Advertisement

ރެކޯޑު 10 ވަނަ ފަހަރަށް ޑޭވިޑް ހަބާޑް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި

10 އޮގަސްޓު 2023 - 23:44 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ޑްރޮޕް ނީ ބައިގެ ދުނިޔޭގެ ޗެމްޕިއަންކަން 10 ވަނަ ފަހަރަށް ހޯދުމަށްފަހު ޑޭވިޑް ހަބާޑް އުފާފާޅުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


ރެކޯޑު 10 ވަނަ ފަހަރަށް ޑޭވިޑް ހަބާޑް ދުނިޔޭގެ ޗެމްޕިއަންކަން ހޯދައިފި

10 އޮގަސްޓު 2023 - 23:44 0

އައިބީސީ ވޯލްޑް ޓުއާގެ ހުރިހާ މުބާރާތެއް ނުނިމެނީސް ޑްރޮޕް-ނީ ބައިގެ ދުނިޔޭގެ ޗެމްޕިއަންކަން ހަވާއީގެ ޑޭވިޑް ހަބާޑް ކަށަވަރުކޮށްފި އެވެ.

ރެކޯޑު އަދަދެއް ކަމަށްވާ ނުވަ ފަހަރު ޑްރޮޕް-ނީ ބައިގެ ޗެމްޕިއަންކަން ހޯދާފައިވާ ހަބާޑް އޭނާގެ ރެކޯޑަށް އިތުރު ބޮޅެއް އިތުރުކުރީ މާލޭގައި މިއަދު ނިމުނު ވިޒިޓް މޯލްޑިވްސް ޕްރޯގެ ޑްރޮޕް-ނީ ޑިވިޝަން ކާމިޔާބު ކޮށްގެންނެވެ. ފައިނަލް ހީޓު ކާމިޔާބުކޮށް ހަބާޑް ޗެމްޕިއަންކަން ހޯދުމާ އެކު މި ޑިވިޝަންގެ މި އަހަރުގެ ޗެމްޕިއަންކަން އޭނާ އަށް ކަށަވަރުވި އެވެ.

މިއަދު ހަވީރު އޮތް ވިޒިޓް މޯލްޑިވްސް ޕްރޯގެ އިނާމްދިނުމުގެ ރަސްމިއްޔާތުގައި އޭނާ އަށް "ވޯލްޑް ޓައިޓްލް" ހަވާލުކޮށްފަ އެވެ. ޑޭވިޑް އަށް ދުނިޔޭގެ ޗެމްޕިއަން ޓްރޮފީ ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރި މެހުމާން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން، ފަޒްނާ އަހުމަދު އެވެ.

އައިބީސީ ވޯލްޑް ޓުއާގެ އެންމެ ފޯރިގަދަ އެއް މުބާރާތް ކަމަށްވާ ވިޒިޓް މޯލްޑިވްސް ޕްރޯ 2023ގެ ޑްރޮޕް-ނީ ބައިގެ ޗެމްޕިއަންކަން ޑޭވިޑް ހޯދީ ފައިނަލުގައި ހަވާއީގެ ސެމީ މޮރެޓީނޯ ފައިނަލުގައި ބަލިކޮށްގެންނެވެ. ފައިނަލް ހީޓު ޑޭވިޑް ކާމިޔާބުކުރީ 16.00ގެ ސްކޯ އަކުންނެވެ. ސެމީ އަށް ލިބުނީ 13.70ގެ ސްކޯ އެކެވެ.

މިދިޔަ އަހަރުގެ ވެސް މޯލްޑިވްސް ޕްރޯގެ ޗެމްޕިއަންކަން ހޯދީ ޑޭވިޑް ވަނީ ސެމީ ފައިނަލުގައި ފްރާންސްގެ ފަބިއަން ތަޒާ ބަލިކޮށްފަ އެވެ. ސެމީ މޮރެޓީނޯ ވަނީ މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކުރި އަމައުރީ ލެވާންގެ މަައްޗަށް ސެމީ ފައިނަލުގައި ކުރި ހޯދައިފަ އެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ 2023ގެ ހަތަރު ކެޓަގަރީގެ ޗެމްޕިއަނުން އުފާފާޅުކުރަނީ - ފޮޓޯ: މުހައްމަދު ޝާބިން/އަދަދު


