޅު ނަތީޖާ


1. އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: 3،578 2. އިބްރާހިމް މުހައްމަދު ސޯލިހު: 4،634

މި އަހަރުގެ ރިޔާސީ އިންތިހާބަށް މަހަކަށްވެފައިވާއިރު، ބަދަލުވެފައިވާ ސިޔާސީ މަޝްރަހުގެ އަސަރު ހުވަދޫން ފެނެ އެވެ. ނަމަވެސް، މިހާތަނަށް ވަޑައިގެންނެވި މި ދެ އަތޮޅުގެ ރަށްތަކުން ވެސް ރައީސް ސޯލިހަށް ތާއީދު ބޮޑު ކަމަށް ފެނެ އެވެ. ރައީސް، އިއްޔެގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ވަޑައިގެންނެވީ ގދ. ވާދޫ އަށެވެ.

ގއ. ކޮނޑޭ

ރައީސް ކޮނޑޭއަށް ވަޑައިގެން އެ ރަށުގައި މި ސަރުކާރުން އަޅައިދިން ކައުންސިލް އިދާރާގެ އާ އިމާރާތާއި އާ އިންޖީނުގޭގެ އިތުރުން ފެނަކަ އޮފީސް ހުޅުއްވައިދެއްވި އެވެ. އިއްޔެގެ މޫސުން ގޯސްނަމަ ވެސް ކުޑަ އާބާދީއެއް ދިިރިއުޅޭ ކޮނޑޭއިން ރައީސަށް ހޫނު މަރުހަބާއެއް ދެންނެވި އެވެ.

ވައުދުތައް:

  • ބަނދަރު ބޮޑު ކުރުން
  • ހައުސިން ޔުނިޓު އެޅުން
  • ފުޓްބޯޅަ ދަނޑު އެޅުން

ކޮނޑޭގެ ވޯޓުލެވޭ އާބާދީއަކީ 410 އެވެ. އެ ރަށަށްފަހު ރައީސް ދެން ވަޑައިގެންނެވީ އެ އަތޮޅު ނިލަންދޫ އަށެވެ.

ގއ. ނިލަންދޫ

ރައީސް ނިލަންދޫއަށް ވަޑައިގެންނެވީ ވާރޭ ވެހެމުންދިޔަ ވަގުތެއްގަ އެވެ. އެ ރަށުގެ ބަނދަރު މަތީ ބާއްވަން ހަމަޖެއްސި ބައްދަލުވުންވެސް ކުރިއަށް ގެންދިއައީ އެ ސަރަހައްދުގައި ހުރި ހޮޅުއަށްޓެއްގަ އެވެ.

ވައުދުތައް:

  • ބޮޑެތި މަގުތައް ޒަމާނީ ފެންވަރަކަށް ހެދުން
  • ޔޫތު ސެންޓަރު އެޅުން
  • ގިރާ ސަރަހައްދު ހިމާޔަތް ކުރުން
  • ބަނދަރު ބޮޑުކޮށް ޒަމާނީ ފެންވަރަކަށް ތަރައްގީކުރުން

ނިލަންދޫގެ ވޯޓުލެވޭ އާބާދީއަކީ 669 އެވެ. އެ ރަށަށްފަހު ރައީސް ދެން ވަޑައިގަތީ އެ އަތޮޅު ދާންދޫ އަށެވެ.

ގއ. ދާންދޫ

ރައީސް ދާންދޫއަށް ވަޑައިގެންނެވީ އިއްޔެ މޫސުން އެންމެ ގޯސްވި ވަގުތު އެވެ. ނަމަވެސް ބޯ ވާރޭގައިވެސް އެ ރަށުގެ ރައްޔިތުން ވަނީ ރައީސަށް ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އެ ރަށަށް ވަޑައިގެން ރައީސް ވަނީ ދާންދޫގައި ގާއިމުކުރި ފެނުގެ ނިޒާމު އިފްތިތާހު ކޮށްދެއްވާފަ އެވެ.

