Advertisement

އިންޓަނެޓުގެ އަގު ހެޔޮ ކުރަން ސަރުކާރުން އެޅި ސަބްމެރިން ކޭބަލް އެއްގަންކޮށްފި

11 އޮގަސްޓު 2023 - 17:43 0

އަމަން ހަލީމް

އަމަން ހަލީމް

މިއަދު ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިން ކޭބަލް އެއްގަންކޮށްފައިވާ ސަރަހައްދުގައި. މި ކޭބަލް ގުޅާލާނީ އޯޝަން ކަނެކްޓްގެ ލޭންޑިން ސައިޓާ --- ފޮޓޯ: ރައީސް އޮފީސް


އިންޓަނެޓުގެ އަގު ހެޔޮ ކުރަން ސަރުކާރުން އެޅި ސަބްމެރިން ކޭބަލް އެއްގަންކޮށްފި

11 އޮގަސްޓު 2023 - 17:43 0

އިންޓަނެޓު އަގު ހެޔޮ ކުރުމުގެ މަސައްކަތުގެ ދަށުން ސަރުކާރުން އިންވެސްޓުކޮށްގެން ގެނައި "އިންޑިއާ އޭޝިއާ އެކްސްޕްރެސް" (އައިއޭއެކްސް) ސަބްމެރިން ކޭބަލް ހުޅުމާލެއަށް އެއްގަންކޮށް، ކޭބަލް ލޭންޑިން ސައިޓާ ގުޅާލައިފި އެވެ.

އައިއޭއެކްސްއަކީ އިންޑިއާގެ ޖިއޯ ޓެލެކޮމް ކުންފުނިން ފްރާންސުގެ މާސޭ އާއި ސިންގަޕޫރާ ދެމެދު އަޅާ އެންމެ ޒަމާނީ ގިންތީގެ ސަބްމެރީން ކޭބަލް ވިއުގައެކެވެ.

އޯސީއެމް-އައިއޭއެކްސް ކޭބަލްގެ ނަމުން ނަން ދެވިފައިވާ ކޭބަލް ރާއްޖެއާ ގުޅާލުމުގެ މަސައްކަތް ކުރީ 100 ޕަސެންޓު ސަރުކާރު ހިއްސާވާ އޯޝަން ކަނެކްޓް މޯލްޑިވްސް (އޯސީއެމް) އާއި އިންޑިއާގެ ޓެލެކޮމް ކުންފުނި ޖިއޯ ޓެލެކޮމް ގުޅިގެންނެވެ. ހުޅުމާލޭގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކޭބަލް ގުޅާލުމުގެ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

ސަރުކާރުގެ ޑިޖިޓަލް ރާއްޖޭގެ ސިޔާސަތުގެ ދަށުން ދައުލަތުން އިންވެސްޓުކޮށްގެން އެޅި މި ކޭބަލްއަކީ އިންޓަނެޓުގެ އަގު ހެޔޮ ކުރުމާއި ސްޕީޑު ހަލުވި ކުރުމާ އެކު، ޑޭޓާ އެކްސްޕޯޓު ފަދަ ވިޔަފާރިތަކަށް ހުޅުވާލުމުގެ މަގުސަދުގައި އެޅި ކޭބަލްއެކެވެ. ސަރުކާރުން ބުނަނީ މި ކޭބަލްގެ ސަބަބުން މުސްތަގުބަލުގައި ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށެވެ.

ކޭބަލް އެއްގަންކުރުމުގައި ރައީސް އަދި ކެބިނެޓުގެ ވަޒީރުން ހަރަކާތްތެރިވަނީ. މި ކޭބަލް ރާއްޖެއާ ގުޅާލުމުގެ މަސައްކަތްކުރީ ސައްތައިން ސައްތަ ސަރުކާރުގެ ކުންފުންޏަކުން ---- ފޮޓޯ: ރައީސް އޮފީސް


އެގޮތުން, ކޭބަލް ގުޅާލުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ސޯލިހު ވަނީ މި ކޭބަލާ އެކީ އިގުތިސޯދު ބަދަލުކޮށް، ހާއްސަކޮށް ޓެކްނޮލޮޖީގެ ސިނާއަތް ކުރިއަރައިދާން، ވަރަށް ބޮޑަށް ފަހިވެގެން ދާނެ ކަމަށް ވިދާޅުވެފަ އެވެ.

