Advertisement

ދާންދޫން ފެނިގެން ދިޔައީ ހިތްފަސޭހަ މަންޒަރެއް، އެއީ އެހެން ކައުންސިލަރުންނަށް ނަމޫނާއެއް: އިމްރާން

11 އޮގަސްޓު 2023 - 07:32 1

އިއްޔެ ދާންދޫއަށް ބޯކޮށް ވެހެމުން ދިޔަ ވާރޭތެރޭގައި ރައީސް ސޯލިހު ރައްޔިތުންނާއެކު ބޭއްވި ޖަލްސާ ކުރިއަށް ދިޔައިރު، ޕީޕީއެމްއަށް ނިސްބަތްވާ އެ ރަށުގެ ކައުންސިލްގެ ރައީސް އާސިފު ކުރީ ސަފުގައި. އާސިމް ދެއްކެވީ އެހެން ކައުންސިލަރުންނަށް ނަމޫނާއެއް ކަމަށް މިނިސްޓަރު އިމްރާން ވިދާޅުވި. -- ފޮޓޯ: އެމްޑީޕީ


ދާންދޫން ފެނިގެން ދިޔައީ ހިތްފަސޭހަ މަންޒަރެއް، އެއީ އެހެން ކައުންސިލަރުންނަށް ނަމޫނާއެއް: އިމްރާން

11 އޮގަސްޓު 2023 - 07:32 1

ވެރިކަމުގެ ދެ ވަނަ ދައުރެއް ހޯއްދަވަން ކެމްޕޭން ކުރައްވަމުން ގެންދަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެކޮޅަށް ބައެއް ރަށްރަށުން މުޒާހަރާކުރި ނަމަވެސް، ގއ. ދާންދޫން ފެނިގެން ދިޔައީ ހިތްފަސޭހަ މަންޒަރެއް ކަމަށާއި، އެ ރަށުގެ ކައުންސިލްގެ ރައީސް މުހައްމަދު އާސިފުގެ ނަމޫނާ އެހެން ހުރިހާ ކައުންސިލަރުން ލިބިގަންނަންޖެހޭ ކަމަށް، އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ތާއިދު ހޯއްދަވަން ރައީސް ސޯލިހާއި ކޯލިޝަން ހުވަދު އަތޮޅަށް ކުރެއްވި ދަތުރުގެ ފަހު މަންޒިލު، ގއ. ވިލިނގިލީގައި ރޭ ބޭއްވި ޖަލްސާގައި އިމްރާން ވިދާޅުވީ ދާންދޫ އަށް ވަޑައިގެންނެވުނީ ބޯކޮށް ވާރޭ ވެހެމުން ދިޔަ ވަގުތެއްގައި ކަމަށާއި ނަމަވެސް، ރައީސަށް މަރުހަބާ ދެންނެވުމަށް ރައްޔިތުންނާއެކު އެންމެ ކުރީގައި ހުންނެވީ ޕީޕީއެމްއަށް ނިސްބަތްވާ ކައުންސިލްގެ ރައީސް އާސިފު ކަމަށެވެ. އަދި އެ ރަށުން ރައީސްއާ ދެކޮޅަށް އަޑު އުފުލާފައި ނެތް ކަމަށް ވެސް ފާހަގަ ކުރެއްވެވި އެވެ.

"ދާންދޫ ކައުންސިލްގެ ރައީސް މުހައްމަދު އާސިފް ނުކުންނަނަވާ، ރައްޔިތުންނާއެކު ވާރޭން ތެމިގެން އެންމެ ކުރީގައި ހުންނަވާ ރައީސް އަށް މަރުހަބާ ކިޔުއްވި. މި ރަށްރަށުން ފެންނަ އެއްވެސް ހަރަކާތެއް އެއްވެސް މަންޒަރެއް ދާންދޫ ތެރެއިން ނުފެންނަ ގޮތަށް މުޅި ރަށުގެ އިންތިޒާމުތައް ހަމަޖެއްސެވި،" އިމްރާން ވިދާޅުވި އެވެ.

