ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. ދާންދޫގައި : މޫސުން ގޯސްވިޔަސް ރައީސްގެ ހުވަދޫ ކެމްޕޭން ދަތުރު ކުރިއަށް ގެންދަނީ - ފޮޓޯ: އަބްދުﷲ އިޔާން / އަދަދު
ހުވަދޫ އަތޮޅަށް މިއަދު މޫސުން ގޯސްވި ނަމަވެސް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގއ. އަށް މިވަގުތު ކުރިއަށް ގެންދަވާ ކެމްޕޭން ދަތުރު ހުއްޓާނުލައްވާ ކުރިއަށް ގެންދަވަމުން އެބަދެ އެވެ.
ރައީސް މިހާރު ހުންނެވީ ގއ. ދާންދޫގަ އެވެ. އެމަނިކުފާނު އެ ރަށަށް ވަޑައިގަތީ ވެސް ބޯ ކެރީގެ ތެރޭގަ އެވެ. އެ ރަށުން އެމަނިކުފާނަށް މަރުހަބާ ކިޔަން ދިޔަ މީހުންނާ ސަލާމްކުރެއްވުމަށްފަހު ރައީސް ވަނީ ބަނދަރުގައި ބޭއްވި ބައްދަލުވުމެއްގައި ރަށުގެ ރައްޔިތުންނާ މުހާތަބު ކުރައްވައިފަ އެވެ.
ރައީސް ދެން ވަޑައިގަންނަވާނީ ގއ. ކޮލަމާފުށްޓަށެވެ. އެއަށްފަހުވެސް މި އަތޮޅުގެ ދެ ރަށަކަށް ރައީސް ވަޑައިގަންނަވާނެ އެވެ. މިހާރު އޮތް ތާވަލުގައި ވާގޮތުން ރައީސްގެ މި ދަތުރުފުޅު މިރޭ ނިންމަވާލައްވާނީ އެ އަތޮޅު ވިލިނގިލީގައި ބާއްވާ ޖަލްސާއަކަށްފަހު އެވެ.
ރައީސް ވާހަކަ ދައްކަވަނީ:
ރިޔާސީ ކެމްޕެއިނުގައި ރައީސް ކުރައްވާ މި ދަތުރުފުޅުގައި، ރަނިން މޭޓު ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމާއި އެމްޑީޕީއާ ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންގެ އިތުރުން ވަޒީރުންނާއި މަޖިލިސް މެމްބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެ އެވެ.
މިއަދުގެ ދަތުރާއެކު މިދިޔަ ހަތަރު ދުވަހުގެ ތެރޭ ރައީސް ކެމްޕޭނުގައި 25 ރަށަކަށް ޒިޔާރަތް ކުރެއްވުނީ އެވެ. އޭގެ ތެރޭގައި މ. އަތޮޅުގެ ހުރިހާ ރަށަކާއި، ގއ. އަތޮޅުގެ ހުރިހާ ރަށެއްގެ އިތުރުން ތިނަދޫ ފިޔަވާ ގދ. އަތޮޅުގެ ހުރިހާ ރަށެއް ހިމެނެ އެވެ.
މި ދަތުރަށްފަހު ރިޔާސީ ކެމްޕެއިނުގައި ރައީސް ދެން ވަޑައިގަންނަވާނީ ނ. އަތޮޅަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment