ފްރާންސްގެ ލެ ސޯމާ ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ
އެޑަލައިޑް، އޮސްޓްރޭލިއާ (އޮގަސްޓް 9) - ނިއު ޒީލެންޑާއި އޮސްޓްރޭލިއާގައި މިހާރު ކުރިއަށްދާ ފީފާ ވިމެންސް ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި މޮރޮކޯ އަތުން 4-0 އިން މޮޅުވެ، ފްރާންސް އިން ކުއާޓާ ފައިނަލަށް ދަތުރުކޮށްފި އެވެ.
ގަދަ 16 ބުރުގެ ފަހު މެޗުގައި، ކޮލަމްބިއާ އިން ވަނީ ޖެމެއިކާ އަތުން 1-0 އިން މޮޅުވެ، ކުއާޓާ ފައިނަލުގެ ފަހު ޖާގަ ހޯދައިފަ އެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގައި ތާރީހީ ކާމިޔާބީތަކެއް ހޯދަމުން އައި މޮރޮކޯގެ މައްޗަށް ފްރާންސް އިން ވަނީ ފަސޭހަ މޮޅެއް ހޯދައިފަ އެވެ. އެ ގޮތުން، ފްރާންސް އިން މި މެޗުގެ 23 މިނިޓް ތެރޭގައި ތިން ގޯލު ޖަހާފައިވެ އެވެ. އެ ޓީމުގެ ލަނޑުތައް ޖެހީ ކަޑިޑިއާޓޯ ޑިއާނީ، ކެންޒާ ޑާލީ އަދި ލެ ސޯމާ އެވެ.
ފްރާންސްގެ ފަހު ގޯލު ވެސް ޖެހީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ލެ ސޯމާ އެވެ. އޭނާ މި ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. މި ދެ ގޯލާ އެކު، މުބާރާތުގައި ލެ ސޯމާގެ ޖުމްލަ ގޯލުގެ އަދަދު ވަނީ ތިނަކަށް އަރައިފަ އެވެ.
މޮރޮކޯ ކެޓުމާ އެކު، ވޯލްޑް ކަޕް ތާރީހުގައި ނޮކައުޓް މެޗަކުން މޮޅުވާ ފުރަތަމަ އެފްރިކާ ޓީމަށް ވުމަށް މޮރޮކޯ އިން ދެކުނު ހުވަފެން ނިމުމަކަށް އައީ އެވެ.
ބްރެޒިލް ކަޓުވާލުމަށް ފަހު، ގަދަ 16 ބުރުން ފުރުސަތު ހޯދި ޖެމެއިކާ އަތުން ކޮލަމްބިއާ އަށް ލިބުނީ އުނދަގޫ މޮޅެކެވެ. މި މެޗުގައި ކޮލަމްބިއާގެ ހަމައެކަނި ގޯލު 51 ވަނަ މިނިޓްގައި ކާމިޔާބުކުރީ ޓީމުގެ ކެޕްޓަން، ކެޓަލީނާ އުސްމޭ އެވެ. މިއީ މި ފަހަރުގެ މުބާރާތުގައި ޖެމެއިކާ ކޮޅަށް ވަން ހަމައެކަނި ގޯލެވެ. ޖެމެއިކާ ކޮޅަށް މި މުބާރާތުގައި ގޯލެއް ވަނީ 321 މިނިޓް ފަހުންނެވެ.
މިއީ ކޮލަމްބިއާ އިން ފީފާ ވިމެންސް ވޯލްޑް ކަޕްގެ ކުއާޓާ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.
ސްޕެއިން - ނެދަލެންޑްސް (އޮގަސްޓް 11)
ޖަޕާން - ސްވިޑެން (އޮގަސްޓް 11)
އޮސްޓްރޭލިއާ - ފްރާންސް (އޮގަސްޓް 12)
އިންގްލެންޑް - ކޮލަމްބިއާ (އޮގަސްޓް 12)
Comment