މުބާރާތުގެ އެންމެ ފޯރިގަދަ ބައިކަމަށްވާ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ފްރާންސްގެ ޕިއޭ ލުއިސް ކޮސްޓޭސް (ޕީއެލްސީ) އެވެ. މިއަހަރުގެ މުބާރާތުގެ ރާއްޖޭގެ ސަޕޯޓަރުންގެ އެންމެ ފޭވަރިޓް ބޮޑީބޯޑަރުގެ ގޮތުގައި ފާހަގަވި ޕީއެލްސީ ފައިނަލް ހީޓު ކާމިޔާބުކުރީ ހަވާއީގެ ޓޭނާ މެކްޑެނިއެލްއާ ވާދަކޮށް ކުރި ހޯދައިގެންނެވެ. ފައިނަލުގައި ޕީއެލްސީ 13.60 ގެ ސްކޯއެއް ހޯދިއިރު، ދުނިޔޭގެ ރޭންކިންގެ ކުރީގައި އުޅޭ ޓެނާ އަށް ލިބުނީ 11.65 ގެ ސްކޯ އެކެވެ.

މި އިވެންޓުގެ ސެމީ ފައިނަލުގައި ޕީއެލްސީ ވަނީ ފްރާންސްގެ އީތަން ކެޕްޑެވީ ބަލިކޮށްފަ އެވެ. ޓެނާ ވަނީ މުބާރާތުގެ ޖޫނިއާ ބައިގެ ޗެމްޕިއަންކަން ހޯދީ ސްޕެއިންގެ ޚޯރްހޭ ހެނާންޑޭޒް ބަލިކޮށްފަ އެވެ.

ޖަޕާންގެ ސަރީ އޮހާރާ ބަލިކޮށް އަންހެން ބައިގެ ޗެމްޕިއަންކަން ހޯދީ ކެނެރީ އައިލެންޑްސްގެ ޓެރީސާ މިރާންޑާ އެވެ. މިއަހަރުގެ މުބާރާތުގެ އެންމެ ވާދަވެރި ފައިނަލުގެ ގޮތުގައި ފާހަގަވި އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ޓެރީސާ ހޯދީ ފައިނަލް ހީޓު 0.25ގެ ތަފާތަކުން ކާމިޔާބުކޮށްގެންނެވެ. ފައިނަލުގައި ޓެރީސާ 13.50ގެ ސްކޯއެއް ހޯދިއިރު، ސަރީ އޮހާރާ އަށް ލިބުނީ 13.25ގެ ސްކޯއެކެވެ.

ސެމީ ފައިނަލުގައި ޓެރޭސާ ވަނީ ސައުތު އެފްރިކާގެ ޕަމޭލާ ބޯރެން ބަލިކޮށްފަ އެވެ. ސަރީ އޮހާރާ ސެމީ ފައިނަލުގައި މޮޅުވީ ބްރެޒިލްގެ މައިރާ ވިއާނާ އަތުންނެވެ.

ޖޫނިއާ ބަޔަށް ބަލާއިރު ސްޕެއިންގެ ހޯރްހޭ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ބްރެޒިލްގެ ގުއިލާމޭ މޮންޓެނީގްރޯ ބަލިކޮށްގެންނެވެ. ފައިނަލުގައި ހޯރްހޭއަށް 13.75ގެ ސްކޯއެއް ހޯދިއިރު، ބްރެޒިލްގެ ޒުވާން ތަރި ގުއިލާމޭ އަށް ލިބުނީ 11.50ގެ ސްކޯއެކެވެ.

މި ޑިވިޝަންގެ ސެމީ ފައިނަލުގައި ހޯރްހޭ ވަނީ ރާއްޖޭގެ އާމިން އުމަރު މޫސާ ބަލިކޮށްފަ އެވެ. އަނެއް ސެމީ ފައިނަލުން ބަލިވެ ތިން ވަނަ ލިބުނީ ސައުތު އެފްރިކާގެ ހޫގޯ ނައުޑޭ އަށެވެ.

މިއަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯގައި ދުނިޔޭގެ 16 ގައުމަކުން 80 އަށްވުރެ ގިނަ ބައިވެރިން ވާދަކުރި އެވެ. މިއީ އައިބީސީ ވޯލްޑް ޓުއާގައި ހިމެނޭ މުބާރާތެއް ރާއްޖޭގައި ބޭއްވި ދެވަނަ ފަހަރެވެ.