ރައީސް ވަޑައިގަތުމުން ޕީޕީއެމްގެ ގޮނޑިއެއްގައި ދާންދޫ ކައުންސިލްގެ ރައީސް ކަމުގައި ހުންނެވި މުހައްމަދު އާސިފް ވަނީ ރައީސަށް މަރުހަބާ ދަންނަވަން ވަޑައިގެންފަ އެވެ.

ވައުދުތައް:

  • ހިއްކި ބިމުހައި ރޯހައުސް އެޅުން
  • 30 އެނދުގެ ހޮސްޕިޓަލެއް އެޅުން
  • ހުރިހާ ބޮޑެތި މަގުތަކެއް ޒަމާނީ ފެންވަރަށް ހަދައިދިނުން
  • ހުރިހާ ކުޅިވަރެއް ކުޅެވޭ އެތްލެޓިކްސް ސްޓޭޑިއަމެއް
  • ބޭންކުގެ ހިދުމަތް ދިނުން

މި އަހަރުގެ ރިޔާސީ އިންތިހާބުގައި ދާންދޫއިން 1،515 މީހުން ވޯޓުލާއިރު އެ ރަށަށްފަހު ރައީސް ދެން ވަޑައިގަންނެވީ އެ އަތޮޅު ކޮލަމާފުށްޓަށެވެ.

ގއ. ކޮލަމާފުށި

ކޮލަމާފުށްޓަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގައި މިސަރުކާރު އެޅި ވޮލީ ކޯޓާއި ފެނަކަ އޮފީސް ހުޅުއްވައިދެއްވާފަ އެވެ. އެ ރަށުގައި ރައީސް އަދި ކެމްޕޭން ޓީމުން މެންދުރުގެ ކެއުމަށް މަޑުކުރެއްވުމަށްފަހު ދަތުރު ކުރިއަށް ގެންދެވި އެވެ.

ވައުދުތައް:

  • އުދަ އަރާ ސަރަހައްދު ހިމާޔަތް ކުރުން
  • އައިސް ޕްލާންޓުގެ ކެޕޭސިޓީ ބޮޑުކޮށް ކޯލްޑު ސްޓޯރޭޖެއް ހެދުން
  • ހެލްތު ސެންޓަރު މިނި ހޮސްޕިޓަލަކަށް ބަދަލުކުރުން
  • ބިން ހިއްކުން

ކޮލަމާފުށީގެ ވޯޓުލެވޭ އާބާދީއަކީ 1،256 އެވެ. އެ ރަށަށްފަހު ރައީސް ދެން ވަޑައިގެންނެވީ އެ އަތޮޅު މާމެންދޫ އަށެވެ.

ގއ. މާމެންދޫ

މާމެންދޫއަށް ވަޑައިގެން ރައީސް ވަނީ އެ ރަށު ސްކޫލުގައި މި ސަރުކާރުން އަލަށް ގާއިމުކުރެވުނު ދެ ކްލާސްރޫމް ހުޅުއްވައިދެއްވާފަ އެވެ.

ވައުދުތައް:

  • ހައުސިން ޔުނިޓު އެޅުން
  • ސްކޫލަށް ބޭނުންވާ އަށް ކްލާސް ރޫމް އެޅުން
  • ސްކޫލަށް ބޭނުންވާ މަލްޓި ޕާޕޯސް ހޯލު އެޅުން
  • ގިރާ ސަރަހައްދު ހިމާޔަތްކުރުން
  • ކައުންސިލަށް ބޭނުންވާ އާ އިމާރާތް އެޅުން
  • ހެލްތު ސެންޓަރު ތަރައްގީކޮށް 24 ގަޑިއިރު ހިދުމަތް ދިނުން

މާމެންދޫ އިން ރިޔާސީ އިންތިހާބުގައި 1،104 މީހުން ވޯޓުލާއިރު އެ ރަށަށްފަހު ރައީސް ދެން ވަޑައިގެންނެވީ ހުވަދޫ ދަތުރުގެ ފަހު މަންޒިލް ކަމަށްވާ ގއ. ވިލިނގިއްޔަށެވެ.

