9 އޮގަސްޓު 2023 - 22:52 3
އަޒްލިފާ އަބްދުﷲ
ފަނޑިޔާރު ސުއޫދު ލިޔުއްވި "މޯލްޑިވިއަން ކޮންޓްރެކްޓް ލޯ" ފޮތް، ވިލާ ކޮލެޖުގެ ރެކްޓަ ޑރ. އަހުމަދު އަންވަރު މިރޭ ނެރެދެއްވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު
9 އޮގަސްޓު 2023 - 22:52 3
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިނގިރޭސި ބަހުން ލިޔުއްވި "މޯލްޑިވިއަން ކޮންޓްރެކްޓް ލޯ" ފޮތް މިރޭ ނެރުއްވައިފި އެވެ.
ގާނޫނީ ދާއިރާގެ ކަންކަން ދިރާސާކޮށް ފޮތް ނެރޭ މޯލްޑިވްސް ލޯ އިންސްޓިޓިއުޓުން ތައްޔާރުކުރި ފަނޑިޔާރު ސުއޫދުގެ މި ފޮތް ނެރެއްދެވީ ބިލަބޮން ހައި އިންޓަނޭޝަނަލް ސްކޫލުގައި ބޭއްވި ހަފުލާއެއްގައި، ވިލާ ކޮލެޖުގެ ރެކްޓަ ޑރ. އަހުމަދު އަންވަރެވެ.
މިއީ ރާއްޖޭގެ ކޮންޓްރެކްޓް ލޯގެ މައްޗަށް އިނގިރޭސި ބަހުން ނެރުނު ފުރަތަމަ ފޮތެވެ. ފޮތުގައި ރާއްޖޭގެ ގާނޫނީ ނިޒާމުގައި ކޮންޓްރެކްޓް އުފެދޭ ގޮތާއި، ކޮންޓްރެކްޓާ ބެހޭ އެންމެހައި އުސޫލުތަކެއްގެ ތަފުސީލުގެ އިތުރުން، އިސްލާމީ ޝަރީއަތާއި، ރާއްޖޭގެ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުގެ އަލީގައި ކޮންޓްރެކްޓާބެހޭ ގާނޫނުގެ ހުރިހާ މައުލޫ ތަކަކަށް އަލިއަޅުވާލާފައިވެ އެވެ.
ފޮތް ނެރުމުގެ ހަފުލާގައި ފަނޑިޔާރު ސުއޫދު ވާހަކަ ދައްކަވަނީ. -- ފޮޓޯ: މިރާޝް ނާޝިމް/ އަދަދު
މިއީ ޝަރީއަތާއި ގާނޫނު ކިޔަވާ ކުދިންނާއި ވަކީލުންނާއި، ފަނޑިޔާރުންގެ އިތުރުން ރާއްޖޭގެ ކޮންޓްރެކްޓާ ބެހޭ ގާނޫނު ދެނެގަތުމަށް ބޭނުންވާ ކޮންމެ މީހަކަށްވެސް ބޭނުން ހިފޭނޭ މުހިންމު ފޮތެކެވެ.
ފޮތް ނެރުމަށް ބޭއްވި ހަފުލާގައި އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން، ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު، ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމުގެ އިތުރުން މަޖިލީހުގެ މެމްބަރުންނާއި ގާނޫނީ ދާއިރާގެ ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.
މީގެ ކުރިން ފަނޑިޔާރު ސުއޫދު އިނގިރޭސި ބަހުން ޝާއިއު ކުރެއްވީ "މޯލްޑިވިއަން ލީގަލް ސިސްޓަމް" ގެ ނަމުގައި ރާއްޖޭގެ ގާނޫނީ ނިޒާމާ ބެހޭ ފޮތެކެވެ. "ކޮންޓްރެކްޓާ ބެހޭ ގާނޫނު ދެނެ ގަތުން" ގެ ނަމުގައި ދިވެހި ބަހުން ވެސް ފޮތެއް ޝާއިއު ކުރައްވާފައިވެ އެވެ. އަދި މަދަނީ އިޖުރާއަތާ ގުޅޭ ފޮތެއް ނިމިގެން ދިޔަ އަހަރު ނެރުއްވި އެވެ.
މި ފަހަރު މި ނެރުނު "މޯލްޑިވިއަން ކޮންޓްރެކްޓް ލޯ" ފޮތުގެ އަގަކީ 1،000ރ. އެވެ. މި ފޮތް މޯލްޑިވްސް ލޯ އިންސްޓިޓިއުޓުންނާއި، ބައެއް ބުކްޝޮޕްތަކުން ލިބޭނެ އެވެ.
Comment