ސަރުކާރުން މިކަމަށް އިންވެސްޓުކުރަން ޖެހުނު ސަބަބު ސާފުކޮށްދެއްވަމުން އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ، މިކަން ފާހަގަކުރެވުނީ އިންޓަނެޓުގެ އަގު ހެޔޮ ކުރަން ދިރާސާ ކުރިއިރުގައި ކަމަށެވެ.

"ފާހަގަކުރެވުނީ [އިންޓަނެޓް] އިންފްރާސްޓްރަކްޗާގެ މިނިވަންކަން ސަރުކާރަށް އޮންނަން ޖެހޭ. މުސްތަގުބަލުގައި އިންޓަނެޓަކީ އަޅުގަނޑުމެންގެ ސެކިއުރިޓީ އާއި އިގުތިސޯދާ ވަރަށް ބޮޑަށް ގުޅިފައި ހުރި ކަންކަން" އޭނާ ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވާހަކަ ދައްކަވަނީ. މިއީ ސަރުކާރުން މުސްތަގުބަލަށް ކުރި އިންވެސްޓްމެންޓެއްގެ ގޮތުގައި ސިފަ ކުރެއްވި --- ފޮޓޯ: ރައީސް އޮފީސް


އެ ދިރާސާއިން ފާހަގަކުރެވުނު އަނެއް ކަމަކީ އިންޓަނެޓު ގަންނަން ރާއްޖޭގެ އިންޓަނެޓް ސާވިސް ޕްރޮވައިޑަރުން ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމެވެ. ފައްޔާޒު ވިދާޅުވީ އައު ކޭބަލާ އެކީ ދިރާގާއި އުރީދު ފަދަ ތަންތަނުން ބޭރުގެ ސާވިސް ޕްރޮވައިޑަރުން އިންޓަނެޓު ގަންނަން ކުރާ ހޭދަ 50 ޕަސެންޓު ހެޔޮ ކުރެވޭނެ ކަމަށެވެ.

އޭގެ އިތުރުން އައިއޭއެކްސް ސަބްމެރިން ކޭބަލް ގުޅާލުމުން:

• ގިގަބައިޓް ސްޕީޑްގައި ރާއްޖޭގެ އިދާރާތައް ގުޅާލެވޭނެ

• އިދާރާތައް ގުޅާލުމަށް ހިނގާ ޚަރަދު ބޮޑުތަކުން ކުޑަ ކުރެވޭ

• ރާއްޖޭގައި ވިލުންތެރި މުވާސަލާތީ ވިއުގައެއް ޤާއިމުކުރެވޭ

• ގަވަމެންޓް ނެކްވަރކް އޮފް މޯލްޑިވްސް މެދުވެރިކޮށް އިންޓަރނެޓް ފޯރު ކޮށްދިނުމުގެ މަގު ފަހިވާނެ

ފްރާންސުގެ މާސޭ އާއި ސިންގަޕޫރާ ދެމެދު އަޅާ އައިއޭކްސް ކޭބަލް ރާއްޖެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގަ އެވެ. ދިގުމިނުގައި 19،200 ކިލޯމީޓަރުގެ މި ކޭބަލް ވިއުގަ ގުޅާލާ ގައުމުތަކުގެ ތެރޭގައި ރާއްޖޭގެ އިތުރުން ހިމެނެނީ މެލޭޝިއާ، ބަންގްލަދޭޝް، ސްރީ ލަންކާ، އިންޑިއާ، ޕާކިސްތާނު، ސައުދީ އަރަބިއާ އަދި މިސްރެވެ.