ގއ. ވިލިނގިލި

ރައީސް ވިލިނގިއްޔަށް ވަޑައިގެންނެވި އިރު ރަށުގެ ސިޔާސީ މަސްރަހު އޮތީ ވަރަށް ބޮޑަށް ހޫނު ވެފަ އެވެ. އެއްކޮޅުން އެމްޑީޕީގެ ސަޕޯޓަރުން ރައީސަށް މަރުހަބާ ދެންނެވުމަށް ބޮޑު ސަފެއް ދަމާލާފައިވާއިރު އަނެއް ކޮޅުން އިދިކޮޅު ސަޕޯޓަރުން ދިޔައީ ކުރަމުންދިޔަ މުޒާހަރާ ހަމަނުޖެހުމަކަށް ބަދަލުކޮށް ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވަމުންނެވެ. އެ ހަމަނުޖެހުމުގެ ތެރެއިން ތިން މީހަކު ހައްޔަރުވެސް ކުރި އެވެ.

މިއަދު ވިލިނގިލީގައި އިދިކޮޅުން ކުރި މުޒާހަރާގެ ތެރެއިން - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު


އެ ރަށަށް ވަޑައިގެން އެ ރަށުގައި ސަރުކާރުން އެޅި ފުޓްބޯޅަ ދަނޑާއި ވޮލީ ކޯޓު ހުޅުއްވަދެއްވުމަށް ހަމަޖެހިފައި އޮތް ނަމަވެސް އެ ދެ ސަރަހައްދަށް އިދިކޮޅު ސަޕޯޓަރުން ގެއްލުން ދިނުމުގެ ސަބަބުން ދެ އިވެންޓުވެސް ކެންސަލް ކުރި އެވެ.

ރޭ ވިލިނގިލީގައި ބޭއްވި ޖަލްސާގައި ރައީސްގެ ރަނިން މޭޓު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ އިދިކޮޅުގެ އެ އަމަލުތަަކަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން ދޮގު ފެތުރުމާއި ނަފުރަތު އުފެއްދުމާއި ހަމަނުޖެހުން ހިންގުމަކީ ސިޔާސީ ހަރަކާތް ހިންގުން ނޫން ކަމަށް އަސްލަމް ވިދާޅުވި އެވެ.

ވައުދުތައް:

  • އިތުރު 100 ހައުސިން ޔުނިޓު އެޅުން
  • އިތުރަށް ބިން ހިއްކުން
  • ދޮރަގައްދަ ފަރު ޕިކްނިކް އައިލެންޑަކަށް ހެދުން

އޭގެއިތުރުން، ރޭގެ ޖަލްސާގައި ވާހަކަދައްކަވުން އެމްޑީއޭގެ ނައިބު ނައިބު ލީޑަރު އަލީ މައުރޫފު ވަނީ، ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ އުއްމީދަށް ފެނަށް ދިޔުމުން، އެހެން ލީޑަރަކަށް ފުރުސަތު ނުދެއްވައި ޕީޕީއެމް އެ ވަނީ ޕެރަލައިޒްކޮށްލާފައި ކަމަށް ވިދާޅުވެފަ އެވެ.

ރޭގެ ޖަލްސާއަށްފަހު ރައީސް މާލެ ވަޑައިގެންނެވީ މެންދަމު 3:00 ހާއިރު އެވެ. އެއާއެކު ރައީސް ވަނީ ނިމިދިޔަ ހަފުތާގެ ތެރޭގައި ދ. އަތޮޅުގެ ހުރިހާ ރަށެއް، ގއ. އަތޮޅުގެ ހުރިހާ ރަށެއް އަދި ތިނަދޫ ފިޔަވާ ގދ. އަތޮޅުގެ ހުރިހާ ރަށަކަށް ވަޑައިގެންފަ އެވެ.

ރިޔާސީ ކެމްޕޭނުގައި ރައީސް ދެން ވަޑައިގަންނަވާނީ ނ. އަތޮޅަށެވެ. އެމަނިކުފާނު މާދަމާ ހެނދުނުގެ ވަގުތެއްގައި އެ އަތޮޅަށް ފުރާވަޑައިގަންނަވާނެ އެވެ.