އެފަދަ "ހިތްފަސޭހަ މަންޒަރެއް" ފެނިގެން ދިޔުމުން، އާސިފް އެމްޑީޕީއާ ގުޅިވަޑައިގަތުމުގެ ޝައުގުވެރިކަން ހުރީތޯ ސުވާލު ކުރެއްވި ކަމަށާއި ނަމަވެސް އާސިފު ވިދާޅުވީ ރައީސް އަށް މަރުހަބާ ކިޔަން ނުކުތީ ފަހަރެއްގައި ވެސް އެމްޑީޕީއާ ގުޅުމުގެ ޝައުގެއްގައި ނޫން ކަމަށެވެ.

ދާންދޫގައި ބޭއްވި ޖަލްސާގައި އާސިފް ރައީސްގެ އަރިހުގައި. -- ފޮޓޯ: އެމްޑީޕީ


ދާންދޫ ކައުންސިލްގެ ރައީސް އާސިފަކީ ޕީޕީއެމްއަށް މަރުދޭ، އަދި ރައީސް ޔާމީންގެ ސަޕޯޓަރެކެވެ. ޕީޕީއެމްގެ ބޮޑެތި މުޒާހަރާތަކުގައި ބައިވެރިވުމަށް މާލެ ވަޑައިގަންނަވަ އެވެ.

"އާދެ މުހައްމަދު އާސިފަކީ ކައުންސިލަރުންނަށް ނަމޫނާއެއް. ހުރިހާ ކައުންސިލަރުން މި ނަމޫނާގައި ހިތްޕަވާ،" އިމްރާން ވިދާޅުވި އެވެ.

"ސިޔާސީ މަސައްކަތް ކުރެއްވޭނީ މިގޮތަށް ހަން ބޯވެގެން، ވިސްނުން ހުރެގެން. ރައީސަކަށް މަރުހަބާ ކިޔާނުލެވުނީމާ ކީއްކުރާ ކައުންސިލެއްތޯ."

ގައުމުގެ ވެރިކަމުގައި ކޮންމެ ބޭފުޅަކު ހުންނެވި ނަމަވެސް، އަދި އެ ރައީސަކާ ސިޔާސީ ފިކުރު އެއްގޮތް ނުވި ނަމަވެސް، ކައުންސިލްތަކުން ރައީސްއަށް މަރުހަބާ ކިޔަން ނުކުތުމަކީ މުހިންމު ކަމެއް ކަމަށް އިމްރާން ފާހަގަ ކުރެއްވެވި އެވެ.

"ތަކުރާރުކޮށް ރައީސް އެބަ ވިދާޅުވޭ ސިޔާސީ ފިކުރު ތަފާތުވުމަކީ މިރާއްޖޭގެ ތަރައްގީ އަށް ހުރަސް އެޅޭ ކަމަކަށް ތިމަންމަނިކުފާނު ނުހައްދަވާނެމޭ. އެ ރައީސަށް މަރުހަބާ ނިޔާ ކައުންސިކަށް ގައުމު ތަރައްގީއެއް، ރަށް ތަރައްގީއެއް ނުކުރެވޭނެ،" އިމްރާން ވިދާޅުވި އެވެ.

ވިލިނގިލީގައި ރޭ ބޭއްވި ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން ވާހަކަ ދައްކަވަނީ. -- އަބްދުﷲ އިޔާން/ އަދަދު


ހުތުރު ހަރަކާތަށް ފުރުސަތެއް ނުދޭނެ

ގއ. ވިލިނގިއްޔަށް ރައީސް ވަޑައިގެންނެވި ވަގުތު ހޫނު މަރުހަބާއެއް ކިޔުމަށް ގިނަ އަދަދެއްގެ ރައްޔިތުންން ނުކުމެ ތިބި ނަމަވެސް، ޕީޕީއެމްގެ ސަޕޯޓަރުން ނުކުމެ އަޑުއުފުލައި މުޒާހަރާ ވެސް ކުރި އެވެ. އޭގެ ތެރެއިން ބައެއް މީހުން ފުލުހުންނާ ދިމާއަށް ވެއްޔާ ގާ އުކި އެވެ. އެހެންވެ އެ ރަށުން ދެ މީހަކު އިއްޔެ ހަވީރު ހައްޔަރު ކުރި ކަމަށް ފުލުހުން ބުނެ އެވެ.

ހުތުރު ހަރަކާތް ހިންގައިގެން ރައީސް ސޯލިހުގެ ކެމްޕޭން ނުހުއްޓުވޭނެ ކަމަށާއި ރައީސް ވަޑައިގަންނަވާ ވަގުތު ވެލި އުކާކަށް، ގާ އުކާކަށް ފުރުސަތެއް ނުދޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"ދޭކަށް ނުވެސް ޖެހޭ. ދުރަށް ޖައްސާލީމަކާ އެއީ އަޅުގަނޑުމެން ހަރުކަށި ވަނީއަކީ ނޫން. އެއީ ދައުލަތެއްގެ ހަމަ ހިފަހައްޓަނީ. ދައުލަތުގެ ނިޒާމު ހިފަހައްޓަނީ،" އޭނާ ވިދާޅުވި އެވެ.

ރައީސް ސޯލިހާ ދެކޮޅަށް އަޑުއުފުލަން ގއ. ވިލިނގިލިން ނުކުތް މީހުން ދުރަށް ޖައްސަނީ. އެ ރަށުން ފުލުހުންނާ ދިމާއަށް ވެއްޔާ ގާ އުކި ކަމަށް ބުނޭ. އެހެންވެ، ދެ މީހަކު ހައްޔަރުކުރި. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ސަރުކާރުގެ ފަރާތުން އެހެން ކެންޑިޑޭޓުންގެ ކެމްޕޭނަށް ހުރަސް ނާޅާނެ ކަމަށާއި ވާދަވެރިންނަށް ކެމްޕޭނުކުރުމުގެ ފުރުސަތު ދޭނެ ކަމަށް އިމްރާން ވިދާޅުވި އެވެ.

"ހަގީގީ ކޮމާންޑަރަކީ އެންމެ ތީރެއް ޖަހާނުލާ އިދިކޮޅު ލަޝްކަރު ބަލިކުރާ ކޮމާންޑަރުން. އަޅުގަނޑުމެންގެ މި ރައީސް ފަ އަހަރުގެ ދައުރު ނިންމާލީ އެންމެ ސިޔާސީ ލީޑަރަކު ޖަލަށް ނުލާ،" އިމްނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ވެރިކަމުގައި 2004 އޯގަސްޓު 12-13 ގެ ހާދިސާއާ ގުޅިގެން ހުރިހާ ލީޑަރުން ޖަލަށްލި ކަމަށާއި ކުރީގެ ރައީސް މުހަައްމަދު ނަޝީދުގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ލީޑަރުން ކަމަށްވާ އަބްދުﷲ ޔާމީން އަދި ގާސިމް ޖަލަށްލި ކަމަށާއި، މައުމޫން ޖަލަށް ލުމަށް މަސައްކަތް ކުރި ކަމަށް އިމްރާން ވިދާޅުވި އެވެ. އެންމެ ފަހުން ނިމިގެން ދިޔަ ޔާމީންގެ ވެރިކަމުގައި ލީޑަރުން ތިބީ ޖަލުގައި ކަމަށާއި ޔާމީން ބަލިކުރީ ދެ ވަނަ ސަފު ނުކުމެ ކަމަށް، ޔާމީން އިންތިހާބުން ބަލިވަންދެން ޖަލުގައި ހުންނެވި އިމްރާން ވިދާޅުވި އެވެ.